Last Updated: April 20, 17:12
Saturday, April 20, 2024
ޚަބަރު

ގާޒީ ނަޝީދު ފެމިލީ ކޯޓަށް ބަދަލުކުރަން އުޅޭ ވާހަކަތަކަށް ކޮމެންޓެއް ނެތް: ޖޭއެސްސީ

އަދާލާތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ މައްސަލަ ބަލުމަށް އެންމެފަހުން އެކުލަވާލި ބެންޗުގައިވެސް ހިމެނިވަޑައިގަންނަވ ކްރިމިނަލް ކޯޓުގެ ޤާޟީ އަބްދުﷲ ނަޝީދު ފެމިލީ ކޯޓަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި މެދު ކޮމިޝަނުން ވަކި ކޮމެންޓެއް ކުރަން ބޭނުން ނުވާކަމަށް ޖޭއެސްސީއިން ބުނެފިއެވެ.

'އައްޑޫލައިވް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖޭއެސްސީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ޝެއިޚް އިމްރާންގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ އަކު ބަދަލު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާއި ބެހޭގޮތުން އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާކަމަށެވެ. އެހެން ނަމަވެސް ޤާޟީ ޢަބްދުﷲ ނަޝީދު ފެމިލީ ކޯޓަށް ބަދަލު ކުރުމަށް ނިންމާފައިވާކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފައެއް ނުވެއެވެ.

"ގާޟީއަކު ބަދަލު ކޮށްފިނަމަ އެކަން އަޅުގަނޑުމެން މީޑިޔާތަކާއި ހިއްސާކުރާނަން. އެކަމަކު ތި މައްސަލައާއި ބެހޭގޮތުން އަޅުގަނޑު ވަކި ކޮމެންޓެއް ކުރާކަކަށް ނެތިން. " ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ދައުލަތުން އިމްރާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ޝަރީއަތް ކުރިއަށް ގެންދިޔުމަށް މިހާރު އެކުލަވާލާފައި ވާ ބެންޗުގައި ޤާޟީ ޢަބްދުﷲ ނަޝީދުގެ އިތުރުން ދެން ހިމެނި ވަޑައިގަންނަވަނީ ޤާޟީ އަބްދުލްބާރީ ޔޫސުފާއި އަދި ޤާޟީ އަހުމަދު ސަމީރު އަބްދުލްއަޒީޒު އެވެ.

ސޯޝަލް މީޑިއާގައި ބައެއްފަރާތްތަކުން ޚަބަރު ފަތުރާގޮތުގައި ޝެއިޚް އިމްރާންގެ މައްސަލަ ބަލާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ޢަބްދުﷲ ނަޝީދު ފެމެލީ ކޯޓަށް ބަދަލުކުރުމަށްފަހު އެ މައްސަލަ ބަލާނީ މިހާރުވެސް އެ މައްސަލަ ބަލާ ބެންޗުގައި ހިމެނޭ ޤާޟީ އަބްދުލްބާރީ ޔޫސުފާއި އަދި ޤާޟީ އަހުމަދު ސަމީރު އަބްދުލްއަޒީޒް ގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޟީ އަޙްމަދު ރަޝީދުކަމަށެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައެއް ކްރިމިނަލް ކޯޓުން ކަށަވަރުވާގޮތްވަނީ ނުވެފައެވެ.

މީގެ ތެރެއިން އަބްދުލް ބާރީ ޔޫސުފް ކުރީގެ ރައީސް މުަހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ މައްޗަށް ކުރެވުނު ޝަރީޢަތުގައި ވެސް ފަނޑިޔާރުންގެ ބެންޗުގައި ބާރީ ހިމެނިވަޑައިގަންނަވައެވެ.

ޝެއިޚް އިމްރާން ގެ މައްސަލަ ބެލުމަށް ކުރިން އެކުލަވާލި ބެންޗުގައި ހިމެނިވަޑައިގެންނެވި ދެ ޤާޟީއަކު ހައިކޯޓަށް ބަދަލުވުމާ ގުޅިގެން އެ މައްސަލައިގެ އަޑުއެހުންތައް އޮތީ ހުއްޓިފައެވެ. އަދި ފަހުން އާ ބެންޗެއް އެކުލަވާލެވިފައިވީނަމަވެސް އެ މައްސަލައިގެ އަޑުއެހުމެއް މިހާތަނަށްވެސް ތާވަލްކުރެވިފައިނުވާތީ އިމްރާންގެ ޢައިލާއިންނާއި ޤާނޫނީ ވަކީލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.