Last Updated: April 19, 10:32
Friday, April 19, 2024
ކޮލަމް

ހަގީގަތާއި ފްރޭމްކުރުމުގެ ތަފާތު

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ފުލުހުން މީޑިޔާގައި ހާމަކުރުމާއި އެކު އެއީ ސަރުކާރު އަޑީގައި އޮވެގެން އެމަނިކުފާނުގެ ބޮލުގައި އެޅުވި ބަދުނާމެއް ކަމުގައި ގިނަ ބަޔަކު ފާހަގަކުރިއެވެ. ސިފައިންގޭގެ ތެރޭގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ، އަދި އެތަކެއް ތަމްރީންތަކެއް ހައްދަވާފައިވާ ބޭފުޅަކު ނިދާ އެނދުގެ ބާލީސް ދަށުގައި ފިސްތޯލައެއް ބާއްވައިގެން ނިދިކުރައްވަފާނެތޯ ސުވާލު އުފައްދަން ފެށިއެވެ.

ކާނަލް ނާޒިމް ފްރޭމްކުރީ ކަމަށް ގިނަ ބަޔަކު ބުނީ އެކަންޏެއް ނޫނެވެ. ފްރޭމްކޮށްފައިވާ ކަން ސާބިތުކުރުމަށް ކޯޓުގައި އެމަނިކުފާނުގެ ވަކީލުން ވަނީ އެތައް ހެއްކެއް ހުށަހަޅާފައެވެ. އެހެން ނަމަވެސް ރާއްޖޭގައި މިވަގުތު ހުރި އެންމެ ކޮރަޕްޓް ފަނޑިޔާރު ކަމަށް ގިނަ ބަޔަކު ބުނާ، ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފް ހިމެނިވަޑައިގަންނަވާ ކްރިމިނިލް ކޯޓުގެ ބެންޗުން ނިންމެވީ އެހެކިތައް ބަލައިގަންނަން ނުފެންނަ ކަމަށެވެ.

އެއާއި އެކު ރާއްޖޭގެ ޤާނޫނުތައް ފުނޑާލުމަށް ފަހު ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލެވުނީއެވެ. ދިފާޢުވުމަށް އެކަށީގެންވާ ފުރުސަތު ނުދީ ކުރިއަށް ގެންދިޔަ ކާނަލް ނާޒިމްގެ ޝަރީއަތުގެ ބެންޗުގައި ތިއްބެވި ޝުޖާޢު އުޘްމާން އާއި އަބްދުﷲ ދީދީ ވަނީ ހައިކޯޓަށް ޕްރޮމޯޓް ކުރެވިފައެވެ. ސިޔާސީ ފަރާތްތަކުން ބުނާގޮތުގައި އެއީ ނާޒިމްގެ މައްޗަށް ހުކުމް އިއްވުމުން ލިބުނު ހަދިޔާއެކެވެ.
ފާއިތުވި ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީންގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަކީ ރާއްޖޭގެ ރައީސަކަށް އަމާޒުކޮށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާއެވެ. ކާނަލް ނާޒިމް ރާވަމުން ދިޔަ ކަމަށް ފުލުހުން ބުނެފައިވަނީ ރައީސް ޔާމީން 'އަވަހާރަކޮށްލުމުގެ' ރޭވުމެކެވެ. މިހާރު ކުރިއަށް ގެންދާ ފިނިފެންމާ ލޯންޗް ހާދިސާގެ ތަހުގީގާއި ކާނަލް ނާޒިމްގެ މައްސަލައިގެ ތަހުގީގަށް ބެލުމުން ހަގީގަތާއި ފްރޭމްކުރުމުގެ ތަފާތު ވަރަށް ބޮޑަށް ފެނިގެންދާނެއެވެ.

މައްސަލަ ބަލަން ޙާއްސަ ކޮމިޝަނެއް

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު ކަމަށް ފުލުހުން ބުނެފައިވާއިރު، އެމައްސަލަ ބެލުމަށް ޙާއްސަ ކޮމިޝަނެއް ސަރުކާރުން އުފައްދާފައެއް ނުވެއެވެ. ކުރެވުނު ތުހުމަތަށް ބަލާއިރު، ގެއެއްގައި ގޮވާތަކެއްޗާއި ފިސްތޯލަ ރައްކާކޮށްގެން، ރައީސަކު އަވަހާރަކޮށްލަން ރޭވުމަކީ ސީރިއަސް މައްސަލައެކެވެ. ރައީސް ޔާމީންގެ ލޯންޗްކޮޅުގައި ހިނގި ހާދިސާއަށް ފަހު އެކަން ތަހުގީގް ކުރުމަށް ވަނީ ހާއްސަ ކޮމިޝަނެއް އެކުލަވާލާފައެވެ. ފުލުހުންގެ ބައެއް އިސްވެރިންނާއި ސިފައިންގެ އިސްވެރިންގެ މަޤާމްތަކަށް ބަދަލު އައިތަން ފެނިގެން ދިޔައެވެ. އެހެންވީމާ ނާޒިމް ފްރޭމްކުރުމަކީ ސަރުކާރުން ކުޅުނު ޑްރާމާއެއް ނޫން ދެން ކޯޗެއް ތޯއެވެ ؟

ފުލުހުންގެ އިންޓެލިޖެންސް އަށް އެނގުން

ކާނަލް ނާޒިމްގެ އެޕާޓްމެންޓް ފާސްކުރުމުގެ 4 ދުވަސްކުރިން ފުލުހުންނަށް، އެ ގޭގައި ގޮވާތަކެތި ހުރިކަން އެނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެކަން އެނގިގެން ނާޒިމްގެ އެޕާޓްމެންޓް ފާސްކުރަން 4 ދުވަސް ވަންދެން ފުލުހުން ތައްޔާރުވިކަމަށް ވެއެވެ. އެހާ ގިނަ ދުވަސްތަކެއް ވަންދެން ފުލުހުން ތައްޔާރުވާނަ ނަގަންވީ ސަބަބެއް ނޭނގެއެވެ. ނަމަވެސް ޤައުމުގެ ރައީސްއަށް ނުރައްކާތެރި ހަމަލާއެއް ދިން އިރު އެކަމާއި ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސަށް އެނގިފައެއް ނުވެއެވެ. އެނގުނު ނަމަވެސް އަނެއްކާ ވެސް 4 ދުވަސް ވަންދެން ތައްޔާރުވަނީ ކަމަށް ވެސް ވެދާނެއެވެ.

ތަހުގީގަށް ބޭރުގެ އެހީ ހޯދުން

ރައީސުލްޖުމްހޫރިއްޔާގެ ލޯންޗްކޮޅުގައި ގޮއްވާލީ ކޯޗެއްތޯ ބެލުމަށް ފުލުހުން ވަނީ ބޭރުގެ އެހީއަށް އެދިފައެވެ. އެކަމަކު ހަމަ އެ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް، ކާނަލް ނާޒިމް ގެންގުޅުއްވި ކަމަށް ފުލުހުން ބުނާ 'ގޮވާތަކެތި' ތަހުލީލުކުރުމަށް ބޭރުގެ އެހީ ހޯދުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފައެވެ. ކާނަލް ނާޒިމްގެ ފަރާތުން އެ ހަތިޔާރުތަކުގެ ހަތިޔާރުގެ މިނިވަން ފޮރެންސިކް ޓެސްޓެއް ހެދުމުގެ ހުއްދަ އަށް އެދުނު ނަމަވެސް ފުލުހުން އެކަމެއް ކޮށްފައެއް ނުވެއެވެ. އަދި ކާނަލް ނާޒިމްގެ މައްސަލަ ތަހުގީގް ކުރި އިރު އެއްވެސް ވަރަކަށް ރާއްޖެއިން ބޭރުގެ ތަހުގީގީ އިދާރާއެއްގެ އެހީތެރިކަމެއް ފުލުހުން ހޯދާފައެއް ނުވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ލޯންޗްކޮޅުގައި ހިނގި ހާދިސާ ތަހުގީގް ކުރުމަށް އެމެރިކާގެ އެފްބީއައި އާއި ސައުދީ އަރަބިއްޔާ އަދި އެހެނިހެން ޤައުމުތަކުގެ ޓީމުތައް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ތަހުގީގަށް މީހުން ހައްޔަރުކުރުން

ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާއަށް 10 ދުވަސް ވެގެން ދިޔައިރު ފުލުހުންގެ ބެލުމުގެ ދަށަށް 2 މީހަކު ގެނެވިފައިވާއިރު އިތުރު ބަޔަކު ވެސް ތަހުގީގަށް ހައްޔަރު ކުރެވުނު ކަމަށް ވާހަކަ ދެކެވެއެވެ. ނަމަވެސް ކާނަލް ނާޒިމްގެ އެޕާޓްމެންޓުން 'ހަނގުރާމަވެރި ހަތިޔާރު' ފެނުނު މައްސަލައިގައި 3 ހަފްތާ ވެގެން ދިޔައިރު ވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ކާނަލް ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ކަމަށް ފުލުހުން ބުނާ 'ޕެންޑްރައިވް'ގައި ރައީސް ޔާމީން އަވަހާރަކޮށްލަން ރާވާފައިވާ ގޮތުގެ 'ޕްލޭނެއް' ހުރި ކަމަށް ބުނެފައިވާއިރު، އޭގައި ހިމެނޭ އެއްވެސް މީހަކު ތަހުގީގަށް ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް އެއިން އެއްވެސް މީހަކާއި ސުވާލު ވެސް ކޮށްފައެއް ނުވެއެވެ. އެއަށް ވުރެ ސަރުކާރަށް މުހިއްމު ވެގެން ގޮސްފައިވަނީ އެ 'ޕްލޭން' ގައި ހިމެނޭ މީހުން ވަޒީފާއިން ވަކި ކުރުމެވެ.

ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ކާނަލް ނާޒިމްގެ އެޕާޓްމެންޓުން 'ހަނގުރާމަވެރި ހަތިޔާރު' ފެނިގެން ފުލުހުން އަމަލު ކުރި ގޮތަށް ބަލާއިރު، ފްރޭމްކުރުމާއި ހަގީގަތުގެ ތަފާތު މިއޮތީ ކިތަންމެހާ ވެސް ރީއްޗަކަށް ފެންނާށެވެ.