Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

"ހުޅުދޫ އަވަށު އޮފީހަށް މުވައްޒަފުންގެ ދަތިކަން ބޮޑު"

ހުޚުދޫ އަވަށު އޮފީހުން ރައްޔިތުންނަށް ދުވަހުން ދުވަހަށް ފޯރުކޮށްދޭން ޖެހޭ ހިދްމަތް ދިނުމުގައި، މުވައްޒަފުންގެ ދަތިކަން އިންތިހާއަށް ބޮޑު ކަމަށް ހުޅުމީދޫ ދާއިރާގެ ކައުންސިލަރު އަލީ މުހައްމަދު (އައްދު) ވިދާޅުވެއްޖެއެވެ.

އައްދު ވިދާޅުވީ، މުވައްޒަފުންގެ ދަތިކަން އިންތިހާއަށް ބޮޑުވެގެން އާ މުވައްޒަފުން ހޯދުމަށް ކައުންސިލުން ތަފާތު ފަހަރު މަތިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މުވައްޒަފުން އިތުރު ނުވެގެން އުޅެނީ ދައުލަތުގެ ބަޖެޓްގައި ފައިސާ ނެތިގެން ކަމަށް ކޮންމެ ފަހަރަކުވެސް ބުނާ ކަމަށެވެ.

އައްދު ވިދާޅުވީ އަވަށު އޮފީސް ތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދްމަތް ފޯރުކޮށްދިނުމަށް ތިބެނީ މަދު މުވައްޒަފުން ކޮޅަކަށް ވެފައި، މުވައްޒަފަކު ޗުއްޓީއަށް ގޮސްފިނަމަ އެތައް ކަމެއް ލަސްވެ، ހިދްމަތް ދިނުމަށް ބުރޫ އަރާކަމަށެވެ. ނަމަވެސް މުވައްޒަފުން ކެތްތެރިކަމާއި އެކު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދްމަތަަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"ދައުލަތުގެ ބަޖެޓްގައި ފައިސާ ނެތް ކަމަށް ބުނާއިރު، ކޮންމެ ދުވަހަކު މި ފެންނަނީ އެތައް ސިޔާސީ މަގާމެއް އުފައްދައި، ޕްރޮފެޝަނަލް މަގާމުތަކަަށް ނާގާބިލް މީހުން ހަމަޖައްސާ ބޮޑު މުސާރަ ދޭތަން"

އައްޑޫ ސިޓީ ކައުންސިލުން ވަނީ ތަފާތު ފަހަރު މަތިން ކައުންސިލްގެ އޮނިގަނޑަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް، ސިވިލް ސާވިސް އާއި ފިނޭންސް މިނިސްޓްރީއާއި އެކު ބައްދަލުކޮށްފައެވެ. ނަމަވެސް ކައުންސިލްއަށް ބޭނުންވާ އިދާރީ މުވައްޒަފުން އިތުރު ނުވެގެން އުޅެނީ ދައުލަތުގެ ބަޖެޓް ތާށިކަމުން ކަމަށް ސިވިލް ސާވިސް އާއި ފިނޭންސުން ބުނާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.