Last Updated: April 25, 12:03
Thursday, April 25, 2024
ސިޔާސީ

ނިގޫ ނުފިތެނީސް ރައީސް ނަޝީދު ދޫކޮށްލާ: ނިޒާރު

ތޭރަ އަހަރުގެ ޖަލު ހުކުމެއްްގައި ޖަލަށް ލެވިފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލާގައި މިހާރުގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ނިގޫ ނުފިތެނީސް އެމަނިކުފާން ދޫކޮށްލެއްވުމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އެމްޑީޕީން މިމަހުގެ 25 ވަނަ ދުވަހު ހިތަދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމުމާއި ގުޅިގެން އެ ޖަލްސާ އިޝްތިހާރު ކުރައްވަމުން ނިޒާރު ވިދާޅުވީ "ނިގޫ ނުފިތެނީސް ރައީސް ނަޝީދު ދޫކޮށްލުމަށެވެ."

ދުވަސްތަކަކަށް ފަހު އެމްޑީޕީގެ ހަރަކާތްތައް މާލެ އާއި އަތޮޅުތަކުގައި މަޑުޖެހިފައި އޮތުމަށްފަހު އަލުން އެ ހަރަކާތްތައް ބާއްވަން އެމްޑީޕީން ވަނީ ނިންމާފައެވެ.

އެހެންވެ، އެމްޑީޕީ އައްޑޫ ދާއިރާގެ އިސްނެގުމާއި އެކު ބޮޑު ޖަލްސާއެއް ހިތަދޫގައި ބޭއްވުމަށް ނިންމީއެވެ.

ރައީސް ނަޝީދު ޖަލަށް ލުމާއި ގުޅިގެން އެމަނިކުފާންގެ މައްޗަށް ކުރެވުނު ޝަރީއަތަކީ ބޭއިންސާފުން ކުރެވުނު ޝަރީއަތެއް ކަމަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެމަނިކުފާން މިނިވަން ކުރެއްވުމަސް މަސައްކަތް ކުރައްވާ ބައިނަލްއަގްވާމީ ވަކީލުން ވަނީ، ނަޝީދު މިނިވަން ކުރެއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ޖަލަށް ލުމާއި ގުޅިގެން ރައީސް ޔާމީންއަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ބޭފުޅަކީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ކަން ފާހަގަކޮށްލެވެއެވެ.