Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ހަބޭސްއަށް ފައިސާ ނުލިބޭ!

ފޭދޫ ހަބޭސް ޓީމް

ރޯދަމަހު މަރަދޫގައި ގޯދިއްޔާއިން ކުރިއަށް ގެންދިޔަ "ގޯދިއްޔާ ފުޓްސަލް ކަޕް"ގެ ޗެމްޕިއަން ޓީމް ފޭދޫ ހަބޭސްއަށް ލިބެން ޖެހޭ 60،000 ރުފިޔާ ނުލިބިގެން އެޓީމުގެ ފަރާތުން މައްސަލަ ޖައްސަން ފަށައިފިއެވެ.

"އައްޑޫލައިވް"އާއި ވާހަކަ ދެއްކި ހަބޭސް ޓީމްގެ އިސް އޮފިޝަލަކު ބުނީ ޗެމްޕިއަން ޓީމަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އެތައް ފަހަރަކު ގޯދިއްޔާގެ އޮފިޝަލުންނަށް ގުޅާފައިވާ ކަމަށެވެ. ނަމަވެސް ފައިސާ ދެވޭނެ ދުވަހެއް ނުބުނާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑު ހޭދައެއް ކޮށްގެން މުބާރާތުގައި ބައިވެރިވީ. ޓީމަށް ލިބެން ޖެހޭ ފައިސާ ނުލިބުމުން އަޅުގަނޑުމެން މިތިބީ އެތައް ބަޔަކަށް ފައިސާ ނުދެވި. އެބަޔަކު އަހަރެމެން ފަހަތުން އެބަ ދުވާ"

ގޯދިއްޔާގެ އޮފިޝަލަކު ބުނީ ހަބޭސް ޓީމަށް ދޭން ޖެހޭ ފައިސާ ނުދެވިގެން އުޅެނީ ސްޕޮންސަރުން އަތުން ލިބެން ޖެހޭ ފައިސާ ނުލިބިގެންކަމަށެވެ.

ހަބޭސް ޓީމުން ބުނީ ފައިސާގެ ކަންކަން ހަމަޖެއްސުމަށް ގޯދިއްޔާއަށް މަސް ދުވަހަށް ވުރެ ގިނަ ދުވަސް ނަގާފައިވާ އިރު އަދިވެސް ފައިސާ ދޭނެ ދުވަހެއް ނުބުނާ ކަމަށެވެ.

"އަޅުގަނޑުމެންނާ ބެހޭ ކަމެއް ނޫން، ސްޕޮންސަރުން އަތުން ފައިސާ ނުލިބުމަކީ. އެއީ އެމީހުންގެ އަމިއްލަ ކަމެއް"

20 ޓީމާއި އެކު ކޮންމެ އަހަރަކު ގޯދިއްޔާއިން ބާއްވަމުން އަންނަ މި މުބާރާތުގައި މިފަހަރު ބައިވެރިވި ކޮންމެ ޓީމެއްގެ އަތުން 5000 ރުފިޔާ ނަގާފައިވާ އިރު މިއަހރުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 60،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މިޓިސުބުޝީން މެއިން ސްޕޮންސާ ކުރި މި މުބާރާތް ހަބޭސް ޓީމުން ކާމިޔާބް ކޮށްފައިވަނީ ކުލަބް މަރަދޫ އާ ބައްދަލުކޮށް 3-2 ލަނޑުންނެވެ.