Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

"ނަލަފެހި އައްޑޫ" އަންސާނާ ވެލާވަރުއިން ހަގީގަތަކަށް ހަދައިދެނީ!

"ނަލަފެހި އައްޑޫ" އަކަށް އައްޑޫ ސިޓީ ހެދުމަށް، އަންސާނާ ވެލާވަރު ރިސޯޓާއި، އައްޑޫ ފްރެންޑްސް އަދި އައްޑޫ ސިޓީ ކައުންސިލުން މާދަމާ ނިކުންނާނެއެވެ.

"އައްޑޫލައިވް" އިން ޕްރޮމޯޓް ކުރަމުން އަންނަ "ނަލަފެހި އައްޑޫ" ޝިއާރު ހަގީގަތަކަށް ހަދައި ދިނުމަށް މިއަދު އަންސާނާ ވެލާވަރު ރިސޯޓްގެ ޓީމެއް އައްޑޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ތިމާވެއްޓަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ އަންސާނާގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން އައްޑޫގައި ހިޔާދޭ، އަދި މޭވާ އަޅާ 6000 ގަސް އިންދުމަށް ވަނީ ނިންމާފައެވެ. އައްޑޫގައި ގަސް އިންދުމަށް އެހީތެރިކަން ފޯރުކޮށްދޭނީ އައްޑޫ ފްރެންޑްސްއިންނެވެ. އަދި ގަސް އިންދުން ކުރިއަށްގެންދާނީ އައްޑޫ ކައުންސިލްގެ އިރުޝާދުގެ ދަށުންނެވެ.

އައްޑޫގައި އަންސާނާ ވެލާވަރުއިން ކުރިއަށްގެންދަން ނިންމާފައިވާ ހަރަކާތާއި ގުޅޭގޮތުން އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ، މިފަދަ ހަރަކާތެެއް އައްޑޫގެ ޖަމިއްޔާ އަކާއި ގުޅިގެން ކުރިއަށް ގެންދަން ނިންމެވީތީ ޝުކުރު ދަންނަވާ ކަމަށާއި، މި ހަރަކާތަށް ކައުންސިލްގެ ފުރިހަމަ ބައިވެރިވުން ލިބިގެންދާނެކަމަށެވެ.

އަދި އައްޑޫ "ނަލަ" ރީތި ތަނެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އައްޑޫ ގެ އެންޖީއޯ އަކާއި، މީޑިއާ އަކުން އައްޑޫގެ ރީތިކޮށް ބާއްވަން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ.

ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް "އައްޑޫ ފްރެންޑްސް" އިން ނިންމާފައިވަނީ އެ ޖަމިއްޔާގެ އާއްމު މެމްބަރުންނާއި، އައްޑޫގެ ސްކޫލްތަކުގެ ތިމާވެށި ކްލަބްތަކުގެ ބައިވެރިވުމާއި އެކު އެވެ.