Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މައްސަލަ ހުރި އިންޑޯ ޕެކެޓާއި މައިލޯ ޕެކެޓް ނުފެނޭ : ޕަބްލިކް ހެލްތް

އައްޑޫގައި ވިއްކަން ހުރި އިންޑޯ މިލްކް ޕެކެޓާއި މައިލޯ ޕެކެޓްތަކަކުން ފަނިތަކެއް ފެނިފައިވާ ކަމަށް ޝަކުވާ ލިބުނު ލިބިގެން ބެލި ބެލުމުން އެފަދަ އެއްވެސް ނިޝާނެއް މިހާތަނަކަށް ނުފެންނަ ކަމަށް އައްޑޫ ޕަބްލިކް ހެލްތް ޔުނިޓުން މިއަދު ބުނެފި އެވެ.

އެ ޔުނިޓް ހިންގަމުންދާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ ޝަކުވާ ލިބުމާ ގުޅިގެން ޕަބްލިކް ހެލްތް ޔުނިޓުން އައްޑޫގެ 51 ފިހާރައެއް ޗެކް ކުރިއިރު އެފަދަ އެއްވެސް ބާވަތެއްގެ ފަނި ހުރި އެއްޗެއް ފެނިފައިނުވާ ކަމަށެވެ.

މީގެ އިތުރުން ހިތަދޫގެ އެކި ހިސާބުތަކުން ރެންޑަމްކޮށް މައިލޯ ޕެކެޓް އަދި އިންޑޯމިލްކުގެ ސްޓްރޯބެރީ ވައްތަރުގެ ޕެކެޓް ކަނޑައިގެން ބެލިއިރު ވެސް އެފަދަ އެއްވެސް މައްސަލައެއް ނުފެންނަ ކަމަށް ވެސް އެބަޔާނުގައިވެއެވެ.

"މުއްދަތު ހަމަވެ ހޫނުވެގެން ނޫން ނަމަ މިފަދަ ގޮތަކަށް ހަލާކުވެފައިވާ އެއްވެސް ބާވަތެއްގެ ލުއި ބުއިމެއް އައްޑޫގެ އެއްވެސް ފިހާރައަކުން ފެނިފައިނުވާކަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ޔަގީންކޮށްދެމެވެ،" ހިތަދޫ ޕަބްލިކް ހެލްތް ޔުނިޓުން ނެރުނެ ބަޔާނުގައި ބުނެފައިވެއެވެ.

މައިލޯ ޕެކެޓް ތަކާއި އިންޑޯ މިލްކް ޕެކެޓް ތަކުން ފަނި ފެނުނުކަމަށް މީޑިއާގައި ފެތުރުމާއި ގުޅިގެން ރާއްޖެއަށް މައިލޯ އެތެރެކޮށް ޑިސްޓިރިބިއުޓްކުރާ ލިލީ އެންޓަޕްރައިޒަސްގެ ޓީމެއް ވަނީ މިހަފްތާގައި އައްޑޫއަށް ޒިޔާރަތްކޮށްފައެވެ. އެފަރާތުން ވަނީ ފިހާރަތަކުގައި ބަހައްޓާފައި ހުރި މައިލޯ ޕެކެޓް ޗެކްކޮށްފައެވެ. އަދި އެފަރާތުން ބެލި ބެލުމުގައި މައިލޯ ޕެކެޓަކުން އެފަދަ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށް ވަނީ ބުނެފައެވެ.

އައްޑޫގެ ފިހާރަކުން ވިއްކާ މައިލޯ އަދި އިންޑޯ މިލްކް ޕެކެޓް ތަކުގައި ކުދި ކަޅު ފަނިތަކެއް ހުރި ވާހަކަ އައްޑޫ ސިޓީ ކައުންސިލާއި ހިތަދޫ މެދުވަލު ސްކޫލުން ވަނީ ޕަބްލިކް ހެލްތަށް ހުށަހަޅާފައެވެ.