Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

އައިއެމްޑީސީގެ ހިދްމަތް ފުޅާ ކުރުމުގެ މަސައްކަތް ފަށައިފި

އައިއެމްޑިސީ ހޮސްޕިޓަލް: ފޮޓޯ/ އައްޑޫ ލައިވް

ހިތަދޫގައި ހިންގަމުން އަންނަ އައިއެމްޑީސީ ހޮސްޕިޓަލުން ދެމުން ގެންދާ ހިދްމަތް މިހާރަށްވުރެ ފުޅާކޮށް، ފޯރުކޮށްދިނުމުގެ މަސައްކަތް އެ ހޮސްޕިޓަލުން ފަށައިފިއެވެ.

އައިއެމްޑީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އައިއެމްޑީސީގެ ހިދްމަތް ފުޅާ ކުރުމުގެ ގޮތުން، ހޮސްޕިޓަލުގެ އެކްސްޓެންޝަން ޕްލޭންގެ ދަށުން އިމާރާތް ބޮޑުކުރުމުގެ މަސައްކަތްތަކާއި، އިތުރު އިކުއިޕްމަންޓްސް އާއި، ޑޮކްޓަރުންނާއި އަދި ތަފާތު ދާއިރާތަކުގެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް މިކުރަނީ އައިއެމްޑީސީ ހޮސްޕިޓަލް ދެކުނުގެ ލީޑިން ހޮސްޕިޓަލަކަށް ހަދަން. މިހާރުވެސް އަޅުގަނޑުމެންގެ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް އިތުބާރު ހުރި ޑޮކްޓަރުން، އަދި އިތުރު އެހެން ޑޮކްޓަރުން ވަރަށް އަވަހަށް ގެންނަން މިދަނީ މަސައްކަތް ކުރަމުން"

އައިއެމްޑީސީ ހޮސްޕިޓަލްގެ ހިދްމަތް ފުޅާ ކުރުމުގެ މަޝްރޫއު ކުރިއަށްގެންދަނީ ހޮސްޕިޓަލް ހިންގަމުން އަންނަ ސިމްޑީ ގްރޫޕްގެ ސީއީއޯ އަދި ކުރީގެ ހެލްތު މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާގެ ހާއްސަ ބެއްލެވުމުގެ ދަށުންނެވެ.

އައިއެމްޑީސީގެ ހިދްމަތް ފުޅާ ކުރުމުގެ މަސައްކަތް ފަށާފައިމިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހިދްމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ އެތަނުން ގިނަ ފަރުވާ ލިބެން ނެތް ވަގުތެއްގައެވެ.

އެގޮތުން މިވަގުތުވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އަންހެނުންގެ ޑޮކްޓަރަކު ނެތް އިރު، މާބަނޑު އަންހެނުންނަށް ފަރުވާ ދެމުން ގެންދަނީ އައިއެމްޑީސީގެ އަންހެނުންގެ ޑޮކްޓަރެވެ.