Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

އަޒްފާ މަރުވި މައްސަލަ ތަހްގީގުކޮށް ދިނުމަށް އާއިލާއިން ރައީސްއަށް ދަންނަވައިފި

އިއްޒަދީން މަގުގައި ބަހައްޓާފައި ހުރި ދަނގަޑު ހޮޅިއެއް ބޮލަށް ވެއްޓި ފަރުވާ ދެމުން ދަނިކޮށް ނިޔާވި ސ. ހިތަދޫ ލިލަކް، އައިޝަތު އަޒްފާ ޒުހައިރު ނިޔާވި ހާދިސާ ތަހުގީގު ކޮށްދޭން އޭނާގެ އާއިލާއިން ރައީސް އަބްދުﷲ ޔާމީނަށް ދަންނަވައިފިއެވެ.

އަޒްފާގެ ބައްޕަ އަދި ހިތަދޫގައި ހުންނަ ފެނަކަ އޮފީހުގެ އެގްޒެކްޓިވް ޑައިރެކްޓަރު އަބްދުﷲ ޒުހައިރު (އަބުހަރީ ޒުހައިރު) ނެރުއްވި ނޫސްބަޔާނުގައި، ވިދާޅުވީ އޭނާގެ ދަރިފުޅު މަރުވި ހާދިސާ ތަހުގީގުކޮށް، އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ރައީސްގެ އަރިހުން އެދިވަޑައިގެންފައި ވާނެ ކަމަށެވެ. އަދި މައްސަލަ ސިޔާސީ ނުކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ވީހާ ވެސް އަވަހަކަށް ތަހުގީގު ނިންމައި، އިހުމާލުވާ ފަރާތެއް ވާ ނަމަ އެ ބަޔަކާ މެދު ފިޔަވަޅު އަޅައި، އެފަދަ ހާދިސާއެއް ދެން ނުހިނގާނެ ގޮތަކަށް ކަންތައްތައް ބަހައްޓާނެ ކަމަށް އާއިލާ އިން އުއްމީދުކުރާކަމަށެވެ.

އާއިލާ އިން ބުނީ އަޒްފާ މަރުވުމާ ގުޅިގެން ރައީސް ޔާމީން ގުޅުއްވައި އާއިލާގެ ހާލު ބެއްލެވުމުގެ އިތުރުން ސަރުކާރަށް އެހީތެރިވެދެވޭނީ ކޮން ގޮތަކަށްތޯ ވެސް ބެއްލެވި ކަމަށެވެ. އަދި މަރުވުމުގެ ކުރިން އަޒްފާ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވަން ސަރުކާރުން މަސައްކަތް ކުރެއްވިކަމަށް އާއިލާއިން ބުނެއެވެ.

އަޒްފާ މަރުވި މައްސަލަ އާއި ގުޅިގެން އިދިކޮޅު އެމްޑީޕީން މިރޭ ޕެނަލް ޑިސްކަޝަނެއް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ. މި ހާދިސާ އާއި ގުޅިގެން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.