Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ލޯންޗުގައި ހިނގި ހާދިސާގެ ތަހުގީގަށް "ސީއައިޑީ" ޓީމް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާ ފުލުހުންނާއި ސިފައިން ގުޅިގެން ތަހުގީގް ކުރަމުންދާއިރު އެކަަމުގެ ހަޤީގަތް ވީ އެންމެ އަވަހަކަށް އެނގުމަށް ރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް މިވަނީ ކެތްމަދުވެފައެވެ. ތަހުގީގައި އެފްބީއައި އަދި ސައުދީ އަރަބިއްޔާގެ ފޮރެންސިކް ޓީމެއް ވެސް ހަރަކާތްތެރިވަމުން އަންނަ އިރު އަދިވެސް އެހެން ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބެލެވެއެވެ.

ލޯންޗްގައި އެއްޗެއް ގޮވި، ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ހޯދުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއި އެކު ތަހުގީގް ކުރިއަށް ގެންދާއިރު، ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ގެންދަނީ ބައެއް ފިލްމުތަކާއި، ޑްރާމާތަކުގައި އުޅޭ "ތަހުގީގް ޓީމުތައް" ރާއްޖެ ގެނައުމަށް ގޮވާލަމުންނެވެ.އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ، ސޮނީ ޓީވީ އިން ދައްކާ ހިންދީ ސީރީޒް އެއް ކަމުގައި ވާ "ސީއައިޑީ"ގައި ހަރަކާތްތެރިވާ ތަހުގީގް ޓީމު ރާއްޖެ ގެނައުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ ގޮވާލުމަށެވެ.

"ސީއައިޑީ"ގެ ތަހުގީގް ޓީމް ރާއްޖެ ގެނައުމަށް ސޯޝަލް މީޑިޔާގައި ގޮވާލަމުންދާ ފަރާތްތަކުން ބުނާގޮތުގައި، "ސީއައިޑީ" ޓީމުން އެންމެ 2 އެޕިސޯޑުން މައްސަލަ ތަހުގީގް ކޮށް ނިންމާނެ ކަމަށާއި އެއީ ޚަރަދު ވެސް ކުޑަ ގޮތެއް ކަމަށެވެ.

ހިންދީ ސީރީޒެއް ކަމުގައި ވާ "ސީއައިޑީ" އަކީ މުޖްތަމަޢްގައި ހިނގާ ކުށްތައް ތަހުގީގް ކުރުމަށް ހަރަކާތްތެރިވާ އިދާރާއެއްގެ މަސައްކަތް ދައްކުވައިދޭ ސީރީޒެކެވެ. އެ ސީރީޒްގައި ބައެއް ފަހަރަށް މީހެއްގެ ބޮލުގެ އިސްތައްޓަކުން ނުވަތަ ޓިޝޫ ކޮޅަކުންވެސް ބޮޑެތި މަރުގެ މައްސަލަތައްވެސް ތަޙްޤީޤުކޮށް ނިންމާލައެވެ. އަދި "ސީއައިޑީ" ޓީމްކީ މިހާތަނަށް ހުރިހާ މައްސަލައެއްގެ ތަޙްޤީޤު ކާމިޔާބުކޮށް ނިންމާ 100 ޕަސެންޓް ޓްރެކް ރިކޯޑެއް ހިފަހައްޓަމުންދާކަމަށް އެ ސިލްސިލާ ބަލާ ގިނަމީހުން ޤަބޫލުކުރެއެވެ. ހަމަ ނުޖެހޭ ގިނަ ކަންތަކެއް ހުރިކަމުގައިވިޔަސް މިއީ ދެވަނައެއް ނެތްފަދަ ތަޙްޤީޤީ ޓީމެކެވެ.

"ސީއައިޑީ" ގެ ޓީމް ރާއްޖެ ނުގެނައި ކަމުގައި ވިޔަސް، ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮވި މައްސަލަ އަވަހަށް ތަހުގީގްކޮށް އޭގެ ހަގީގަތް ހާމަކުރަން ޖެހެއެވެ. އެއީ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތައް ހުރި ސީރިއަސް މައްސަލައެކެވެ.