Last Updated: April 20, 17:32
Saturday, April 20, 2024
ޚަބަރު

ރައީސްގެ ލޯންޗުގައި ހިނގި ހާދިސާ އަކީ ރާވައިގެން ދިން ހަމަލާއެއް: ލަންކާ ތަހުގީގު ޓީމް

ރައީސް އަބްދުﷲ ޔާމިން ދަތުރުކުރެއްވި ލޯންޗްކޮޅުގައި އެއްޗެއް ގޮވުމާ ގުޅިގެން އަނިޔާވި މީހަކަށް ފަރުވާ ދިނުމަށް ލޯންޗުކޮޅުން ބާލަނީ. ފޮޓޯ: ސަން

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗް "ފިނިފެންމާ" ގައި ގޮވި ގޮވުމަކީ ކުރިން ރާވައިގެން ގަސްދުގައި ދީފައިވާ ހަމަލާއެއް ކަމަށް އެ ހާދިސާގެ ތަހުގީގުގައި ބައިވެރިވި ލަންކާގެ ތަޖުރިބާކާރުންނާ ހަވާލާދީ ލަންކާގެ ޑެއިލީ މިރާ ނޫހުގައި ބުނެފި އެވެ.

ލަންކާގެ ޑެއިލީ މިރާ ނޫހުގައި ލޯންޗުގައި އެ ޤައުމުގެ ސީއައިޑީ އޮފިސަރުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި ލޯންޗްގައި ހިނގި މި ހާދިސާ އަކީ އިންޖީނުގެ މައްސަލައަކުން ނުވަތަ ޓެކްނިކަލް މައްސަލަ އަކުން ދިމާވި ކަމެއް ނޫން ކަމަށެވެ. އެ ނޫހުގައި ބުނެފައިވާ ގޮތުގައި ލޯންޗްގައި ގޮވި އެތި ހަރުކޮށްފައި ވަނީ ލޯންޗުގެ ކެޕްޓަން އިންނަ ދިމާލުގެ ތިރިން، ވީއައިޕީ ކެބިންގެ ތެރޭގައި ކަމަށާއި މި މައުލޫމާތު ދިވެހި ސަރުކާރާ ހިއްސާކޮށްފައި ވާނެ ކަމަށެވެ.

ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އާއި ރައީސްގެ ބޮޑީގާޑަކާއި ރައީސްގެ ސެކްރެޓަރީ ފާތުމަތު މުހައްމަދު ސޯލިހް ޒަހަމްވި ހާދިސާގައި ރައީސަަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ލޯންޗްގައި ހިނގި ހާދިސާގެ ތަހުގީގުގައި ލަންކާގެ އިތުރުން އެމެރިކާގެ އެފްބީއައި އާއި ސައޫދީ އާއި އިންޑިއާ އިން ވެސް ބައިވެރިވާއިރު އެމައްސަލައިގައި ސިފައިންގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.