Last Updated: April 24, 23:11
Wednesday, April 24, 2024

ބޯހިމެނުމަށް އެއްބާރުލުން ދިނުމަށް މޭޔަރ ގޮވާލައްވައިފި

ސޯބެ ކަންމަތީ ބައްދަލުވުމުގައި. ފޮޓޯ: އަސްލަމް ޕޭޖް

އިއްޔެ ހެނދުނު ފެށި ބޯހިމެނުމުގެ މަސައްކަތަށް އައްޑޫގެ އެންމެހާ ރައްޔިތުން އެއްބާރުލުން ދިނުމަށް މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) އިލްތިމާސްކުރައްވައިފިއެވެ.

ސޯބެ ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތަކީ ސިޔާސީ ކަމެއް ކަމަށް ދެކިގެން ނުވާނެކަމަށާއި، އެކަމަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުންދޭން ޖެހޭ ކަމަށެވެ.

"ބޯހިމެނައިގެން ހޯދޭ މައުލޫމާތަކީ ޤައުމުގެ ތަރައްޤީއަށް ވަރަށް މުހިންމު ބޭނުންތެރި މައުލޫމާތެއް.އައްޑޫގެ ހުރިހާ ރައްޔިތުން އެއްބާރުލުންދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން" ، މިއަދުގެ ވަގުތެއްގައި މޭޔަރ ކުރެއްވި ޓްވީޓެއްގައި ވެއެވެ.

ބޯހިމެނުމަށް ރައްޔިތުން އެއްބާރުލުން ދިނުމަށް މޭޔަރ ގޮވާލައްވާފައިވާއިރު ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދަން ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި އޭނާ ހޯދަން ސަމާލުކަމެއް ނުދީ، ބޯހިމެނުން ކުރިއަށް ގެންދާނަމަ ބޮއިކޮޓްކުރަން ޖެހިދާނެ ކަމުގެ އިންޒާރު މޭޔަރ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވަނީ ދީފައެވެ.

އިއްޔެއިން ފެށިގެން މިމަހުގެ 27 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ ބޯހިމެނުމުގައި، މައުލޫމާތު ހިއްސާ ނުކުރާ ފަރާތްތައް ޖުރިމަނާ ކުރަމުންދާނެ ކަމަށް ނެޝަނަލް ޕްލޭނިން ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.