Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޕްރެޒިޑެންޓް ކަޕްގެ ފައިނަލަށް ސެކިއުރިޓީ ސަބަބްތަކާއި ހެދި ރައީސް ވަޑައިނުގަންނަވާ!

ރާއްޖޭގެ އެންމެ ތާރީހީ އަދި އެންމެ ޝަރަފްވެރި މުބާރާތްކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވުމަށް އަންނަ އާދީއްތަ ދުވަހު ރައީސް އައްޑޫ އަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ވެއްޖެއެވެ.

އެފްއޭއެމް އިން ބުނީ ރައީސްލުޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ބަދަލުގައި މެޗް ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގަންނަވާނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު ޒުހޫރުކަމަށެވެ.

އެފްއޭއެމްގެ ޖެނެރަލް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފައިނަލް މެޗަށް ރައީސް ޔާމީން ވަޑައިނުގަންވަން ނިންމެވީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ.

ރައީސް ޔާމީން އާއި ނައިބް ރައީސް އަހްމަދު އަދީބް އާއި ސަރުކާރުގެ އިސްވެރިންގެ ބޮޑު ޓީމެއް ޕްރެޒިޑެންޓް ކަޕްގެ ފައިނަލް މެޗާއި ދިމާކޮށް އައްޑޫއަށް އައުމަށް ކުރިން އޮތީ ހަމަޖެހިފައެވެ.

ރައީސް އާއި ނައިބް ރައީސްގެ މިދަތުރުފުޅާއި ދިމާކޮށް މިނިވަން 50 ފުނަ ޝޯވް އާއި ބޮޑު ސައިކަލް ބުރެއް ޖެހުމަށް ޕީޕީއެމްއިން ކުރިން ވަނީ ރާވާފައެވެ. ނަމަވެސް މިހާރު އެހުރިހާ ކަމެއް ވަނީ ފަސްކޮށްފައެވެ.

ރައީސް ޔާމީން އާއި އެމަނިކުފާންގެ އަނބިކަބަލުން ހައްޖުގެ މަތިވެރި އަޅުކަން ނިންމެވުމަށްފަހު މާލެ ވަޑައިގަތުމަށް ދަތުރުކުރެއްވި ރިއާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާ އާއި ގުޅިގެން އެމަނިކުފާންގެ ސެކިއުރިޓީ އާއި މެދު އާއްމު ރައްޔިތުންވެސް ވަނީ ސުވާލު އުފައްދަވާފައެވެ.

ބައްސާމް ވިދާޅުވީ ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ހިނގި ހިތާމަވެރި ހާދިސާ ހިނގިތާ އެއް ދުވަސް ފަހުން ވެސް އެ މެޗު ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ސަލާމަތީ ކަންކަން ހުރިގޮތުން ދަތުރު ކުރުން އެހާ ރަނގަޅު ނުވާތީ ވަޑައިނުގަންނަވަން ނިންމަވައި އެކަން އަންގަވާފައިވާ ކަމަށެވެ.

އަންނަ އާދީއްތަ ދުވަހު ކުޅޭ ޕްރެސިޑެންޓްސް ކަޕްގެ ފައިނަލްގައި ބައްދަލު ކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އާއި މާޒިއާ އެންޑް ރެކްރިއޭޝަން އެވެ. މެޗް ފަށާނީ ހަވީރު 3:45ގައެވެ.