Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ސިޒޭރިއަން ހެދުމަށްފަހު ނެގި ކުއްޖަކު މަރުވިތާ 24 ގަޑި އިރު ނުވަނީސް ޑޮކްޓަރު ފުރައިފި

އައްޑޫގެ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިމަހުގެ 19 ވަނަ ދުވަހު ސިޒޭރިއަން ހެދުމަށްފަހު ނެގި ތުއްތު ކުއްޖަކު ނިޔާވިތާ 24 ގަޑިއިރު ނުވަނީސް އެތަނުގައި މަސައްކަތް ކުރަމުން ދިޔަ އަންހެނުންގެ ޑޮކްޓަރު ފުރައިގެން ގޮސްފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ސިޒޭރިއަން ހެދުމަށްފަހު ނެގި ތުއްތު ކުއްޖާ ނިޔާވުމުގައި އަންހެނުންގެ ޑޮކްޓަރުގެ އިހްމާލުތަކެއް ވެއެވެ.

ނިޔާވި ތުއްތު ކުއްޖާގެ ބައްޕަ މިއަދު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ އަންހެނުން ބަނޑަށް ތަދުވާތީ ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައީ މިމަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށްފަހު ، ފަރުވާ ދީފައިވަނީ ޔޫރިން އިންފެކްޝަނަކަށް ސަސްޕެކްޓްކޮށްކަމަށެވެ.

"އަޅުގަނޑުމެން ހޮސްޕިޓަލަށް ދެއްކުމުން އެޑްމިޓްކޮށް، އިންޖެކްޝަނެއް ޖެހުމަށްފަހު 18 ވަނަ ދުވަހު ދޫކޮށްލީ، ބުނީ ޔޫރިން އިންފެކްޝަނެކޭ، އެހެންވެގެންނޭ ބަނޑަށް ތަދުވަނީ. އެހެން ކިޔާފައި، 18 ވަަނ ދުވަހު ދޫކޮށްލީ"

އޭގެ ފަހުން 19 ވަނަ ދުވަހު ދަރިފުޅުގެ، ހަރަކާތް ނުކުރާތީ އަނެއްކާވެސް ހޮސްޕިޓަލަށް ގޮސް ދެވަނަ ފަހަރަށް އަންހެނުންގެ ޑޮކްޓަރަށް ދެއްކުމުން އެޑްމިޓްކޮށް ދަރިފުޅުގެ ފުރާނައަށް ގެއްލުންވާ ކަމަށް ބުނެ ސިޒޭރިއަން ހަދަން ތައްޔާރުވި ކަމަށެވެ.

"އަޅުގަނޑު ގާތު ނަރުހުން ބުނީ ވަރަށް ސިރިއަސް އޭ، އެބަޖެހޭ ވަރަށް އަވަހަށް ސިޒޭރިއަކަށްދާން، ވޯޓާ ބޭގް ބްރޭކް ވެފައޭ ހުރީ"

އޭނާ ބުނީ ސިޒޭރިއަން ހެދުމަށްފަހު އަންހެނުން ތިއޭޓަރުން ނެރެ ވޯޑަށް ބަދަލު ކުރިފަހުން އެތައް އިރެއްވީ އިރުވެސް ދަރިފުޅު ނުދައްކާ ކަމަށާއި، ވެގެން އުޅޭ ގޮތެއް އެއްވެސް ފަރާތަކުން ނުބުނި ކަމަށެވެ.

"އަޅުގަނޑު ތިއޭޓަރު ކައިރީގައި ހުންނަތާ އެތައް އިރެއްވީ ފަހުން ތިއޭޓަރުން ގޮވާލާފަ ބުނީމަ އެތެރެއަށް ވަން އިރު ދަރިފުޅު އޮތީ އޮކްސިޖަނާއި ގުޅާފައި، ޑޮކްޓަރު ބުނީ ބޭބީ ވަރަށް ސިރިއަސްއޭ، ސިކުޑީގައި މައްސަލައެއް އުޅޭނެޔޭ މިދަނީ ފަރުވާ ދެމުންނޭ. އައިސީ ޔޫއަށް ބޭބީ ވެއްދުމަށް ފަހު އަޅުގަނޑު ބުނިން އިތުރު ފަރުވާއަށް މާލެ ގެންދަން ބޭނުމޭ. އެހެން ބުނުމުން ބުނީ އެރޭ ފަތިހު ބޭބީ މާލެ ފޮނުވޭނެ އިންތިޒާމް އެބަ ހަމަޖައްސަމޭ"

އޭނާ ބުނީ އެގޮތަށް ޑޮކްޓަރު ބުނެފައި އަނެއްކާވެސް އެރޭ ފަތިހު ބޭބީ މާލެ ނުފޮނުވޭނެ ކަމަށް ބުނި ކަމަށެވެ.

"އަޅުގަނޑު ބޭބީ މާލެ ގެންދިއުމަށް ތައްޔާރުވަމުން ދަނިކޮށް، ނަރުހުން އަންނަން ބުނުމުން އައިސީޔޫއަށް ދިއުމުްނ އެތަނުން ދިމާވި ދިވެހި ޑޮކްޓަރަކު ބުނީ ދަރިފުޅު މާލެ ގެންދިއުމުގެ ބޭނުމެއް ނެތޭ، މާލެ ގެންދިޔަޔަސް، އެމެރިކާއަށް ގެންދިޔައަސް ދޭނީ މިތަނުން މިދޭ ފަރުވާއޭ، އެހެންވެ ދިއުމުގެ ބޭނުމެއް ނެތޭ"

އޭނާ ބުނީ 20 ވަނަ ދުވަހުގެ ހެނދުނު މާލެ ބޭބީ ގެންދިއުމަށް ތައްޔާރުވަމުން ދަނިކޮށް އައިސީޔޫއަށް އައުމަށް އެދިގެން ދިޔަ އިރު ބޭބީ އަށް ގުޅާފައި ހުރި ހުރިހާ ހޮޅިތަކެއް ނައްޓާލާފައި ދަރިފުޅު މޫނުގައި ފޮތި އަޅާފައި އޮތްކަމަށެވެ.

"މިހާދިސާގައި ހޮސްޕިޓަލާއި ޑޮކްޓަރުގެ ވަރަށް ބޮޑު އިހްމާލު އެބައޮތް، އަދި މިހާތަނަށްވެސް މިކަމާއި ގުޅިގެން ހޮސްޕިޓަލުން ރަސްމީ އެއްޗެއް ނުބުނޭ"

މިހާދިސާ ހިގި އިރު ހޮސްޕިޓަލްގައި އަންހެނުންގެ ޑޮކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔައީ އެމްއެންޑީއެފްގެ ޑޮކްޓަރެކެވެ. އަދި ޑޮކްޓަރު ފުރައިގެން ގޮސްފައިވަނީ އޭނާއަށް އެއާއިލާއިން އިންޒާރުދޭތީ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މީގެ ކުރިން މަސައްކަތް ކުރަމުން ދިޔަ އިންޑިއާގެ ޑޮކްޓަރު މައްސަލަތަކެއް ހުރެގެން އޭނާ ވަނީ ފުރުވާލާފައެވެ. އަދި އޭނާގެ ބަދަލުގައި ދެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އައީ އެމްއެންޑީއެފްގެ ފަރާތުން ފޮނުވި ޑޮކްޓަރެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މީގެ ކުރިންވެސް ވަނީ މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައެވެ. ނަމަވެސް އަދި މިހާތަނަށް މިއިން ކަމެއް އެކަށީގެންވާ ގޮތެއްގައި ބެލިފައި ނުވެއެވެ.