Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

އެމްޑަބްލިއުއެސްއީ ގޮއްވާލާނެ ކަމުގެ އިންޒާރާއި އެއްކޮށް ސަލާމަތީ ބާރުތައް އެލާޓަށް!

ވިލިމާލޭގައި ހުންނަ އެމްޑަބްލިއުއެސްއީ ގޮއްވާލާނެ ކަމުގެ އިންޒާރާއި އެއްކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންނާއި ސިފައިން ނިކުމެ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.

އައްޑޫލައިވް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި ވިލިމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެއަށް ވެސް ޕެޓްރޯލް ބޮން ހަދައިގެން ހަމަލާދޭން މަސައްކަތް ކުރުމާއި ގުޅިގެން އެތަނުގެ ސެކިއުރިޓީ ސިފައިން އަންނަނީ ބަލަހައްޓަމުންނެވެ. އަދި މީގެ އިތުރުން އެމްޑަބްލިއުއެސްސީގެ ސެކިއުރިޓީ ބެލެހެއްޓުމަށް ވެސް ގިނަ އަދަދެއްގެ ފުލުހުން މިހާރު ގެންދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްޑަބްލިއުއެސްސީ ގޮއްވާލާނެ ކަމުގެ އިންޒާރު ދީފައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ ލޯންޗްކޮޅުގެ ހާދިސާއަށް ފަހު ރައީސް ޔާމީނާއި ނައިބް ރައީސް އަދީބުގެ ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.

މިކަމާއި ބެހޭގޮތުން ފުލުހުންގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. އެހެން ނަމަވެސް އެފަދަ އިންޒާރުތަކެއް ލިބިފައިވާކަމަށް އެމްޑަބްލިއުއެސްސީގެ މުވައްޒަފަކު ވަނީ 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ.