Last Updated: April 25, 20:04
Thursday, April 25, 2024
ކޮލަމް

ޝައިތާނާއާއި އޭނަގެ އަޢުވާނުން

އެއްފަހަރަކު މީހަކަށް ޝައިތާނާއާއި ބައްދަލުވިއެވެ. އެހިނދު ޝައިތާނާ އަށް އެމީހާ ބުންޏެވެ. ކަލޭތިޔައީވާ ހާދަނުބައިނުލަފާ މަޚުލޫގެކެވެ. ކަލޭ އިންސާނުން މަގުފުރެއްދުމުގެ މަސައްކަތްހުއްޓާލާ އިސްލާހު ވެގެން ހުރެއްޖެނަމަ ދުނިޔޭގައި އިންސާނުން ހާދަހާވާ ސުލްހަވެރި އަމާން ދިރިއުޅުމެއް އުޅޭނެތާއެވެ. ޖަވާބުގައި، އެތާކާރީގައި ހުރި ފިހާރަކައިރިއަށްޖެހިލާފައި ޝައިތާނާ ބުންޏެވެ. މަންޒަރުބަލަން ކަލޭ ކުޑަހިނދުކޮޅަކު މިތާމަޑުން ހުންނާށެވެ.

އެހެންކިޔާފައި ފިހާރައިގައި ވިއްކަންހުރި ހަކުރު ފުޅީގެ މަތިނަގައި އޭގެތެރެއަށް އިނގިލި ކޮށްޕާލުމަށްފަހު އިނގިލި ފާރުގައި ފޮހެލާފިއެވެ. އިރުކޮޅަކުން މެހިމާބުރުތައް އައިސް އެތަނުގައި ޖައްސަން ފަށައިފިއެވެ. އެ މެހިމާބުރުތައްކާންވެގެން އެތަނަށް ހޯނެއް އައެވެ. އެތާހުރި އެހެންމީހަކަށް މިމަންޒަރުފެނުމުން ހޯނުމަރަންވެގެން އޭނަގެ ފައިވާން ހޯނާއިދިމާލަށް އެއްލިއެވެ. އެފައިވާންކިބަ ފާރުގައި ޖެހިފައި ގޮސް ޖެހުނީ ފިހާރައިގެ ހަރުގަޑުގައި އަތުރާފައި ހުރި ފުޅިތަކުގައެވެ.

ފުޅިތަކުގައި ފައިވާންކިބަ ޖެހުމާއެކު އެފުޅިތައް ބިންމައްޗަށް ވެއްޓިތެޅުނެވެ. ފިހާރައިގެ ސޭޓަށް އެތައްގެއްލުމެއް ލިބުނީއެވެ. ވަގުތުން ފިހާރައިގެ ސޭޓް ރުޅިވެރިކަމާއެކުތެދުވެ އެމީހާއާއި ޒުވާބުކުރަން ފެށިއެވެ. އިރުކޮޅަކުން ދެމީހުންގެ އެކުވެރިންވެސް އެތަނަށް ޖަމާވިއެވެ. އެއަށްފަހު ޒުވާބުހޫނުވެ ތަޅާފޮޅުމަކަށް ބަދަލުވިއެވެ. އެތަޅާފޮޅުން ނިމުނީ އެތައްބަޔެއްގެލޭ އޮހޮރުމަކަށްފަހުގައެވެ. އެހިނދު ޝައިޡާނާ އަނެކަކާއި ދިމާލަށް ބުންޏެވެ. އަހަރެން ފާރުގައި އުގުޅީ އަހަރެންގެ އެންމެ އިނގިއްޔެކެވެ. ކަންތައްވެގެންދިޔަގޮތް ކަލޭނިކަން ބަލާށެވެ. އެއަށްފަހު ޝައިތާނާ އެތަނުން ހިގައްޖެއެވެ. ޝައިތާނާ އޭނަގެ މުޅި ހަށިގަޑު އިންސާނުން މަގުފުރެއްދުމަށް ބޭނުންކުރާ ވަގުތުތަކުގައި އިންސާނުންގެ މެދުގައި ފިތުނަ ފަސާދަ އުފެދިގެންދާނެ މިންވަރު ހިތްމައްޗަށްގެންނަވާށެވެ. އުމުރުން ދުވަސްވި ހަރުމީހުން މިވާހަކަ ކިޔައިއުޅެނީ އެމީހެއްގެވާހަކަ މީސްތަކުންނަށް ވިސްނައިދިނުމުގެ މަގުސަދުގައެވެ. މިއީހަގީގީ ވާހަކައެއްތޯ ނޫންތޯ އެކަން ކޮންމެހެން މުހިއްމެއްނޫނެވެ. މިއަދު އަޅުގަޑުމެންގެ ގައުމާމެދު ނަޒަރު ހިންގާލައިފި ނަމަ މިވާހަކަ ވަރަށް ފިޓްވާނެކަން ޔަގީނެވެ.

ޒަމާންވަނީ ބަދަލުވެފައެވެ. އިންސާނުންގެ އާބާދީވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. ދުނިޔޭގެ ކާރުބާރު ވަރަށް ފުޅާވެއްޖެއެވެ. ޝައިތާނާވެސް ވަރަށްބިޒީވެއްޖެއެވެ. އެހެންކަމުން ޝައިތާނާގެ ބައެއް ޒިންމާތައް އޭނަގެ ދަރިންނާއި އަނެއްބައި ޒިންމާތައް އޭނަގެ ދަރިވަރުންނާއި އަނެއްބައި އޭނައަށްސަޕޯޓް ކުރާފަރާތްތަކާއި މިހާރުވަނީ ހަވާލު ކުރެވިފައެވެ. ޝައިތާނާއާއި އޭނަގެ އަޢުވާނުން މުސްލިމުން މަގުފުރެއްދުމަށާއި އިސްލާމުން ބަލިކަށިކުރުމަށްޓަކައި ކުރެވެންހުރި ހުރިހައި ކަމެއްދަނީ ކުރަމުންނެވެ.

އަޅުގަޑުމެންގެ އީމާންތެރިކަން އެހާވަރުގަދަނުވުމުގެ ނަތީޖާއަކީ ޝައިތާނާ އަޅުގަޑުމެންގެ މައްޗަށް ކާމިޔާބު ހޯދުމެވެ. މިހެންވުމުގެ ސަބަބުން ދިމާވާ ކުޑަކުޑަ ކަމެއްގެ ސަބަބުން ތިމާގެ އަޚާގެ އަދާވާތްތެރިއަކަށްވެ އޭނަގެއަބުރު ކަތިލަނީއެވެ. ހުރުމަތްތެރިވެގެންވާފުރާނައާއި މުދާތައް ނައްތާލަނީއެވެ. މަގުފޭރުމާއި، މަރާމާރީއާއި، ޒިނޭއާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ ވަބާ، އޭގެ އެންމެ މައްޗަށްގޮސްފައިވާއިރުވެސް މިއީ ހަމަ ސައްތައިންސައްތަ އިސްލާމީ ޤައުމެއްކަމުގެ ދައުވާ އަޅުގަޑުމެން ކުރަމުއެވެ.

ތަނެއްގައި މުންކަރާތް ތަކާއި ފާހިޝް ކަންތައްތައް އާންމު ވެއްޖެނަމަ، އެތަނެއް ވަރަށް އަވަހަށް ފަސާދަވެ ފަނާވެ ހިގައިދާނެކަން ކަށަވަރެވެ. ފާހިޝްކަންތައްތަކާއި މުންކަރާތްތައް މަނާކޮށް ހެޔޮކަންކަމަށް އަމުރުކުރާނެ ބަޔަކު އަބަދުމެ ތިބެންޖެހެއެވެ. މިއުންމަތް އެހެން އުންމަތްތަކުގެ މައްޗަށް މާތް ކުރެވުނު ސަބަބަކީ މިއުންމަތުގެ މީހުން ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރާކަމެވެ.

ހެޔޮކަންތަކުގައި އެކަކު އަނެކަކަށް ވާގިވެރިވެ ނުބައިކަންތަކުން އެއްބަޔަކު އަނެއްބަޔަކު ދުރުކުރުމަށް ޓަކައި މަސައްކަތް ކުރާކަމެވެ. ކީރިތި ﷲ ވަޙީ ކުރެއްވިއެވެ. وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَأُولَئِكَ هُمُ الْمُفْلِحُونَ މާނައީ: އަދި ހެޔޮމަގަށް ގޮވާ (ހެޔޮކަންކަމަށް އަމުރުކުރާ) އަދި ނުބައިކަންތައް ނަހީކުރާ ބަކަކު ތިޔަބައިމީހުންގެ ތެރެއިން ތިބޭހުށިކަމެވެ. އެބައިމީހުންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ." (سورة آل عمران104)

މިގައުމުގައި ފެހިގާނޫނު އަސާސީގެ ދަށުން ޒަމާނީ ޑިމޮކްރެސީގެ ވެރިކަންކުރާތާ ހައަހަރު ފުރިހަމަ ވަނީއެވެ. ގާނޫނުއަސާސީ އިސްލާހުކުރެވުނު ހިސާބުން މިކުޑަކުޑަ ގައުމުގައި ކުރިން ތަޖުރިބާ ކުރެވިފައި ނުވާ ކަނތައްތަކެއްފަހުގެ ޖީލަށް ތައާރަފުވެގެން ދިޔައެވެ. މުޒާހަރާކުރުމާއި ދުލުގެ މިނިވަންކަމެވެ.

އިންސާނީ ހައްގުތަކާއި ފަރުދީމިނިވަންކަމާއި ޖަމާއަތުގެ މިނިވަންކަމެވެ. މިމިނިވަންކަން އަޅުގަޑުމެންނަށް ލިބުނުއިރު އަދިވަރަށް ނުރައްކާތެރި ބިރުބޮޑުކަމެއް އަޅުގަޑުމެންގެ ތެރެއަށް ވަނީ ތައާރަފުވެފައެވެ. އެއީ މަސްތުވާތަކެތީގެ ނުރައްކަލާއި އެކަމުގެ ބިރުވެރިކަމެވެ. ގައުމަށް މިނިވަންކަމާއި އިސްލާހީ ބަދަލުތަކާއި ޑިމޮކްރެސީ އައިހިނދު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައްވަނީ ދުނިޔޭގެ އެހެންގައުމުތަކުގައި ހަރަކާތްތެރިވާފަދަ ބޮޑެތި ގޭންގްތައް މިގައުމުގައިވެސް ހިންގަންފަށާފައެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވަނީ " މާލެގައި ތިރީހަށް ވުރެ ގިނަ ގޭންގު ގުރޫޕް އެބަ އޮތް ކަމަށާއި އޭގެ ތެރެއިން ތޭރަ ގޭންގަކީ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ގޭންގުތައް ކަމަށެވެ."

އެކަންއެގޮތަށް ވެގެންދިޔައީ މިގައުމުގައިތިބިބަޔެއް ވިޔަފާރިވެރިންނާއި ސިޔާސީ މީހުން އެ ގްރޫޕްތަކުގެ ބޭނުން އަމިއްލަ މަސަލަހަތަށްޓަކައި ހިފަންފެށުމުންކަމީ ދެބަސްވެވޭނެ ޖާގައެއްއޮތް ކަމެއް ނޫނެވެ. ކަމުގެ މާހިރުން ކޮށްފައިވާ ދިރާސާތަކުން އެނގޭ ކަމަކީ ރާއްޖޭގައި އޮޕަރޭޓް ކުރާ ގޭންގްތަކަށް ސިޔާސީ ޕާޓީ ތަކާއި ވިޔަފާރިވެރިން ބޮޑެތި އަދަދުތަކުން ފައިސާގެ ހަރަދު ކުރާ ކަމެވެ. އަދި މިކުޑަކުޑަ ގައުމުގައި އެއްބަޔަކު ގަބޫލުކުރަނީ އެބައިމީހުންގެ ވެރިކަން ދެމެހެްޓުމަށްޓަކައި ގޭންގްތަކުގެ އެހީތެރިކަން ހޯދުން އެއީމަޖުބޫރުވެފައިވާ ކަމެއްކަމަށެވެ.

އަދި އަނެއްބަޔަކު ދެކެނީ އެމީހުންނަށް ވެރިކަމަށް އާދެވޭނީ ގޭންގްތަކުގެ އެހީތެރިކަން އެމީހުންނަށް ލިބިގެންކަމަށެވެ. ގައުމު ފާލުން ނެއްޓިގެން ދިޔައީ މިހިސާބުންނެވެ. ހަތަރުލައްކަ ހަމަނުވާ މިކުޑަކުޑަ ގައުމުގައި އިސްލާމީ ގިއުގަޑުގެ ތެރެއިން ގައުމު ތަރައްގީ ކޮށްގެން ރައްޔިތުންނަށް ހެޔޮވެރިކަން ކޮށްދޭނެ ތައުލީމީ ގާބިލު މީހުން މިގައުމުގައި މަދެއް ނޫނެވެ. އެކަމަކު މިއަދު އެފަރާތްތައްވަނީ ބާކީ ކުރެވިފައެވެ. ވެރިކަމުގެ ބާރުލިގެންތިބި މީހުންވަނީ، އެބައިމީހުންގެ ތެރޭގައިތިބި ގާބިލުހުނަރުވެރި މީހުން އެއްފަރާތަށް އެހެލާފައެވެ.

ޚިޔާނާތާއި ވައްކަމާއި ފޭރުން ކަޓަރުއެޅުމާއި މީހުން މެރުން މިވަނި އާއްމުވެފައެވެ. ޒުވާނުން މަސްތުގެ ވަބާގައި ޖެއްސުމައްޓަކައި ޝައިތާނާއާއި އޭނަގެ އައުވާނުންދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ. ކޮންމެފަރުދަކު މިވަނީ އޭނައާއި އޭނަގެ އަނބިދަރިންގެ ފުރާނަ ސަލާމަތްކުރުމަތް ވިސްނައި ހޭލައި ތިބެންޖެހިފަ އެވެ. ގެއިންބޭރަށް ދާއިރު ސަލާމަތުން އެނބުރިއައިސް ގެއަށް ވަދެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ގާނޫނާއި ގަވާއިދު ހެދުމަކުން އަދިނުފުދޭނެއެވެ. ހޯމް މިނިސްޓަރު އުމަރު ވިދާޅުވާ ގޮތުގައި ރާއްޖޭގައި މާރާމާރީ ހިންގުން އިންތިހާ ދަރަޖައަށް ގޮސްފައިވާއިރު އޭގެ އަސްލަކީ މަސްތުވާ ތަކެއްޗާއި ގޭންގުތަކެވެ. މުޖުތަމައުގައި ޖަރީމާތައް މަދުކުރަން ބޭނުންނަމަ ހުރިހައި ނުބައި ކަމުގެ އަސްލު ނައްތާލަން މަސައްކަތް ކުރަމާ ހިނގާށެވެ. ޝައްކެއްނެތެވެ. އެއީ މަސްތުވާ ތަކެއްޗެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. " اجتنِبوا الخمر فإنَّها أمُّ الخبائث " رواه النسائي. މާނައީ : ތިޔަބައިމީހުން ރަލާ ދުރުހެލިވާށެވެ. ފަހެ ހަމަކަށަވަރުން ރަލަކީ ހުރިހާ ނުބައި ހަޑިހުތުރު ކަންތައްތަކުގެ މަންމައެވެ." މިނިވަންކަމުގެ ހުދޫދަކީ މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައެލިފައިވާ ހުދޫދު ތަކެވެ. އެކަން ގަބޫލުކޮށް އެމަގު ޚިޔާރުކުރުން އެންމެނަށް ފައިދާ ބޮޑެވެ.