Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ނޮވެމްބަރ 3 ގެ ޚާއިނުންނަށް އެމްޑީޕީ އިން ދިނީ ރަން މެޑަލް!

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު މުޅި ޤައުމު ހަލަބޮލިވެފައިވާއިރު އެއީ ރައީސް އަބްދުﷲ ޔާމީން ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގެންދަނީ ވާހަކަ ދައްކަމުންނެވެ. އެމްޑީޕީގެ ފަރާތުން ބުނަމުން ގެންދަނީ، ރައީސް އަބްދުﷲ ޔާމީނަށް ޤައުމުގެ ސަލާމަތީ ކަންތައް ނުބެލެހެއްޓޭނަމަ އިސްތިއުފާ ދީފައި ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ނުސީދާ ގޮތެއްގައި އެމްޑީޕީގެ ފަރާތުން ބުނަމުން ގެންދަނީ، ރައީސް ޔާމީން އަށް ވުރެ އެޕާޓީގެ ސަރުކާރެއްގައި ސަލާމަތީކަންތައް ބެލެހެއްޓުމުގެ ޤާބިލްކަން އެމްޑީޕީގެ ލީޑާޝިޕުގައި ހުރި ކަމެވެ. އެހެން ނަމަވެސް އެޕާޓީގެ ފަރާތުން ރާއްޖޭގެ ވެރިކަން ކުރި އިރު، ޑިފެންސް މިނިސްޓްރީ ހަވާލުކޮށްފައި ތިބީ ކޮންބަޔަކާއި ތޯ ބަލާލަން ޖެހެއެވެ.

ފަހުގެ ތާރީޚެއްގައި ދިވެހި ޤައުމު ދުށް އެންމެ އަނިޔާވެރި ރަޙުމްކުޑަ ޖަރީމާ ހިންގާފައިވަނީ މީގެ 27 އަހަރު ކުރިން، އާދެ! 1988 ވަނަ އަހަރު ނޮވެމްބަރ 3 ވަނަ ދުވަހުއެވެ. ބޭރުގެ ކުލީ ސިފައިންނާއެކު ދިވެހިންގެ ތެރެއިން ބަޔަކު އިސްވެ ތިބެގެން ހިންގި ބޮޑު ޖަރީމާގައި 19 ދިވެއްސަކުވަނީ ޝަހީދުވެ ގޮސްފައެވެ.

މިއަދު އެ ޛިކުރާތަށް އަޅުގަނޑުމެން އާކުރަމުންދާއިރު ހަނދާންކޮށްލަންޖެހޭ އެއްކަމަކީ އެދުވަހު ޤައުމަށް ޚިޔާނާތްތެރިވި ޚާއިނުން އެމްޑީޕީގެ އިސް ސަފުގައި ތިބިތަނެވެ. އެބޭފުޅުންނަކީ އެމްޑީޕީގެ ސަރުކާރުގައި ސަރުކާރުގެ ވުޒާރާތަކުގެ ވެރިންގެ ގޮތުގައި ހަމަޖައްސާފައި ތިބި ފަރާތްތަކެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ އެމްޑީޕީ ސަރުކާރުގައި، ފޮރިން މިނިސްޓަރ ކަން ކުރެއްވި އަހްމަދް ނަސީމް (ކެރަފާ ނަސީމް) އެވެ. ކެރަފާ ނަސީމަކީ 3 ނޮވެމްބަރ 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ބައިވެރިވެފައިވާ މީހެއްކަމަށް ސާބިތުވި މީހެކެވެ. ނަމަވެސް އެ ހަޤީގަތްތަކަށް ބެލުމެއް ނެތި ދިވެހި ޤައުމަށް ހިޔާނާތްތެރިވި ބޭފުޅާއަށް ވެސް އެމްޑީޕީ ސަރުކާރުން ދިނީ މިނިސްޓަރ ކަމުގެ ލަޤަބެވެ.

ދެން ހުންނެވީ އެމްޑީޕީ ސަރުކާރުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމާއި އިމިގްރޭޝަން ކޮންޓްރޯލާކަން ކުރެއްވި ސ.ހިތަދޫ ޒަމާނީގޭ އަބްދުﷲ ޝާހިދެވެ. ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ކުށް ސާބިތުވެ އަބްދުﷲ ޝާހިދު ޖަލަށް ލެވުނެވެ. އޭރު އޭނާ ހުރީ ސިފައިންގެ ވަޒީފާގައެވެ. ސިފައިންގެ ވަޒީފާގައި ހުރެ، ސިފައިންގެ އާއި ބެހޭ މައުލޫމާތު ތައް ތަމަޅަ ޓައިގަރުންގެ ޖަމާޢަތަކާއި ހިއްސާކުރި މީހަކު، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމަށް ގެނައި ބަޔަކަށް ރާއްޖޭގެ ސަލާމަތީ ކަންތައް ބެލެހެއްޓޭނީ ކިހާވަރަކަށްތޯ ސުވާލު އުފެދެއެވެ. އެމްޑީޕީ ސަރުކާރުގައި ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ އިސްވެރިޔަކަށް ހުންނެވި އިރު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަނުގެ ޢަމަލުތަކެއް ހިންގާފައިވާ މައްސަލަ އޭސީސީން ބަލާފައިވެ އެވެ.

މީގެ އިތުރުން އެމްޑީޕީ ސަރުކާރުގައި، މަތިދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ ކަމަށް އައްޔަން ކުރެވުނު، އުމަރު ޖަމާލަކީ ވެސް 3 ނޮވެމްބަރ ގެ ހަމަލާގައި ބައިވެރިވުން އޮތް ކަމަށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކުރެވިފައިވާ ބޭފުޅެކެވެ. އުމަރު ޖަމާލަށް ފަހު ދެން ހުންނެވީ އެމްޑީޕީ ސަރުކާރުގައި ޑފެންސް މިނިސްޓަރ ކަން ކުރެއްވި އަމީން ފައިސަލެވެ. އޭނާ އަކީ ވެސް ނޮވެމްބަރ 3 ގެ އަނިޔާވެރި، ރަޙުމްކުޑަ ޖަރީމާގެ ބައިވެރިޔެކެވެ. އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އަމީން ފައިސަލް ވެސް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދުމަށް މަސައްކަތް ކުރި މައްސަލައެއްގައި އެބޭފުޅާގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވިފައެވެ.

އެހެން ކަމުން މިއަދު އަމީން ފައިސަލް ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމޭ ކިޔާފައި ވާހަކަ ދައްކަން ފެށުމުން ރައްޔިތުންގެ ގާތަށް ހިނި އަންނާނެއެވެ. އެމްޑީޕީގެ ލީޑާޝިޕުގައި ތިއްބަވާ ބޭފުޅުން ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ތިމަންނަމެންގެ ސަރުކާރުގައި މާ ރަގަޅަށް ބަލަހައްޓާނެ ކަމަށް ބުނަމުން ގެންދާއިރު، އެމްޑީޕީ ސަރުކާރުގައި ނޮވެމްބަރ 3 ގެ ޚާއިނުންނާއި ޤައުމުގެ ދިފާއީ ބާރު ހަވާލުކުރިކަމަކީ ދިވެހިންނަށް އޮޅުވާލެވޭނެ ކަމެއް ނޫނެވެ.