Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ކުށް މަދު ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އައްޑޫގައި ކުށްކުރުން އާއްމުވެ، އާއްމު ރައްޔިތުން ބޮޑު ބިރުވެރިކަމެއްގައި ތިއްބާ ކުށްމަދު ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ދެކުނު ޑިވިޝަން ކޮމާންޑްއިން ފަށައިފިއެވެ.

ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ، އައްޑޫގައި ކުށްކުރުން އިތުރުވެގެން ދިއުމާއި ގުޅިގެން ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް 83 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއުރު އޭގެ ތެރެއިން 5 މީހެއްގެ ބަންދަށް 15 ދުވަހުގެ މުއްދަތު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހާ ދީފައެވެ.

ބަންދުގެ މުއްދަތު ކޯޓުން ޖަހާދީފައިވާ 5 މީހުންނަކީ މާރާމާރީއާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންނެވެ.

ސަމީރު ވިދާޅުވީ މި އޮޕަރޭޝަންގައި މަގުމަތީގައި އެއްވެސް ކަމެއް ނެތި ގްރޫޕު ހަދައިގެންތިބޭ ފަރާތްތަކާއި ސުވާލުކޮށް އެމީހުން ބަލައި ފާސްކޮށް ދަންވަރު ގަޑީގައި ބޭރުގައި އުޅޭ ފަރާތްތަކާ ފުލުހުން ސުވާލުކުރަމުން ގެންދާނެކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން އައްޑޫގައި ބޮޑެތި މާރާމާރީ ހިންގައި ތޫނުއެއްޗެހިން މީހުންނަށް ހަމަލާ ދެމުން އަންނަ އިރު، އިއްޔެ ހެނދުނު މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ މަރަދޫ ގެއަކަށް ވަދެ އެގޭ ބައްޕައާއި އިތުރު 2 ކުއްޖަކު ޒަހަމްކޮށްފައެވެ. އަދި އެމީހުން އިތުރު ފަރުވާއަށް ވަނީ މާލެ ގެންގޮސްފައެވެ.

ސަމީރު ވިދާޅުވީ މިހާރު ކުރިއަށްގެންދާ އޮޕަރޭޝަން ވަކި މުއްދަތެއް ނެތި ކުރިއަށްގެންދާނެ ކަމަށެވެ.