Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ހިތަދޫގެ މަގުތައް ހެދިތާ 4 އަހަރު ފަހުން ޓްރެފިކް ނިޝާންތައް ކުރަހަން ފަށައިފި

އައްޑޫ ސިޓީ ހިތަދޫގައި ތާރުއަޅައިގެން މަގުތައް ހެދިތާ 4 އަހަރު ފަހުން އެ މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރަހަން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކުރަހަން ފެށީ އައްޑޫ ސިޓީ ކައުންސިލް އިދާރާ ހުންނަ މަގެވެެ. އެ މަގުގެ ސައިންތައް ކުރަހަން ފެށުމަށް ބޭއްވި ހަފުލާގައި ކައުންސިލާއި ފުލުހުންނާއި އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ލޭންޑް، ބިލްޑިން އެންޑް މުނިސިޕަލް ސާވިސަސް ޑިޕާޓްމަންޓާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި އެވެ. މަގު ކުރެހުމުގެ މަސައްކަތް ކުރަނީ ހައުސިން މިނިސްޓްރީގެ މުނިސިޕަލް ސާވިސް ޑިޕާޓްމެންޓްގެ މުވައްޒަފުންނެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ މުހައްމަދު ޔަސްރިފް ވިދާޅުވި ގޮތުގައި، މަގު ކުރެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކައުންސިލާއި ހައުސިން މިނިސްޓްރީގެ މެދުގައި އޮތް 'މިއުޓުއަލް އަންޑަސްޓޭޑިން' އެއްގެ ދަށުން ކަމަށެވެ. ޔަސްރިފް ވިދާޅުވި ގޮތުގައި، މަގު ކުރެހުމަށް ބޭނުން ކުރާ ދަވާދަކީ އެކަމަށްޓަކައި ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ހޯދާފައިވާ އެއްޗެއް ކަމަށެވެ.

" މިއަދު ފެށި މަސައްކަތަކީ އަޅުގަނޑުމެންނާއި ހައުސިން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ކަމެއް މަސައްކަތެއް. ކައުންސިލުން ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީގެ ފަރާތުން ހުރަހެއް ނާޅުއްވާ." ޔަސްރިފް ވިދާޅުވިއެވެ.

ކައުންސިލުން ބުނެފައިވާ ގޮތުގައި މަގުތައް ކުރެހުމަށް ބޭނުންވާ ނިޕޯން ބްރޭންޑްގެ ހައިޑްރޯ ރިފްލެކްޓަރ ދަވާދު ގަތުމަށް ކައުންސިލްގެ ބަޖެޓުން 150،320.19 ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ.

ކައުންސިލުން ބުނެފައިވާ ގޮތުގައި މަގުތައް ކުރެހުމަށް ބޭނުންވާ ނިޕޯން ބްރޭންޑްގެ ހައިޑްރޯ ރިފްލެކްޓަރ ދަވާދު ގަތުމަށް ކައުންސިލްގެ ބަޖެޓުން 150،320.19 ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ.

ޔަސްރިފް ވިދާޅުވި ގޮތުގައި މީގެ ކުރިން ކައުންސިލުން ފަށާފައިވާ ޕްރޮޖެކްޓްތައް ވެސް ހައުސިން މިނިސްޓްރީ އިން ކުރިއަށް ގެންދާ ކަމަށާއި، އެކަމަށް ކައުންސިލުގެ ފަރާތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހަކާއި ގުޅިގެން މަގުތައް ބެލެހެއްޓުމަކީ ހައުސިން މިނިސްޓްރީގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައިރު ކައުންސިލުގެ ފަރާތުން ވަނީ މަގު ކުރެހުމަށް ބޭނުންވާ ސާމާނުތައް ގެނައުމަށް ތައްޔާރުވެފައެވެ.

މިއަދު ފެށި މަސައްކަތުގެ ދަށުން އައްޑޫގެ މަގުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތައް ހުުއްޓުވައި، މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުުމުގެ ގޮތުން މަގުތަކުގައި ސައިންތައް ކުރަހައި، ހުންނަން ޖެހޭ ސައިން ބޯޑްތައް ވެސް ބަހައްޓަން ވަނީ ނިންމާފައެވެ.

ހިތަދޫގެ މަގުތައް ތާރުއަޅައިގެން ހަދާފައިވަނީ 2011 ވަނަ އަަހަރުގައެވެ. އަދި މިއަދު އެންމެ ފުރަތަމަ ކުރަހަން ފެށި ކައުންސިލް އިދާރާ ހުންނަ މަގުގައި ތާރު އަޅާފައިވަނީ 2014 ވަނަ އަހަރުގައެވެ.