Last Updated: April 23, 11:33
Tuesday, April 23, 2024
ޚަބަރު

ގޮތް ހުސްވެގެން އެންމެ ފަހުން ޝެއިޚް އިމްރާން ދޫކޮށްލަނީ !؟؟

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވެގެންދާނީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ފެނިގެންދިޔަ އެންމެ ހިތްވަރުގަދަ އެއްބޭފުޅެއްގެ ގޮތުގައެވެ. ނުޙައްޤުން އަނިޔާ ލިބެމުން ދިޔަ ސިޔާސީ ލީޑަރުންތަކެއްގެ ދިފާޢުގައި ނިކުމެވަޑައިގަތުމުން ސަރުކާރުގެ ތެރެއިން ހުށަހެޅި "ޑީލް"ތަކަށް އެއްބަސްވެވަޑައި ނުގެން ސާބިތުކަމާއި އެކު ހުންނެވިއެވެ. ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ފަހު ޖަލުގައި ބަންދުކުރެވުނު ނަމަވެސް އެމަނިކުފާނުގެ ޢަޒުމަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ޖަލުގައި ކިތަންމެ ދުވަހަކު ބަންދުކޮށްފައި ބެހެއްޓި ނަމަވެސް ޝެއިޚް އިމްރާންގެ ޢަޒުމަށް ބަދަލެއް ނާންނާނެ ކަން އެބޭފުޅާ އެގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ. ނައިބު ރައީސް އަހްމަދް އަދީބް އަކީ "ޚާލިދް ބުން ވަލީދް" ފަދަ ބޭފުޅެއްގެ ގޮތުގައި ރައީސް ޔާމީން ސިފަކުރެއްވި ނަމަވެސް އަދީބުގެ ފަރާތުން ނުރައްކާތަކެއް އޮތްކަމަށް ޚުދު އެމަނިކުފާނަށް ވެސް ވަނީ ޤަބޫލުކުރެވިފައެވެ.

ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން ހިނގާފައިވާ ކަންކަމަށް ބަލާއިރު ނައިބު ރައީސް އަހްމަދް އަދީބް އާއި ރައީސް ޔާމީންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައިކަން ފާހަގަކޮށްލެވެއެވެ. ޝެއިޚް އިމްރާން އަބްދުﷲ ޖަލަށް ލެވިފައިވަނީ، އަދީބް އާއި ބެހޭގޮތުން ފާޅުކަން ބޮޑުގޮތެއްގައި ވާހަކަދައްކަވަން ފެށިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ. ޝަރުޢީ ޙުކުމެއް ނެތި ޝެއިޚް އިމްރާން ޖަލަށް ލުމުގެ އެންމެ ބޮޑު ބޭނުމަކަށް ވެފައިވަނީ ނައިބު ރައީސް އަދީބު އާއި ބެހޭގޮތުން އެބޭފުޅާ ދައްކަވަމުން ގެންދެވި ވާހަކަތަކަށް ހުއްޓުމެއް ގެނައުމެވެ.

އިމްރާން ޖަލުގައި ބަންދުކުރެވުނު ފަހުން 3 މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، މިހާރުގެ ނައިބު ރައީސް ދިފާޢު ކުރެއްވުމުގެ ވިސްނުންފުޅެއް ރައީސް ޔާމީން އަކަށް ނެތެވެ. ފިނިފެންމާ ލޯންޗްކޮޅުގައި ހިނގި ހާދިސާއަށް ބަލާއިރު، ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު އަދީބަށް ނެތްކަން މިވަނީ ހާމަވެގެން ގޮސްފައެވެ. އެހެން ކަމުން ޝެއިޚް އިމްރާން އިތުރު ދުވަސްތަކެއް ވަންދެއް ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމުން ފާއިދާއަށް ވުރެ ރައީސް ޔާމީނަށް އޮތް ގެއްލުން މާބޮޑެވެ.

ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ވަޒީރެއްގެ މަޤާމު އަދާކުރެއްވި ބޭފުޅަކު 'އައްޑޫލައިވް'އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި ޝެއިޚް އިމްރާން އަބްދުﷲ ކޯޓުން މިނިވަން ކުރާނެ ކަމަށް ބެލެވޭ ކަމަށާއި، އަދި އެއަށް ފަހު ރައީސް ޔާމީން އެބޭފުޅާއާއި ބައްދަލުކުރެއްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަދީބުގެ އިތުބާރު ގެއްލުމަށް ފަހު މިވަގުތު ސަރުކާރު ދެމެހެއްޓުމަށް ރައީސް ޔާމީނަށް އެންމެ ބޭނުންވަނީ ޝެއިޚް އިމްރާން އާއި ކާނަލް ނާޒިމް މެން ފަދަ ބޭފުޅުން ކަމަށެވެ.

" މި ސިޓުއޭޝަން ޓާން ކޮށްލުމަށް ރައީސަށް ވަރަށް މުހިއްމު ބޭފުޅެއް އިމްރާން އަކީ. އަޅުގަނޑަކަށް ނޭނގޭ އިމްރާން ނަންގަވާނެ ޑެޒިޝަނެއް. ބޮޑަށް ބެލެވޭ ހަމަ ހައިކޯޓުން އިމްރާން ދޫކޮށްލާނެ ކަމަށް" އޭނާ ވިދާޅުވިއެވެ.

ތިން މަސްދުވަހަށް ފަހު ކުއްލިގޮތަކަށް ޝެއިޚް އިމްރާންގެ މައްޗަށް ކުރެވޭ ޓެރަރިޒަމްގެ ދައުވާގެ ޝަރީޢަތެއް މާދަމާ ހެނދުނު 10 ޖަހާއިރަށް ތާވަލްކުރެވިފައިވާއިރު، ގިނަ ބަޔަކު ބުނަމުން ދަނީ މާދަމާ ޝެއިޚް އިމްރާން މިނިވަން ކުރާނެ ކަމަށެވެ.