Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ނަޝީދު ޖަލަށް ދާން ޖެހުނީ ޙާމިދު ފަދަ މީހުންގެ ސަބަބުން: ސުޢޫދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ދާން ޖެހުނީ، އެމްޑީޕީގެ ސްޕޯކްސް ޕާސަން ކަމުގައި ހުންނެވި ޙާމިދު އަބްދުލް ޢަފޫރު ފަދަ ބޭފުޅުންގެ ސަބަބުން ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް ހުސްނުއް ސުޢޫދު ވިދާޅުވެއްޖެއެވެ.

ސުޢޫދު މިގޮތަށް ވިދާޅުވެފައި ވަނީ، ޙާމިދް އަބްދުލް ޣަފޫރު ފޭސްބުކްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި ކުރެއްވި ކޮމެންޓެއްގައެވެ. ޙާމިދު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްގައި ސުޢޫދުއަށް ފާޑުކިޔާފައިވަނީ، އެސިސްޓެންޓް އެޓާނީ ޖެނަރަލް އިސްމާއިލް ވިޝާމް އާއި އޭނާގެ އަނބިކަނބަލުން ހަނާ ވަހީދު ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ) ހަނާ ވަހީދު މަސްތުވާތަކެއްޗާއި އެއްކޮށް ހައްޔަރު ކުރި މައްސަލައާއި ގުޅުވައިގެންނެވެ. ވިޝާމް އަކީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ހިއްސާ އޮންނަ "ސުއޫދު އެންޑް އަންވަރު ކޯ" ލޯފާމްގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

"ކަލޭމެންނަކީ(ސުޢޫދު އާއި ކުރީގެ ޕީޖީ މުޢިއްޒު) އަހަރެން ހަމައެކަނި ކުޑަކޮށް ދަންނަ ބައެއް. އަހަރެންގެ މައްސަލައަކީ ސުއޫދު މެން އެނގި ތިބެ ޖުޑިޝިއަރީ ހަލާކުވާން ދިޔަ ދިނުން. އަދި އެވަރުން ނުވެގެން، ޒުވާން ލޯޔަރުން ވެސް ކަލޭމެންގެ އޮފީސްތަކުގައި "މެންޓަރ" ކުރުމުގެ ނަމުގައި ހަލާކު ކުރުމުގެ ނަމުގައި ހަލާކު ކުރީމައޭ އަހަރުމެން ފަހަތުގަ އެގޮތަށް ހަޔާތްކުޑަ ދައުވާ ތައް ކޮށް އެނބުރެނީ"، ޙާމިދު އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.

"ހަޔާތްކުޑަ ދައުވާތައް ކޮށް އެނބުރޭ" ކަމަށް ޙާމިދު އަބްދުލް ޣަފޫރު ނިސްބަތް ކޮށްފައިވަނީ ބެލެވޭ ގޮތުގައި ވިޝާމްގެ އަނބިކަނބަލުން ހަނާ ވަޙީދު އަށެވެ. ޙާމިދު އަބްދުލް ޢަފޫރު އާއި އެހެނިހެން ސިޔާސީ ބައެއް ބޭފުޅުން ފަޅުރަށެއްގައި ތިއްބާ މަސްތުވާތަކެއްޗާއި އެކު އަތުލައިގަތް މައްސަލައިގެ ޝަރީޢަތުގައި ދައުލަތުގެ ފަރާތުން ވަކާލާތުކޮށްފައިވަނީ ހަނާ ވަޙީދެވެ. އެ މައްސަލަ ފަހުން ޕީޖީ އޮފީހުން ވަނީ އަނބުރާ ގެންގޮސްފައެވެ.

ޙާމިދް އަބްދުލް ޣަފޫރު އަކީ ފަޅުރަށެއް ކަމުގައިވާ ހދ. ހޮނޑާފުށީގައި މަސްތުވާތަކެތި ބޭނުން ކުރަމުން ދަނިކޮށް ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ ފަރާތެއް ކަން ފާހަގަކޮށްލެވެއެވެ.