Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ޝަންގްރިއްލާއިން އައްޑޫގެ ދެ ސްކޫލަކަށް އެހީތެރިވަނީ

އައްޑޫގެ ދެ ސްކޫލަކަށް އެހީތެރިވެދިނުމަށް އެމްއޯޔޫއެއްގައި ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާއިން މިއަދު ސޮއިކޮށްފިއެވެ.

މިއަދު ހަވީރު ޝަންގްރިއްލާ ރިސޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސޮއިކޮށްފައިވަނީ ހިތަދޫ ޝަރަފުއްދީން ސްކޫލާއި، ފޭދޫ ސްކޫލަށެވެ.
DSC_3667

މި ރަސްމިއްޔާތުގައި ޝަންގްރިއްލާއިން ވަނީ ޝަރަފުއްދީން ސްކޫލްގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވއިދޭ "އައްނޫރު" ކްލާހަށް އަހަރަކު 120،000 (އެއްލައްކަ ވިހި ހާސް) ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.
DSC_3682

ފޭދޫ ސްކޫލާއި އެކު ޝަންގްރިއްލާއިން އެއްބަސްވެފައިވަނީ އެ ސްކޫލްގައި ފުޓްބޯޅަ އެކަޑަމީއެއް ހެދުމަށް އެހީތެރިވުމަށެވެ. އެގޮތުން އެ އެކަޑަމީއަށް އަހަރަކު 180،000 (އެއްލައްކަ އަށްޑިހަ ހާސް) ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
DSC_3719

މިއަދުގެ ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރ، ޑރ. އައިޝަތު ޝިހާމް އާއި ކުޅިވަރާއި ބެހޭ ވަޒީރު، މުހައްމަދު މަލީހް ޖަމާލް ބައިވެރިވެވަޑައިގަތެވެ. އަދި ޝަރަފުއްދީން ސްކޫލާއި، ފޭދޫ ސްކޫލްގެ ޕްރިންސިޕަލުންނާއި އިސްވެރިންގެ އިތުރުން އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ޝަންގްރިއްލާއިން އައްޑޫގެ ސްކޫލްތަކަށް ވެދެއްވަމުން ގެންދަވަނީ ނަމޫނާ މަސައްކަތެއް ކަމަށާއި، ރާއްޖޭގެ ވަޒީފާތަކަށް ޒުވާނުން އަހުލުވެރިކުރުމަށް ހިންގާ ހަރަކާތަށްވެސް ޝަންގްރިއްލާއިން ބޮޑު އެހީތެރިކަމެއް ވެދެމުން އަންނަ ކަމަށެވެ.

އެގޮތުން ޝަންގްރިއްލާއިން ހިންގަމުން އަންނަ ޓްރޭޑާސް ހޮޓަލުން، ދާދި ފަހުން ޒުވާނުންތަކެއް ވަޒީފާތަކަށް ތަމްރީނުކޮށް ނެރެފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި މަލީހް ޖަމާލް ވިދާޅުވީ، އައްޑޫގައި ސަރުކާރުން ކުޅިވަރު ކުޅުމަށް ބޮޑު ހޭދައެއް ކުރައްވަމުން އަންނަ ކަމަށާއި، ޝަންގްރިއްލާގެ އެހީތެރިކަމާއި، އެކު ހަދާ އެކަޑަމީން، އިތުރު އަލީ އަޝްފާޤް(ދަނގަޑޭ)ތަކެެއް ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޝަންގްރިއްލާގެ ޖެނެރަލް މެނޭޖަރ، ގަބްރިއެލް ލޮންބާޑޯ ވިދާޅުވީ، އެރިސޯޓުގެ ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ގިނަ ކަންތައް ތަކެއް އައްޑޫގެ ކޮމިއުނިޓީއަށް ކޮށްދެއްވާނެކަމަށެވެ.