Last Updated: April 19, 22:45
Friday, April 19, 2024
މީހުން

ބްރިގޭޑިއާ އިބްރާހިމް ދީދީ ކޮބާ ؟

ހިތަދޫ މެދު ދާއިރާގެ މަޖިިލިސް މެންބަރު ބްރިގޭޑިއާ އިބްރާހިމްދީދީ ކޮބާ ހެއްޔެވެ؟ މިއީ ދާއިރާގެ އެންމެހާ ރައްޔިތުން މިއަދު ކުރަމުން ގެންދާ ސުވާލެކެވެ.

މަޖިލީހުގެ މެންބަރު ކަމުގެ ހުވާކުރެއްވުމަށް ފަހު ދެތިން ފަހަރަކު ހިތަދޫ އަށް ވަޑައިގެންނެވިކަމަށް ވެއެވެ. އެފަަހުން އިބްރާހިމްދީދީގެ ހަބަރެއް ދާއިރާގެ ރައްޔިތުންނަކަށް ނުވެއެވެ.

"ފޯނަށް ގުޅުމުން ޖަވާބެއް ނުދޭ. ޓެކްސްޓް މީ ޖަހާފަ މެސެޖް މިފޮނުވަނީ." އިބްރާހިމްދީދީގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި ބޭފުޅަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
brig

އިބްރާހިމްދީދީގެ ފޭސްބުކް ޕޭޖްގައި ޖުލައި 28 ވަނަ ދުވަހުގެ ފަހުން އެއްވެސް އަޕްޑޭޓެއް ނެތެވެ. ޓްވިޓާ އެކައުންޓްގަ ވެސް އެންމެ ފަހުން ޓްވީޓެއް ކޮށްފައިވަނީ ހަމަ ޖުލައި 28 ވަނަ ދުވަހުއެވެ. ޖުމްލަ ގޮތެއްގައި ދަންނަވަން ޖެހެނީ ސޯޝަލް މީޑިއާގައި އިބްރާހިމްދީދީ އަކީ "ހަނު" ހުންނަވާ ބޭފުޅެއް ކަމުގައެވެ.

"އަޅުގަނޑު މަޖިލީހުގައި މަސައްކަތަ ކުރާނީ ރައްޔިތުންނާ ގުޅިގެން، ސިޓީ ކައުންސިލާ ގުޅިގެން " ކަމަށް ވިދާޅުވި ބޭފުޅާގެ ޚަބަރެއް ނުވެގެން ހިތަދޫ މެދު ދާއިރާގެ ގިނަ ރައްޔިތުން ތިބީ މާޔޫސްވެފައިކަން ޔަޤީނެވެ.

އިބްރާހިމް ދީދީގެ ހަބަރެއް އެންމެ ފަހުން މިޑިއާއިން ފެނިފައިވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑޭ މައްސަލާގައި، ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން މަޖްލިސްއަށް ހާޒިރު ކުރުމަށް މީދޫ ދާއިރާގެ މަޖްލިސް މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި މައްސަލަ މަޖްލިސްއިން ބަލައި ނުގަތުމުން އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުންނެވެ.

އެބައްދަލުވުމުގައި އިބްރާހިމް ދީދީ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އިބްރާހިމް ދީދީ މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ، އޭނާ އާއި ރައްޔިތުން ހަވާލް ކުރި މަސައްކަތް ބަރާބަރަށް ކުރިއަށް އެބަ ގެންދާ ކަމަށެވެ. އަދި އެކަން މަޖްލިސްގެ ޔައުމިއްޔާއިން ފެންނާނެކަމަށެވެ.

"އަޅުގަނޑަކީ ފޯނު ނުނަގާ މީހެއް ނޫން. އަޅުގަނޑަކީ ވެސް އިންސާނެއް، ފޯނު ނުނެގޭނެ ވަގުތުވެސް ހުންނާނެ" އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ޓެލެވިޒަން މޯލްޑިވްސް އިން ބޭއްވި ދާއިރާތަކުގެ ބަހުސް ނިންމާލަމުން ރިޓަޔާޑް ބްރިގޭޑިޔާ އިބްރާހިމްދީދީ ވިދާޅުވެފައި ވަނީ، "އަޅުގަނޑަކީ ތިބޭފުޅުންގެ އަޚެއް. އަވަށްޓެރިއެއް." ކަމަށެވެ.