Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

ބިންހިއްކަން އުޅޭކަން ފޭދޫ ރައްޔިތުން ހަނދާން ނެތިއްޖެ

އައްޑޫ ސިޓީ ފޭދޫގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމެވެ. އެހެން ކަމުން އެރަށުގެ ރައްޔިތުން އަބަދުވެސް އިންތިޒާރުކުރަމުން ގެންދަނީ އެކަމަށް ހައްލެއް ލިބޭނެ ދުވަހަކަށެވެ.

އެކަމަށް ހައްލެއް ލިބެން އޮތީ އެރަށުގެ ބިން ހިއްކައިގެން ކަމަށް ވެފައި ބިން ހިއްކަން ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ރައްޔިތުންގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވީ ރައީސް ޔާމީންގެ ސަރުކާރުން ފޭދޫގެ ބިން ހިއްކާނެ ކަން ހާމަކުރުމާއި ގުޅިގެންނެވެ.

ފޭދޫގެ ގިނަ ރައްޔިތުން ބުނާގޮތުގައި އެމީހުން ފޭދޫގެ ބިން ހިއްކަން މި ސަރުކާރުގައި ފެށިދާނެ ކަމަށް ޤަބޫލުކުރީ ދާއިރާގެ ޕީޕީއެމްގެ މެންބަރަކު ހުރުމުން ކަމަށެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ސަރުކާރަށް ތާއީދުކުރާ މެންބަރަކު ހުރެއްޖެ ނަމަ ރަށަށް ކަންތައްތައް ވުން ފަސޭހަވެގެންދެއެވެ. ގިނަ ބަޔަކު ފޭދޫ ދާއިރާގެ މެންބަރުކަމަށް އިބްރާހިމް ދީދީ (އައިބީ) އަށް ވޯޓު ދިނީ އެ ސަބަބަށްޓަކައި ކަމަށް ފޭދޫގެ ރައްޔިތުންގެ ތެރެއިން އެއްބަޔަކު ޤަބޫލު ކުރެއެވެ.

ފޭދޫގައި ޕީޕީއެމްގެ އޮފީހެއް ހުޅުވުމަށް މިހާރުގެ ނައިބް ރައީސް އަހްމަދް އަދީބް، އެރަށަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަ ދައްކަވަމުން ފޭދޫގެ ބިން ހިއްކުމުގެ މަޝްރޫޢު އޮގަސްޓް މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވިދާޅުވުމާއި ގުޅިގެން ފޭދޫގެ ރައްޔިތުންގެ ތެރެއިން އެއްބަޔަކު އުފަލުންގޮސް ހަޅޭއްލަވައިގަތް ނަމަވެސް އަނެއް ބަޔަކަށް އެވާހަކަ ޤަބޫލެއް ނުކުރެވުނެވެ.

އޮގަސްޓް މަސް ފެށުމާއި އެކު ފޭދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ނުފެށިގެން ރައްޔިތުންގެ ޝަކުވާތަކާއި ނުރުހުން އެންމެ ފުރަތަމަ ވެސް އަމާޒުވެގެން ދިޔަ އެއްބޭފުޅަކީ ދާއިރާގެ މެންބަރ އިބްރާހިމް ދީދީ އަށެވެ.

ސ.ފޭދޫ ޕީޕީއެމް ގޮފީގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރަކު ބުނި ގޮތުގައި އައިބީ ވަނީ ސީދާ ހައުސިން މިނިސްޓަރާއި ބައްދަލުކޮށް ބިން ހިއްކުމާއި ބެހޭގޮތުން މަޝްވަރާކޮށްފައި ކަމަށް އައިބީ މައުލޫމާތު ދޭކަމަށެވެ.
" އައިބީ ވިދާޅުވި މިނިސްޓަރ މުއިއްޒު އާއި ވެސް ވާހަކަ ދެއްކީމޯ. ދެން އެކަމަކު މަށަށް ޤަބޫލެއް ނުކުރެވޭ މުއިއްޒު ވިދާޅުވި ހެނެއް ހޯމަ ދުވަހު ބަޔަކާ ހަވާލުކުރާނަމޭ. ހޯމަ ދުވަސް ވެސް ދިޔައީތާ. ނޭނގެ ކާކު ކަމެއް ދޮގު ހަދަނީ. ކަންބޮޑުވުމަކީ އެކަން ނުފެށި ލަސްވުން. "، އޭނާ ބުންޏެވެ.

ފޭދޫ ދާއިރާގެ މެންބަރ އައިބީ، ދިޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ޖެހިގެން އަންނަ ހޯމަ ދުވަހު (އޯގަސްޓް 28 ) ފޭދޫ ބިން ހިއްކުމުގެ މަސައްކަތް ބަޔަކާއި ހަވާލުކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ހޯމަ ދުވަސް ފާއިތުވެ، އޯގަސްޓް މަސް ވެސް މިވަނީ ނިމުމަކަށް އައިސްފައެވެ. ފޭދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގިގެން ރައްޔިތުން އަދިވެސް ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.

ރައްޔިތުންގެ ފަރާތުން ޕްރެޝަރާއި ކުރިމަތިވާ ނަމަ އަނެއްކާވެސް މެންބަރ އައިބީއަށް ޖެހިވަޑައިގަންނަވާނީ، މިނިސްޓަރ މުއިއްޒު ގާތަށް ގޮސް އަނެއްކާ ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބު ހޯދާށެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވާކަން މީހުން ހަނދާން ނެތުނޭ ވިދާޅުވި ގޮތަށް، ބިން ހިއްކަން އުޅޭކަން ފޭދޫގެ ރައްޔިތުން ހަނދާން ނެތިއްޖެ އޭ، މިނިސްޓަރ މުއިއްޒު ވިދާޅުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.