Last Updated: March 29, 02:52
Thursday, March 28, 2024
ރިޕޯޓް

"ޕާޓޭން" އެޅި ސްޓޭޑިއަމް ބޮލަށް ވެއްޓެނީ!

އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗްތައް ހިތަދޫ ސްޓޭޑިއަމްގައި ބާއްވަން ނިންމައި ވަގުތު ކުޑަވެގެން ދިޔައިރުވެސް މަސައްކަތެއް ނުފެށެއެވެ. މާ ސިންގާ އިމާރާތެއް ކޮޅަށް ޖެހުމަށް، ފުރަތަމަ މަސައްކަތް ފެށީ 14 ޖެނުއަރީ 2014ގައެވެ.

މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިހާރުގެ ކުޅިވަރާއި ބެހޭ ވަޒީރު މަލީހް ޖަމާލް ވިދާޅުވީ، ހިތަދޫ ޒޯން ސްޓޭޑިއަމް އޭއެފްސީން ކަނޑައަޅާ މިންގަނޑަށް ތަރައްގީވެގެން ދިއުމަކީ އައްޑޫގެ އިތުރުން މި ސަރަހައްދުގެ އެހެން އަތޮޅުތަކުގެ ކުޅިވަރަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މަސައްކަތް ފެށުމުގެ ގޮތުން އަމީން ކޮންސްޓްރަކްޝަންގެ ވެރިއާ، އަބްދުﷲ މުހައްމަދު ވިދާޅުވީ މި މަސައްކަތް ކަޑައެޅިފައިވާ ވަގުތަށް ނިންމާލުމުގައި ރައްޔިތުންގެ އެހީ ބޭނުން ކަމަށާއި، މި މަސައްކަތަކީވެސް ނަމޫނާ މަސައްކަތެއް ކަމަށް ހައްދަވާނެކަމަށެވެ.

ސްޓޭޑިއަމްގެ މަސައްކަތް 81 ދުވަހުގެ ތެރޭގައި ނިންމުމަށް އަމީންގެ ބެލުމުގެ ދަށުން ހަވާލުކުރީ ފުވައްމުލަކު ކުންފުންޏަކާއިއެވެ. އެކުންފުނިން ފުވައްމުލަކާއި އައްޑޫގައި ތިބި ހުރިހާ "ބަލި" ކުދިން ގޮވައިގެން ސްޓޭޑިއަމްގެ ކޮންކްރިޓް މަސައްކަތް ކުރި އިރު ރައްޔިތުން ދުރުގައި ބަލަހައްޓައިގެން ތިބީއެވެ. ކަމަކާއި ގުޅިގެން ބަހެއް ބުނެލިއަސް މަސައްކަތަށް ބުރޫ އަރާފާނެ ކަމަށް ބުނެގެން އެންމެން ވެސް ތިބީ "ހަނު"އެވެ.

ދޭތެރެ ދޭތެރެއިން މިނިސްޓަރ މަލީހް، އައްޑޫއަށް ވަޑައިގެން އެ ސަރަހައްދުގައި، ހުންނަވައިގެން ސެލްފީ ނަންގަވާ، މީޑިއާގައި ބަސް ވިދާޅުވަމުން ގެންދެވިއެވެ. އެގޮތުން މޭއި މަހުގެ 15 ދުވަހު ސެލްފީއެއް ނެންގެވުމަށް ފަހު ވިދާޅުވީ "ހިތަދޫގައި ރައީސް ނަޝީދު ސަރުކާރުން އިމާރާތްކުރި ކޮންވެންޝަން ސެންޓަރު (އީސީސީ) ވިރާނާ ވެގެން ދިޔަ ގޮތަށް ހިތަދޫ ޒޯން ސްޓޭޑިއަމް ވިރާނާވެގެން ނުދާނެ ކަމަށެވެ"
stadium

ބުރަ މަސައްކަތަކަށް ފަހު، މިހާރުގެ ރައީސް އާއި ކުރީގެ ރައީސް ވަޑައިގެން ސްޓޭޑިއަމްގެ ނަން ރީބްރޭންޑްކޮށް ސްޓޭޑިއަމް ހުޅުވައި ސްޓޭޑިއަމްގައި ޗެލެންޖްކަޕްގެ މެޗްތައް ކުޅެ ނިންމައިފިއެވެ. މެޗް ކުޅެމުން ދިޔަ ވަގުތު ތަކުގައިވެސް ޗޭންޖިން ރޫމް އާއި، ބައެއް ތަން ތަންތަނުގެ ތެރެއަށް ފެންލީކްވަމުން ދިޔައެވެ. އަދި ސްޓޭޑިއަމް ހިޔާކުރުމަށް ހެދި ފުރާޅުން ފެން ހިޔާ ނުވެ، ވީއައިޕީ އޭރިއާ ތެރެއަށް ކުޅިބެލުންތެރީން ވަދެ ބޮޑެތި މައްސަލަތައް އުފެދިގެން ދިޔައެވެ.
ads

އޭގެ ފަހުން މިވީ ކުޑަ ދުވަސް ކޮޅުގެތެރޭގައި، ސްޓޭޑިއަމްއަށް އަލަށް އިތުރު ކުރި ބައިގެ ބޮޑު ބައެެއްގެ ސިމެންތި ގަނޑު ކަޑައިގެން ބޮޑެތި ރެނދު ލާފައިވެއެވެ. ޗޭންޖިން ރޫމްގެ ސީލިންގެ ތެރެއަށް ފެންފޭދޭއިރު ސީލިން އޮތީ ބޮލަށް ވެއްޓެން ކައިރިވެފައެވެ. ތަނުގެ ފާޙާނާ ޖަންކްޝަން ތަކުން އަރާ ނަޖިސް ބޭރުވަނީ މަގަށެވެ. ބޯކޮށް ވާރޭ ވެހޭއިރު، ތަނުގެ ހުރިހާ ދިމާލެއަގައި ފެން ބޮޑުވެއެވެ.

މުޅި އިމާރާތް ރެނދުލައި، އެތަނަށް ވަންނަން ބިރުގަންނަ ހިސާބަށް ގޮސްފިއެވެ. ތަނުގައި ޖަހާނެ ކަމަށް ބުނި ލައިޓަށް ވީ ނުވީއެއް ނޭގޭއިރު ކުރިން ހުރި ފެންވަރަށް ވުރެ ދަށައް މިހާރު ތަން ގޮސްފިއެވެ. ތަނުގައި ބޭރަށް ދިއްލޭ އެންމެ ލައިޓެއް ވެސް ނެތެވެ. ރޭގަނޑު ތަން ހީވަނީ ފަޅު ޖަންގައްޔެއް ހެންނެވެ.

ސްޓޭޑިއަމްގެ އަލަށް އިމާރާތް ކުރި ބައިގެ ފާހާނާއެއް. ފާރުގައި ޖަހާފައިވާ މުށިތައް ރެނދުލައި ތެޅިފައި
ސްޓޭޑިއަމްގެ އަލަށް އިމާރާތް ކުރި ބައިގެ ފާހާނާއެއް. ފާރުގައި ޖަހާފައިވާ މުށިތައް ރެނދުލައި ތެޅިފައި

ފުވައްމުލަކާއި، އައްޑޫގައި ތިބި ގިނަ އަދަދެއްގެ "ޕާޓޭން" ދުވަހު މުސާރައަށް ގެނެސް ކުރި މަސައްކަތަށް، 77 މިލިއަން ރުފިޔާ ނަގާފައިވާއިރު ބާކީ ފައިސާ ނުދޭން އޭސީސީން ވަނީ އަންގާފައެވެ.

މޭއި 15 ވަނ ދުވަހު މަލީހް ވިދާޅުވި ޕްލޭން ކޮބާހެއްޔެވެ. " މި ސަރުކާރުން ސްޓޭޑިއަމް ތަރައްޤީ ކުރީ ޕްލޭނެއް އޮވެގެން ކަމަށެވެ. އެހެންވެ އީސީސީއަށް ވީ ގޮތް ނުވާނެކަމަށެވެ."

ސަރުކާރުގެ ޕްލޭން އަކީ މިތަން ބޮލަށް ވެއްޓުން ހެއްޔެވެ؟