Last Updated: April 18, 06:09
Thursday, April 18, 2024
ކޮލަމް

ޒާނިމް ފްރޭމްކުރުން (1)

ދިވެހިރާއްޖޭގައި 2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޙާބަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރެވެ. އޭރު އެމްޕީޑީ އާއި އިދިކޮޅު ހުރިހާ ބަޔަކު ދިޔައީ އިންތިހާބުގެ ދެވަނަ ބުރަށް ކޮލިފައިވުމަށް ވަރަށް ހިކްމަތްތެރިކަމާއި އެކު މަސައްކަތް ކުރަމުންނެވެ. ހުރިހާ ޕާޓީތަކެއްގެ މީހުން ވެސް ޤަބޫލުކުރާ ހަގީގަތެއް އޭރު އޮތެވެ. އެއީ އިންތިހާބްގެ ފުރަތަމަ ބުރުގައި އެމްޕީޑީގެ ކެންޑިޑޭޓް ދަނީޝަށް ވުރެ ގިނައިން އެއްވެސް މީހަކަށް ފުރަތަމަ ބުރުގައި ވޯޓް ނުލިބޭނެ ކަމެވެ.

ކަންތައް ވެގެން ވެސް ދިޔައީ ހަމައެގޮތަށެވެ. ބޮޑު ތަފާތަކުން ދަނީޝް ވަނީ އިންތިޙާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވިއެވެ. އެހެން ނަމަވެސް އޭގެ ކުރިން އޭނާ ބުނަމުން ދިޔަ، ގޮތަށް އެއްބުރަކުން އިންތިހާބް ކާމިޔާބެއް ނުކުރެވުނެވެ. ދަނީޝްގެ މައްޗަށް ކާމިޔާބު ހޯދެން އޮތް ހަމައެކަނި ގޮތަކީ މަންޒަރު ބަލަން ނުތިބެ އިންތިހާބުގައި ވާދަކުރި އެހެނިހެން ޕާޓީތަކަން އެއްގަލަކަށް އެރުން ކަމަށް ހުރިހާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ވިސްނުނެވެ. ދީނާއި ޤައުމަށްޓަކައި ދަނީޝް އާއި އެމްޕީޑީގެ ކިބައިން ޤައުމު ސަލާމަތްކުރަންޖެހޭ ކަމަށް ބުނެ ނިކުތް ފުޅާ ކޯދަނީޝް އާއި އެމްޑީޕީގެ މައްޗަށް ކުރި ހޯދިއެވެ.

ގިނަ ބަޔަކު ސިފަކުރި ގޮތުގައި މި ކާމިޔާބީގެ ސިއްރަކީ މާޔީންގެ ބޮޑުބޭބެ ނައުމޫން އާއި ވިޔަފާރިވެރިޔާ ސާގިމް އެވެ. އެބޭފުޅުންގެ އެހީތެރިކަމާއި ނުލައި މިކަން ނުވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ވެރިކަމުގެ ހުވާކުރުމަށްފަހު މާޔީން ރައްޔިތުންނަށް ވިދާޅުވީ އެމަނިކުފާނަކީ، ދިވެހި ހުރިހާ ރައްޔިތުންގެ ރައީސް ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަކީ ވެސް އެމަނިކުފާނުގެ ކުރިމަތީގައި ހަމަހަމަ ބައެއް ކަމަށް ވިދާޅުވިއެވެ. ރައީސް މާޔީންގެ ވެރިކަމަށް ވުރެ ކުރިން ރައީސް ވަދީޙުގެ ސަރުކާރުގައި ވެސް ޓޫރިޒަމް މިނިސްޓަރ ކަމުގައި ހުންނެވި ބަދީޢު އަށް އެ މަޤާމް ދެވުނެވެ. ހަމައެހެންމެ ރައީސް ވަދީޙުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވި، ކާނަލް ޒާނިމަށް ވެސް އެ މަޤާމަށް އައްޔަން ކުރެވިގެން ދިޔައެވެ.

ޤައުމު ސިއްސައިގެންދާނެ ފަދަ ތަރައްޤީ ގެނެސްދޭނެ ކަމަށް ބުނެ އައި ރައީސް މާޔީންގެ ސަރުކާރުގައި އެންމެ ބާރުގަދަ ދެ ވަޒީރުންގެ ގޮތުގައި ވެސް ފާހަގަ ކުރެވިގެން ދިޔައީ، ބަދީޢު އާއި ޒާނިމެވެ. ރައީސް މާޔީން އަށް ވުރެވެސް މި ދެވަޒީރުންގެ މަޤުބޫލުކަން ރައްޔިތުންގެ މެދުގައި ދިޔައީ އިތުރުވަމުންނެވެ. ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫޢުތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި އެކަންތައް ވިލަރެސް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔައީ ވެސް މިދެ ވަޒީރުންނެވެ.

ދިވެހިރާއްޖޭގެ އިޤްތިސާދްގެ މައި ތަނބު ކަމުގައިވާ ޓޫރިޒަމްގެ އެންމެހައި ކަންތައް ބެލެހެއްޓުމުގެ ބުރަ މަސައްކަތާއި ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ ބަދީޢު މަސައްކަތް ކުރައްވަމުން ގެންދެވީ ހަމައެކަނި އެ ދާއިރާ އަކުން ނޫނެވެ. ސަރުކާރު ހިންގުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކޮ ގޮތްގޮތުން ބަދީޢު ގެންދެވީ ޚިދުމަތްކުރައްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ބާރު ދެމެހެއްޓުމަށް ބަދީޢު ގެންދިޔައީ މަޖިލިސް މެންބަރުންނަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވަމުންނެވެ. ހަމަ އެގޮތަށް ޑިފެންސް މިނިސްޓަރ ޒާނިމް ވެސް ގެންދިޔައީ ސަރުކާރުގެ އެކި ދާއިރާތަކުގައި ވެސް ހުރި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.

ރައީސް މާޔީންގެ ސަރުކާރުގެ އެންމެ މުހިއްމު ދެ ވަޒީރުންގެ ގޮތުގައި ތިއްބެވި ބަދީޢު އާއި ޒާނިމް ބައެއް ފަހަރަށް ސިފަވެގެން ދިޔައީ، އެއްބަނޑު އެއްބަފާ ދެބެއިންގެ ގޮތުގައެވެ. ޒުވާނުންނާއި ގުޅުންހުރި ކަންތައްތައް ކުރެއްވުމުގައި މި ދެބޭފުޅުން އުޅުއްވީ ވަރަށް ބޮޑަށް ގުޅިގެންނެވެ. ސަރުކާރަށް ތާޢީދު ކުރާ ފަރާތްތަކުން ފަޚުރުވެރިކަމާއި އެކު ދައްކަމުން ގެންދިޔައީ މި ދެބޭފުޅުންގެ މޮޅު ކަމުގެ ވާހަކައެވެ. ރައީސް މާޔީންގެ ނަޒަރުގައި އެންމެ ހިންގުންތެރި ބޭފުޅަކީ، މިނިސްޓަރ ބަދީޢުއެވެ. ނަމަވެސް ރައީސް މާޔީން ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތް ކުރެއްވި އެމަނިކުފާނުގެ ބޮޑުބޭބޭފުޅު ނައުމޫންގެ ނަޒަރުގައި އެންމެ އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދެވީ މިނިސްޓަރ ޒާނިމެވެ.

ރައީސް މާޔީންގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން މާތިފަތްގެ ރުހުން ވެސް ހޯއްދަވައި ބަދީޢު ގެންދެވީ ސަރުކާރުގެ ތެރޭގައި އެމަނިކުފާނުގެ ބާރުގަދަ ކުރައްވަމުންނެވެ. ބަދީޢު ކުރައްވަމުން ގެންދެވި މަސައްކަތަކީ، މިނިސްޓަރ ޒާނިމަށް ވުރެ އިޚްލާސްތެރި ބޭފުޅަކީ ތިމަންނާ ކަން ދެއްކުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ތެރެއިން ބަދީޢު އެންމެ ފުރަތަމަ ފެއްޓެވީ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ އަރިހުގައި ޒާނިމާއި ބެހޭގޮތުން އެކި ވާހަކަތައް ދައްކަވައި ޒާނިމާއި މެދު ޕީއީއެމްގެ ތެރޭގައި ރުޅިވެރިކަން އުފެއްދުމަށެވެ.

(ނުނިމޭ)