Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

އަންސާނާއިން އައްޑޫގައި ގަސްއިންދަން ފަށައިފި

ރާއްޖޭގެ ތިމާވެެއްޓަށް ހާއްސަ ސަމާލްކަމެއް ދެމުން އަންނަ އަންސާނާ ވެލާވަރު ރިސޯޓްއިން އައްޑޫގެ ޖަމިއްޔާ އަކާއި ގުޅިގެން، ގަސްއިންދުމުގެ ހަރަކާތެއް އައްޑޫގައި ފަށައިފިއެވެ.

"ފްރެންޑްސް އޮފް އައްޑޫ" އާއި ގުޅިގެން "ނަލަފެހި އައްޑޫ"ގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތް ރަސްމީކޮށް ފައްޓަވާ ދެއްވީ އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ)އެވެ.
DSC_3328

އަންސާނާ ސީއެސްއާރްގެ ދަށުން އައްޑޫގައި 6000 ގަސް "އައްޑޫ ފްރެންޑްސް"އިން އިންދާނެއެވެ. އަދި ގަސް އިންދުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ދައްކާ ވަކި ސަރަހައްދެއްގައެވެ. އެގޮތުން ހިތަދޫ އުތުރުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދާއި، މާކިޅި، ކޮންވެންޝަން ސެންޓަރުގެ ސަރަހައްދުގެ އިތުރުން ލިންކް ރޯޑުގެ އަރިމަތީގެ ސަރަހައްދު ތަކުގައި ގަސް އިންދުން ކުރިއަށް ގެންދާނެއެވެ.
DSC_3378
މިހަރަކާތަށްފަހު، އައްޑޫ ފްރެންޑްސް އާއި އަންސާނާއިން މުޖްތަމައަށް ފައިދާ ހުރި ދާއިރާއަކަށް ހާއްސަ އެހީއެއް ވެދޭނެއެވެ.

"ނަލަފެހި އައްޑޫ"އަކަށް އައްޑޫ ސިޓީ ހެދުމަށް ކައުންސިލްގެ ވައުދުގެ ތެރޭގައި ވަނީ ހިމަނާފައެވެ. އެހެންވެ އައްޑޫގެ މޭޔަރ ސޯބެ ވިދާޅުވީ އަންސާނާ ވެލާވަރުއިން މިކަމުގައި އިސްނެގުމަކީ އެހެން ފަރާތްތަކަށް ފެނިގެން ދިޔަ ނަމޫނާއެއް ކަމަށެވެ. އަދި އެކަމަށްޓަކައި އަންސާނާ ވެލާވަރުގެ ޓީމަށް ސޯބެ ޝުކުރު ދެންނެވިއެވެ.