Last Updated: April 19, 17:49
Friday, April 19, 2024
ކޮލަމް

އަނބިކަނބަލުންގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވި ރައީސް ޔާމީން މަޖުބޫރީ ހާލަތުގައި ؟

ރައީސް އަބްދުﷲ ޔާމީންގެ ލޯންޗު ކޮޅުގައި ހިނގި ހާދިސާގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ މައިބަނދައަށް އަނިޔާވެފައިވާއިރު އަދިވެސް އެކަމަނާ ގެންދަވަނީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުންނެވެ. މެޑަމް ފާތުން އެޑްމިޓްކޮށްފައިވާ އައިޖީއެމްއެޗަށް ޒިޔާރަތްކޮށް ޕީޕީއެމްގެ ސަޕޯޓަރުން ހުދު ފިނިފެންމަލުން "އަވަސް ޝިފާ"އަކަށް އެދިފައިވާއިރު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ގެންދަނީ މެޑަމް ފާތުން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ނުގެންދާތީ އެކަމާއި ސުވާލު އުފައްދަން ފަށާފައެވެ.

ރައީސްގެ ލޯންޗުކޮޅުގައި ހިނގި ހާދިސާގައި މެޑަމް ފާތުންގެ މައިބަދައިގެ ކަށިތަކެއްގައި ރެނދުލާފައިވާއިރު އެކަމަނާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ނުގެންދަންވީ ކީއްވެގެން ހެއްޔެވެ؟ ސިންގަޕޫރަށް ނުގެންދަންވީ ކީއްވެގެން ހެއްޔެވެ؟

ވެރިކަމަށް ވަޑައިގަތުމަށްފަހު އަދި އޭގެ ކުރިން ވެސް ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނަކީ އަބަދުވެސް ސިންގަޕޫރަށް ބޭސްފަރުވާއަށް ވަޑައިގަންނަވާ ބޭފުޅުންނެވެ. ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް ގާތްގާތުގައި ދަތުރުތަކެއް ސިންގަޕޫރަށް ވަނީ ކުރައްވާފައެވެ. ނަމަވެސް މައިބަދައިގެ ކަށިތަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރަށް ވަޑައިނުގެންނެވީ އައިޖީއެމްއެޗް އިން މާ ރަނގަޅު ޙިދުމަތްތަކެއް ލިބެމުން ގެންދާތީ ކަމަށް ވުމަކީ ވެސް އެކަށީގެންވާކަމެކެވެ.

ރައީސް ޔާމީނާއި ނައިބު ރައީސް އަދީބުގެ ދެމެދުގައި އުފެދިފައިވާ ކަމަށް ވާހަކަ ދެކެވޭ ދެބަސްވުންތަކާއި އެކު މި ވަގުތު ޤައުމުން ބޭރަށް ވަޑައިގަތުމަށް ރައީސް ޔާމީން ޖެހިލުންވެ ވަޑައިގަތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ލޯންޗް ކޮޅުގައި ހިނގި ހާދިސާ ތަހުގީގް ކުރުމަށް އެކުލަވާލި ކޮމިޝަނުން އަދީބަށް ޖާގަ ނުލިބުމަކީ ވެސް އަދީބު އާއި ރައީސް ޔާމީންގެ ގުޅުން ގޯސްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

އަދި މީގެ އިތުރުން ކުއްލިގޮތަކަށް އިއްޔެ ޕީޕީއެމް އޮފީހުގައި އަދީބު ދެއްވި ނޫސްކޮންފަރެންސަކީ ވެސް ކޮންމެވެސް 'ގޯހެއް' އުޅޭ ކަމުގެ ނިޝާނަކަށް ވެދާނެއެވެ.

ދެން އޮތީ ސޯޝަލް މީޑީޔާގެ ރައުޔެވެ. ސޯޝަލް މީޑިޔާގެ އަޑުތަކަށް ބަލާއިރު މެޑަމް ފާތުން ގޮވައިގެން ރާއްޖެއިން ބޭރަށް ވަޑައިނުގެންނެވިފައިވަނީ އާސަންދަ ހަމަނުޖެހިގެންނެވެ. ރާއްޖޭގެ ނިކަމެތި އެތައް ރައްޔިތުންނެއް އާސަންދަ ހަމަނުޖެހިގެން ރާއްޖެއިން ބޭރަށް ފަރުވާއަށް ނުދެވިފައި ތިބޭ ގޮތަށް މެޑަމް ފާތުން އާއި ރައީސް ޔާމީން އަށް ވެސް ތިއްބަވަން ޖެހިވަޑައިގަތީ ކަމަށް އެއްބަޔަކު ގެންދަނީ ވާހަކަ ދައްކަމުންނެވެ.

ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް ރައީސް ޔާމީން މިވަގުތު ހުންނެވީ ޤައުމުން ބޭރަށް ފުރާވަޑައިނުގެންނެވޭ ފަދަ 'މަޖުބޫރީ' ހާލަތެއްގައި ކަމަށް ބެލެވޭ އިރު އޭގެ ސަބަބަކީ އަދީބު ކަމެއް ނުވަތަ އެހެން ސަބަބެއް ކަން ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ހާމަވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.