Last Updated: April 16, 11:51
Tuesday, April 16, 2024
ރިޕޯޓް

އީސީސީގެ ގޮނޑި ޕީޕީއެމް އޮފީހުގައި !

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސް. ފޮޓޯ: ސަން

އައްޑޫ ސިޓީގައި 2011 ވަނަ އަހަރުގެ ސާކް ސަމިޓަށް ބިނާކުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ (އީސީސީ) ގޮނޑިތައް މިނިވަން50ގެ ހަރަކާތްތަކަށް މާލެ ގެންދިއުމަކީ އައްޑޫގެ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިކަމަކެވެ. އެކަމާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމާއި އެކު އައްޑޫ މީދޫ ދާއިރާގެ މެންބަރ އެ ގޮނޑިތައް އަނބުރާ އައްޑޫއަށް ގެންދާނެ ދުވަހަކާއި ބެހޭގޮތުން ހައުސިން މިނިސްޓަރ ޑރ. މުއިއްޒު އާއި ސުވާލުކުރެއްވިއެވެ.

ރޮޒެއިނާގެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ.މުއިއްޒު ވިދާޅުވެފައިވަނީ، އީސީސީގެ ގޮނޑިތައް އަނބުރާ އައްޑޫ ކޮންވެންޝަން ސެންޓަރަށް ގެންދިއުމަށް އެ ގޮނޑިތައް ގެނެސްފައިވާ ފަރާތާ ހަވާލުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮންފަރާތެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވަނީ އެ ގޮނޑިތައް ޕީޕީއެމްއަށް ދޫކުރި ކަމަށް ދެކެވޭ ވާހަކަތައް ވެސް ދޮގުކޮށްފައެވެ.

ނަމަވެސް އެ ގޮނޑިތައް މާލެ ގެންދިޔަ ފަހުން ޕީޕީއެމް އިން ބޭއްވި ހަރަކާތްތަކުގައި ވެސް އެ ގޮނޑިތައް ބޭނުން ކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. އަދި މީގެ އިތުރުން ދާދިފަހުން ޕީޕީއެމް އިން ބޭއްވި މަހާސިންތާގައި ވެސް ބޭނުންކޮށްފައި ވަނީ އެ ގޮނޑިތައް ކަމަށް އެ މަހާސިންތާގައި ބައިވެރިވި ފަރާތަކުން ވަނީ 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ. ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަދެއްކި މީހާ ބުނިގޮތުގައި އެ ގޮނޑިތަކުގައި ހުރީ "ކަވަރުތަކެއް އަޅާފައި ނޭނގޭ ގޮތަށް ހަދާފައި" ކަމަށެވެ.

އީސީސީގައި ހުރި ގޮނޑިތައް ޕީޕީއެމްގެ ހަރަކާތްތަކަށް ދޫނުކުރާ ކަމަށް، ހައުސިން މިނިސްޓަރ ވިދާޅުވި ނަމަވެސް މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި ވެސް ނައިބު ރައީސް އަދީބާއި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އިށީދެވަޑައިގެން ތިއްބެވީ އީސީސީގެ ގޮނޑިތަކުގައި ކަން އެ ނޫސްކޮންފަރެންސް ބެލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.

ފަހަރެއްގައި ޑރ. މުއިއްޒުއަށް އެނގިވަޑައިނުގެން އެގޮނޑިތައް ޕީޕީއެމް އިން 'ވަގަށް' ގެންދިޔައީ ކަމަށް ވެސް ވެދާނެއެވެ. ނުވަތަ ގޮނޑިތައް އެނބުރި އައްޑޫއަށް ފޮނުވުމަށް ހަވާލުކޮށްފައިވަނީ ޕީޕީއެމް އާއި ކަމަށް ވެސް ވެދާނެއެވެ.