Last Updated: April 25, 10:16
Thursday, April 25, 2024
ޚަބަރު

2016 ގައި އައްޑޫ ސިޓީގެ ހުރިހާ ގެއަކަށް ސާފު ބޯފެން ލިބޭނެ

2016 ވަނަ އަހަރުގެ ތެރޭގައި އައްޑޫ ސިޓީގެ ހުރިހާ ގޭބިސީއަކަށް ސާފު ބޯ ފެން ލިބޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އައްޑޫގެ ދެ ރަށް ކަމަށްވާ މީދު އާއި ހުޅުދުއަކީ ވަކިން އޮންނަ ދެރަށް ކަމުން ފެނާއި ނަރުދަމާގެ މަސައްކަތް ފަށަން ޖެހުނީ ވަކިވަކިން ކަމަށެވެ.

އެހެން ނަމަވެސް ހުޅުދޫގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން 51 ޕަސެންޓް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު އަދި ވިދާޅުވީ ކުރިއަށް އޮތް މަހުގެ ތެރޭގައި މީދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ފެށިގެން ދާނެ ކަމަށެވެ.

“ބައެއް މަސައްކަތް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހުރީ ކުރެވިފައި. އެހެންނަމަވެސް އެމަސައްކަތެއް އެއްގޮތަކަށް ވެސް ނުނިމޭ. ކުރަން ޖެހޭ ވަރަށް ބައިވަރު މަސައްކަތް ހުރި. އޭރުގެ ސަރުކާރުން ހުރީ މަސައްކަތުގެ ދެބައިކުޅަ އެއްބައި ވެސް ނުކުރެވި،” ތޯރިގް ވިދާޅުވި އެެވެ. “އެހެން ނަމަވެސް މި ސަރުކާރު އައިސް ގިނަ ތަކެތި ގަނެ މަސައްކަތަށް ބޭނުންވާ ސާމާނުތައް ހޯދީ. އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަގުބަލެއްގައި އެކަމުގެ ފޮނި މީރުކަން އައްޑޫ ރައްޔިތުންނަށް ލިބޭނެ.”
12065525_10153135662361931_6386933138708703394_n
މިނިސްޓަރު އަދި ވިދާޅުވީ ހިތަދޫގެ ގޭގެއަށް މިހާރު ގެންދަނީ ހޮޅި ވަޅުލުމުގެ މަސައްކަތް ހިނގަމުން ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ސާމާނު ވެސް މިހާރު އައްޑުއަށް ގެންދެވިފައިވާ ކަަމަށް ވިދާޅުވި އެވެ.އަދި އެ ސަރަހައްދުގައި ގާއިމު ކުރަން ޖެހޭ ދެ ވެކިއުމް ސްޓޭޝަނުގެ ތެރެއިން އެއް ތަނުގެ މަސައްކަތް ނިމިފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ދެވަނަ ސްޓޭޝަނުގެ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ.