Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އުމަރު ޕީޕީއެމް އަށް ދިޔައީ މައުމޫނު އެދިގެން : ޕީޕީއެމް އޮފިޝަލް

ހޯމް މިނިސްޓަރ އުމަރް ނަސީރް. ފޮޓޯ: ވީނިއުސް

ހޯމް މިނިސްޓަރު އުމަރު ނަސީރު އަނެއްކާ ވެސް ޕީޕީއެމަށް ސޮއި ކުރައްވާފައިވަނީ ކުރީގެ ރައީސް މައުމޫން އެދިވަޑައިގަތުމަށް ކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

ޕީޕީއެމްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި، އުމަރު ނަސީރު ޕީޕީއެމަށް ސޮއިކުރެއްވީ ރައީސް މައުމޫންގެ ތާއީދު އެބޭފުޅާއަށް އޮންނާނެ ކަމުގެ ޔަޤީންކަމާއި އެކު ކަމަށެވެ. ބައެއް ފަރާތްތަކުން އުމަރު ޕީޕީއެމަށް ސޮއި ކުރެއްވީ ސަރުކާރުގެ ތެރެއިން ޕްރެޝަރު ކުރިމަތިވެގެން ކަމަށް ދެކެވޭ ވާހަކަ އޮފިޝަލް ވަނީ ދޮގުކޮށްފައެވެ.

" ސަރުކާރުގެ ތެރެއިން ވަކި ޕްރެޝަރެއް އޮވެގެންނެއް ނޫން. ސީދާ މައުމޫނުގެ ބެކިން އޮންނާނެ ކަމުގެ ޔަޤީންކަމާއި އެކު އުމަރު 2 ވަނަ ފަހަރަށް ޕީޕީއެމް އަށް އައީ." އޮފިޝަލް ބުންޏެވެ.

އުމަރު ނަސީރު ޕީޕީއެމް އާއި ގުޅިވަޑައިގެންނެވުމުން ރައީސް މައުމޫން އަބުދުލް ގައްޔޫމް ވަނީ މަރުހަބާ ވިދާޅުވެފައެވެ. ރައީސް މައުމޫނު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައި ވަނީ އުމަރަކީ ޕާޓީގެ ވަރުގަދަ ރައުސުލްމާލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އުމަރު ނަސީރު ޕީޕީއެމުން ވަކިވެވަޑައިގެންނެވީ މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ބޭއްވި ޕްރައިމަރީގައި ރައީސް އަބުދުﷲ ޔާމީނާ ވާދަ ކުރައްވައި އެކަމުގެ ތެރޭގައި ހިނގި ދެބަސްވުންތަކުގެ ތެރޭގައެވެ. އޭގެފަހުން އުމަރު ވަނީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައެވެ.