Last Updated: April 24, 17:03
Wednesday, April 24, 2024
ރިޕޯޓް

އިއްތިޙާދު ވާންވީ ހަމައެކަނި އިންތީޚާބު ކާމިޔާބު ކުރުމަކަށްނޫން

ކުރީޒަމާނުގެ ރަށެއްގެ އަހުލުވެރިން އެމީހުންގެ ވެރިންނާއި މެދު ކަންތައް ކުރުމަށް ހަމަޖައްސާފައިވާ އުސޫލަކީ ކޮންމެ އަހަރެއް ނިމުމުން އެމީހުންގެ ރަސްގެފާނު ބަދަލުކުރުމެވެ. ހަމައެއާއެކު އާއަހަރު ފެށެން ވާއިރަށް އެހެން ރަސްކަލަކު ހޮވުމެވެ.

އެގޮތުން އާއަހަރަށް ރަސްކަލަކު ހޮވުމުގައި ކަންތައް ކުރާގޮތަކީ އަހަރުނިމޭ ދުވަހު އެންމެ ފުރަތަމަ އެރަށަށް ވަންނަ މީހަކުބަލައި، އެރަށުގެ ވެރިކަން އޭނައާއި ހަވާލުކުރުމެވެ. އަދި މުއްދަތު ހަމަވާ ރަސް ރަސްކަލުންނާމެދު ކަންތައްކުރާ ގޮތްވެސް ވަރަށް ތަފާތެވެ.

ވެރިކަމަށް އެއްއަހަރު ފުރިހަމަ ވުމުން ރަށްބޭރުގައިވާ، ބިރުވެރި ޖަނަވާރުތަކުން ފުރިގެންވާ ބިޔަޖަންގަލީގެ މެދަށްރަސްގެފާނު ދޫކޮށްލައެެވެ. ދުވަސްކޮޅަކުން ނިކަމެތި ރަސްގެފާނު ބަޑުހައި ހޫނުކަމަށް ކެތް ނުކުރެވިގެން ނުވަތަ މިނިކާ ޖަނަވާރުތަކުގެ ޝިކާރައަކަށް ވެގެން މިދުނިޔެ ދޫކޮށް ދެއެވެ.

މިވީހިސާބަށް އެތައްރަސްކަލުންނެއް ނުރައްކާތެރި ޖަނަވާރުތަކުން ފުރިގެންވާ ޖަންގަލީގައި މިނިކާ ޖަނަވާރުތަކުގެ ޝިކާރައަށްވެގެން ވަނީ ގޮސްފައެވެ. މިފަހަރު އާއަހަރުފެށުނު ދުވަހު އެރަށަށް އެންމެ ފުރަތަމަވަން ޒުވާނާއަކީ ބަލާބެލުމަށް ކޮންމެވެސް ދުރުހިސާބަކަށް ނިސްބަތްވާ ވިސްނުންތޫނު ޒުވާނެކެވެ.

ވަގުތުން އެރަށުގެ އެންމެހައި ރައްޔިތުން އެޒުވާނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔުމަށްފަހު އޭނައަކީ ކުރިޔަށް އޮޮތް އަހަރު އެމީހުންގެ ރަސްގެފާނުކަމުގައި ކަޑައަޅައި އާ ރަސްގެފާނަށް ތަހުނިޔާއާއި މުބާރަކުބާދީ ދެންނެވިއެވެ. ޒުވާނާއަށް ފުރަތަމަ ލިބުނީ ކުއްލި ސިހުމަކާއި ހައިރާންކަމެކެވެ.

އަދި އުފާވެރިކަން ވެސް އިހުސާސް ކުރެވުނެވެ. އެއަށްފަހު ފުރިހަމަ ޢިއްޒަތުގައި ރަސްކަމުގެ ގަޑުވަރަށް ޒުވާނާ ގެންދަވާ، ރަސްކަމުގެ ތަޚުތުގައި ވެޑުވިއެވެ. އެއަށްފަހު ރަސްގެފާނު، އަރިހުބޭކަލުންނާއި ސުވާލުކުރެއްވިއެވެ. އޭނާގެކުރީގެ ރަސްގެފާނުކޮބައިތޯއެވެ؟ ޖަވާބުގައި ރަސްގެފާނާއިމެދު ކަންތައް ކުރުމަށް ހަމަޖެހިފައިވާ އުސޫލު ދެންނެވުނެވެ. އެގޮތުން ކުރީގެ ރަސްގެފާނުމިހާރުވަނީ ޖަންގަލީގެ ތެރެއަށް ދޫކޮށްލާފައި ކަމުގައި ދެންނެވުނެވެ.

މިވާހަކަ އަޑުފުޅުުއެއްސެވުމަށްފަހު ޒުވާން ރަސްގެފާނުގެ ހިތްޕުޅުގައި ކޮންމެވެސް ވަރަކަށް ހާސްކަމާއި ބިރުވެރިކަން އުފެދުނެވެ. ނަމަވެސް ވަރަށް ވިސްނުންތެރިކަމާއެކު ވިދާޅުވިއެވެ. ކުރީގެ ރަސްރަސްކަލުން ޖަންގަލީގެ ތެރެއަށް ދޫކުރާ ތަނަށް ތިމަންނަ ވީއެންމެ އަވަހަކަށް ގެންގޮސްދޭށެވެ. ރަސްކަމުގެ ކޮއިލުގެ މީހުން އައު ރަސްގެފާނު، ކުރީގެ ރަސްރަސްކަލުން ޖަންގަލީގެ ތެރެއަށް ދޫކޮށްލާ ސަރަހައްދަށް އާރަސްގެފާނު ގެންދިޔައެވެ.

މިދަތުރުގައި ރަސްގެފާނު ވަަރަށް ރަގަޅަށް އެސަރަަހައްދު ބައްލަވާލެއްވިއެވެ. އެއަށްފަހު އެނބުރި ގަޑުވަރަށް ވަޑައިގަތެވެ. ޖެހިގެން އައި ދުވަހު ރަސްގެފާނު އަމުރުކުރެއްވީ ރަސްގެފާނުންގެ ގަޑުވަރުންފެށިގެން ޖަންގަލީގެ މެދަށް ރަގަޅުފެންވަރުގެ މަގެއް ތައްޔާރުކުރުމަށެވެ.

އަދި މަގު ނިމޭ ހިސާބުގައި ބޮޑު ގަޑުވަރެއްވެސް ތައްޔާރުކުރުމަށެވެ. އަދި އެގަޑުވަރުގައި އުފަލުގައި ދިރިއުޅެވޭނެ ހުރިހައި ވަސީލައްތައްވެސް ގާއިމު ކުރުމަށެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގަޑުވަރާއި މަގުތައް ތައްޔާރުކޮށް ނިންމާލެވުނެވެ. ރަސްކަމަށް އަހަރު ފުރިހަމަ ވުމުން އެރަށުގެ ރައްޔިތުންނަށް ރަސްގެފާނު ވިދާޅުވިއެވެ.

ކަލޭމެން ކަލޭމެންގެ އާދަކާދައިގެ މަތިން އަހަރެން ގެންގޮސް ޖަންގަލީގެ މެދަށް ދޫކޮށްލާށެވެ. ޖަވާބުގައި ދެންނެވުނެވެ. އޭމާތް މަނިކުފާނެވެ. އަހަރެމެން އަހަރެމެންގެ އާދަކާދަތައް މިއަދުން ފެށިގެން ދޫކޮށްލައިފީމެވެ. ސަބަބަކީ އަހަރުމެންނަށް ވިސްނުންތެރި ގާބިލު ރަސްކަލަކު ލިބުމެވެ. ޖަންގަލީގެ ތެރެއަށް ކުރިންދޫކުރި ރަސް ރަސް ކަލުންނަކީ ނާގާބިލު ވިސްނުމެއްނެތް ރަސް ރަސް ކަލުންނެވެ.

އެމީހުންނަށް ރަސްކަން ލިބުމުން ކުރީގެ ދިރިއުޅުން ހަނދާންނެތިކޮއްލުމާއެކު ތިމާގެ ކުރިމަގާއި މެދު ފިކުރު ކުރުމެއްނެތި ހަމައެކަނި އުފަލާއި މަޖާ ކުރެއްވުމުގައި އަހަރުދުވަސް ހޭދަކުރެއްވީއެވެ. އެއާއި ޚިލާފަށް މަނިކުފާނުންގެ ކިބައިން ފެނިގެންދިޔައީ ވިސްނުންތެރިކަމާއި އެކު މަނިކުފާނުންގެ ކުރިމަގު ކަޑައަޅުއްވައިގެން މަސައްކަތްޕުޅު ކުރެއްވި ތަނެވެ. އެހެންކަމުން މަނިކުފާނަކީ އަޅުގަޑުމެންގެ މައްޗަށް ހެޔޮ ގޮތުގައި ރަސްކަން ކުރެއްވިދާނެ ގާބިލު ރަސްކަލެކެވެ. އުފަލާއި އަރާމުގައި ރަސްކަމުގައި ދެމިހުންނަވާށެވެ.

މަތީގައި ބަޔާންކުރެވުނީ ޚިޔާލީ ވާހަކައެކެވެ. އެހެނަސްވަރަށް ޢިބުރަތްތެރި ވާހަކައެވެ. ޚާއްސަކޮށް ވެރިކަމުގައި މިހާރު ދެމިތިއްބެވި އަދި ކުރިމަގުގައިވެރިކަމަށް އަންނަން މަސައްކަތްކުރައްވާ ސިޔާސީ ލީޑަރުންނަށް ވަރަށް ޢިބުރަތްތެރި ވާހަކައެއްކަމާމެދު ޝައްކެއްނެތެވެ.

ވެރިކަމުގެ އެންމެހާ ބާރުތައް އުފުލިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ކަށަވަރެވެ. އިސްލާހުކުރެވުނު ގާނޫނުއަސާސީން ދިވެހިންވަނީ ދެ ރައީސުން އިންތިޚާބުކޮށް ފައެވެ. އަދި މިމުއްދަތުގެ ތެރޭގައި މިހާރުވެރިކަން ކުރައްވަމުން ގެންދަވަނީ ތިންވަނަ ރައީސެވެ.

2013 ވަނައަހަރު ބޭއްވުނު އިންތިޚާބުގެ ފުރަތަމަބުރުގައި ޔާމީނު އަބުދުއްޤައްޔޫމަށް ލިބިވަޑައިގަތީ 29.73 އިންސައްތަ ވޯޓެވެ. އެމްޑީޕީ ކެންޑިޑޭޓަށް 46.93 އިންސައްތަ ވޯޓެވެ. ޖުމުހޫރީޕާޓީގެ ކެންޑިޑޭޓަށް 23.34 އިންސައްތަ އެވެ.

ދެވަނަބުރުގައި އެމްޑީޕީ ކެންޑިޑޭޓާއި ވާދަކޮށް ޔާމީނު އަބުދުލްގަޔޫމަށް އިންތިޚާބު ކާމިޔާބު ކުރެއްވުނީ ވަރަށްގިނަ ބަޔެއްގެބުރަ މަސައްކަތުންނެވެ. ޖުމުހޫރީޕާޓީގެ ލީޑަރ ގާސިމު އިބުރާހީމް އާއި އަދާލަތުޕާޓީ އާއި އެމްޑީއޭ އަދި ރައްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންގެ ބުރަމަސައްކަތް ހިމެނެއެވެ.

ޚާއްސަކޮށް ޕީޕީއެމްގެ ޒައީމު ކުރީގެ ރައީސު މައުމޫނު އަބުދުލް ގައްޔޫމު އާއި އެޕާޓީއާއި އަލަށް ގުޅިވަޑައިގަތް ރައީސު ޔާމީނުގެ ރަނިންމޭޓް އަދި މިހާރުގެ ނައިބު ރައީސު ޑރ.މުހައްމަދު ޖަމީލުގެ ގުރުބާނީތައް ފާހަނގަ ކޮށްލަންޖެހެއެވެ.

އެހެނަސް ރައީސު ޔާމީނު ވެރިކަމަށް ގެނައުމަށްޓަކައި ބުރަ މަސައްކަތްކުރި ބައެއް ފަރާތްތައް، އަދި އެފަރާތް ތަކުން ކުރިހޭދައިގެ މަތިން ހަނދުމަ ނެތި ގޮސްފައިވާ ކަހަލައެވެ. ހުޅުމާލެ ސްކޫލްގައި ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ނައިބު ރައީސު ޑރ.މުހައްމަދު ޖަމީލު ވިދާޅުވެފައިވަނީ "ރިޔާސީއިންތިޚާބު ޕީޕީއެމަށް ކާމިޔާބުކުރުމަކީ އެއްވެސް ބަޔެއްގެ ބާރުން ނުވަތަ ވަސީލަތެއްގެ ސަބަބުން ލިބުނު ކާމިޔާބީއެއް ނޫންކަމުގައެވެ.

އަދި ވިދާޅުވީ މިފާހަނގަކުރަމުންދާ ކާމިޔާބު މިންވަރުކުރެއްވީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ހެޔޮ މިންވަރުފުޅާއި އެކީގައި ރާއްޖޭގެ ދީނީ އަގީދާގެ ސަބަބުން ކަމަށެވެ." ކެޔޮގަޑު ކަޑާ ލުމުން ގަހުގެ ބޭނުމެއް ނުވޭ ބުނާ ވިސްނުން ދޫކޮށްލައްވަން ޖެހެއެވެ. އިއްތިހާދަކީ ގަދަފަދަ ބާރެކެވެ. ވަކިވެގަތުމަކީ ނިކަމެތިކަމެކެވެ.

ޔާމީނު އަބުދުލް ގައްޔޫމުގެ ވެރިކަމަށް އަހަރުފުރިހަމަ ވަނީއެވެ. މިމުއްދަތުގެ ތެރޭގައި ރައީސު ޔާމީނު އަބުދުލް ގައްޔޫމުގެ ޕާޓީންވަނީ މަޖިލިހުގެ ސާފު މެޖޯރިޓީ ހޯދާފައެވެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭންބޭނުންވާ ވެރިޔަކަށް އެއްވެސް ހުރަހެއްނެތެވެ.

އެސްއީޒެޑް ބިލްވަނީ މަޖިލިހުން ފާސްކޮށްފައެވެ. ރާއްޖޭގައި އުފައްދާ ސްޕެޝަލް އިކޮނޮމިކް ޒޯން ތަކުގެ ސަބަބުން އާމްދަނީ އިތުރުވެ، ގައުމުގެ އުފެއްދުންތެރިކަންއިތުރުވެ، ރައްޔިތުންނަށްލިބޭ މަންފާ އިތުރުވުމަކީ ކޮންމެ ރައްޔިތަކުވެސް އެދޭ އެދުމެކެވެ. ނަމަވެސް މިބިލާމެދު އިދިކޮޅުފަރާތްތަކުން އުފައްދާ ގިނަގުނަ ސުވާލުތަށް އެބަހުއްޓެވެ.

މާލެ- ހުޅުލެެ ބުރިޖް އެޅުމަކީވެސް މުހިއްމުކަމެކެވެ. އަދިހަމަ އެއާއެކީ ދިވެހިގާނޫނު އަސާސީން ދިވެހިކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭ އަސާސީ ހައްގު ތަކެއްވެސް ވެއެވެ. ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ރައްޔިތުން އަތޮޅުތަކުގައި ދިރިއުޅެނީ މިއަސާސީ ހައްގުތަކުން މަހުރޫމު ވެގެންނެވެ.

ގާނޫނު އަސާސީގައި ތަބީޢީ މުއްސަދިކަން ހުރިހާ ރައްޔިތުންނަށް ހަމަހަމަޔަށް ލިބިދޭން ޖެހޭނެކަމަށް ބަޔާންކުރެއެވެ. ދިވެހިންގެ މުއްސަދިކަމަކީ ހަމައެކަނި ވަކި ސަރަހައްދަކަށް ނުވަތަ ވަކި ސަރަހައްދެއްގައި ދިރިއުޅޭ ބަޔަކަށް ޚާއްސަ ކަމެއްނޫނެވެ.

ދިވެހި ކޮންމެ ދަރިޔަކު، ތިމާމެންނަށްލިބެންޖެހޭ ހައްގުތަކަކީ ކޮބައިކަން ދަންނަންޖެހެއެވެ. އެހައްގުތަކަކީ ކޮބައިތޯ އަމިއްލަނަފުސާއި ސުވާލު ކުރަންޖެހެއެވެ. އަދި އެހައްގުތައްލިބިގަތުމަށް ގަދައަޅައި ހެޔޮގޮތުގައި މަސައްކަތް ކުރާށެވެ. ނުރޯދަރިިއަކަށް ކިރެއް ނުލިބޭނެއެވެ.

ރައީސު ޔާމީނު އަބުދުލް ގައްޔޫމު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައްޔިޔުންނަށް ގިނަގުނަ ވައުތަކެއް ވަނީ ވެވަޑައިގެންފައެވެ. ޚާއްސަކޮށް އަތޮޅުތަކުގައި ދިރިއުޅޭމުންދާ ނިކަމެތި ރައްޔިތުންނަށެވެ. އިންތިޚާބުކުރިން ކާނިވަލް ސަރަހައްދުގައި ބޭއްވުނު ރެލީއެއްގައި ރައީސު ޔާމީނު އަބުދުލް ގައްޔޫމު ވިދާޅު ވެފައިވަނީ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ތާއީދުކޮށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކޮށްދެއްވައިފިނަމަ ރާއްޖެ ނުދެކޭފަދަ ތަރައްގީއެއް ރާއްޖޭގެ އުތުރާ ދެކުނުގެ ރަށްތަކަށް ގެނެސްދެއްވާނެ ކަމަށެވެ.

އަދި ވިދާޅުވީ " އަޅުގަޑުމެންގެ ސަރުކާރަކީ އިހުސާންތެރި އިޚުލާސްތެރި ސަރުކާރެއްކަމަށެވެ." ރައްޔިތުން ކެތްމަދުވެފައި މިތިބީ ތަރައްގީގެ އުފަލާއި އަރާމު ލިބިގަތުމަށެވެ. ރައްޔިތުން ބޭނުންވަނީ ސުލްހަވެރި އަމާން މުޖުތަމައެކެވެ. މިދައުރު ނިމި 2018 ގައި އަލުން ރައީސުލްޖުމުހޫރިއްޔާ ހޮވުމަށް ވޯޓް ދޭނީވެސް ހަމަ ދިވެހި ރައްޔިތުންނެވެ.