Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

"ގާނޫނު ލާޒިމް ކުރާ ކަންކަން ކުރެވޭ ވަރުގެ ބަޖެޓެއް ލިބެން ޖެހޭ"

އަންނަ އަހަރުގެ ބަޖެޓް އެކުލަވާލާނީ އައްޑޫގެ ވަކި ރަށްތަކަށް ބޭނުންވާ ކަންކަން ވަކިވަކީން ދެނެގަތުމަށްފަހު ކަމަށާއި، ކައުންސިލްގެ ގާނޫނުގައި ލާޒިމް ކުރާ ހިދްމަތްތައް ފޯރުކޮށްދެވޭނެ ބަޖެޓެއް ލިބެން ޖެހޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ 2015 އަހަރުގެ ބަޖެޓް އެކުލަވާލުމާއި ގުޅޭ ގޮތުން ރަށްރަށުގެ ކަމާއި ބެހޭ ފަރާތްތަކާއި އެކު ބައްދަލުވުން ބާއްވާނެކަމަށެވެ. އެގޮތުން ފޭދޫގެ ތަފާތު ދާއިރާ ތަކުގެ ބޭފުޅުންނާއި ކައުންސިލުން ވަނީ ބައްދަލު ކޮށްފައެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް(ސޯބެ) ވިދާޅުވީ، 2015 އަހަރުގެ އެކްޓިވިޓީ ޕްލޭންއާއި ފައިނޭޝިއަލް ޕްލޭން އެކުލަވާލައި ރަށްތަކަށް ހަމަހަމަ އުސޫލުން ބެޖެޓް ލިބޭނެ އިންތިޒާމް ހަމަޖައްސާނެކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބަޖެޓް ހެދުމަށް ވަކި ކޮމެޓީއެއް އެކުލަވާލާފައިވާ އިރު އަންނަ ޖެނުއަރީ 15 ވަނ ދުވަހުގެ ކުރިން ބަޖެޓް މަޖްލިސްއަށް ފޮނުވާނެ ކަމަށް ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ، ރަށްތަކަށް ބޭނުންވާ އަސާސީ ހިދްމަތްތައް ހިމަނައިގެން، ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލާޒިމް ކުރާ ކަންކަން ކުރުމަށް ބަޖެޓް ނުލިބިއްޖެ ނަމަ ރައްޔިތުން ބިކަ ވެގެންދާނެ ކަމަށެވެ.