Last Updated: April 25, 12:03
Thursday, April 25, 2024

ވައްކަމުގެ މައްސަލައެއްގައި ހިތަދޫ މީހަކު ޖަލަށް

ވައްކަމުގެ މައްސަލައެއްގައި ސ.ހިތަދޫ ދެކުލައަރާގޭ، މުހައްމަދު އަސްލަމް 1 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިމަހުގެ 16 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ، " ގ.މޭޕްލް ލީފް ގޭގެ ދެވަނަ ފަންގިފިލާގެ ފާޚާނާގެ ފެންލައިޓުގެ ތަންޑު ހަލާކުކޮށްލައިގެން އެގޭތެރެއަށް ވަދެ، އެގޭގެ ދެވަނަ ފަންގިފިލާގައި ހުންނަ އިންސްޓިޓުއުޓް އޮފް ދަ ހޯލީ ޤުރުއާނުގެ ކޯޗިން ސެންޓަރުގެ އޮފީސްތެރޭގައި ހުރި ކޮމްޕިއުޓަރ ސިސްޓަމްތަކާއި ގުޅާފައިހުރި 4 ސީޕީޔޫއާއި، ސީޕީޔޫއެއްގެ ރޭމް ވަގަށް ނަގާފައިވާކަމަށް ބުނެ. ޝަރީއަތުގެ މަޖިލީހުގައި މުހައްމަދު އަސްލަމް މިކުށަށް އިއުތިރާފް ވެފައިވާތީ މުހައްމަދް އަސްލަމްގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް މުހައްމަދު އަސްލަމް ތަނެއް ހަލާކުކޮށްލައިގެން ވައްކަން ކުރުމުގެ ކުށުން ކުށްވެރިވެެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވައްކަން ކުރުމުގެ ކުށަށް 6 މަސްދުވަސް، މީނާ ވައްކަން ކޮށްފައިވަނީ ތަނެއް ހަލާކުކޮށްލައިގެން ކަމަށްވާތީ، ބުނެވިދިޔަ ޤާނޫނުގެ 137 ވަނަ މާއްދާގެ ދަށުން، 1 އަހަރަށް އެކު ޖުމްލަ 1 އަހަރާއި 6 މަސް ދުވަހަށް ސ.ހިތަދޫ / ދެކުލައަރާގެ މުހައްމަދު އަސްލަމް ޖަލަށް ލުމަށް ހުކުމްކޮށް މިޤާޒިއްޔާ ނިންމީއެވެ."

ވައްކަމުގެ މައްސަލައިގައި މުހައްމަދު އަސްލަމް ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.