Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

އެތެރޭގެ އެއްވެސް މައްސަލައެއް ނެތް، ސަރުކާރު އޮތީ ވަރަށް ބަދަހިކޮށް : އައިބީ

'ފުނަ' ހަރަކާތް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި އައިބީ ވާހަކަ ދައްކަވަނީ. އައްޑޫލައިވް ފައިލް ފޮޓޯ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށާއި ސަރުކާރު އޮތީ ވަރަށް ބަދަހި ކޮށް ކަމަށް ފޭދޫ ދާއިރާގެ މެންބަރ އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން އައިބީ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ތެރޭގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި އެފަދަ ވާހަކަތަކަކީ އިދިކޮޅު ފަރާތްތަކުން ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ.

"ސަރުކާރުގެ ތެރޭގައި އެއްވެސް މައްސަލައެއް ނޫޅޭ. ސަރުކާރު އޮތީ ވަރަށް ބަދަހިކޮށް." އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވި ގޮތުގައި ރައީސްގެ ލޯންޗް ކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގް ނުނިމެނީސް އެކަމާއި ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދަނީ މުޅިން ވެސް ދޮގު ވާހަކަތަކެއް ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީން އާއި ނައިބު ރައީސް އަދީބުގެ ދެމެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަ ވެސް އައިބީ ވަނީ ދޮގުކޮށްފައެވެ.

ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހްގީގު ފުލުހުންނާއި، އެމްއެންޑީއެފްއިން ކުރިއަށް ގެންދާ އިރު، އެމެރިކާގެ އެފްބީއައިއާއި، އޮސްޓްރޭލިޔާގެ ފެޑެރަލް ޕޮލިސްގެ އިތުރުން ސައުދީ އަރަބިއްޔާއާއި އިންޑިޔާއިން ދަނީ ތަހްގީގުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ތަހުގީގާއި ބެހޭ ގޮތުން ފުލުހުން ވެސް އަދި އެމްއެންޑީއެފް އިން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.