Last Updated: April 25, 12:03
Thursday, April 25, 2024
ކޮލަމް

ޒާނިމް ފްރޭމްކުރުން (2)

ޑިފެންސް މިނިސްޓަރ ކަމުގައި ހުންނަވައިގެން ކާނަލް ޒާނިމް ކުރައްވަމުން ގެންދެވި ޚިދުމަތްތަކުގެ އަގު ޤައުމުގެ ހުރިހާ ރައްޔިތުން ވަޒަންކުރަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، އެމަނކުފާނުގެ އަގުވައްޓާލުމަށް ބަދީޢު ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ. ޒާނިމްގެ އަގުވައްޓާލުމަށް އެކި ރޭވުންތައް ރޭވުމުގައި ބަދީޢު އަވަދިނެތި އުޅެނިކޮށް، ވެރިރަށް މާލެ އަށް ފެނުގެ ޚިދުމަތްދޭ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން މުޅި މާލެ ފެނަށް ޖެހުނެވެ.

އޭރު މިނިސްޓަރ ބަދީޢު އާއި ރައީސް މާޔީން ތިއްބެވީ ރާއްޖެއިން ބޭރުގައެވެ. ފެނުގެ ޚިދުމަތްދޭ މަރުކަޒުގައި އަލިފާނުގެ ހާދިސާ ހިނގުމާއި އެކު މިނިސްޓަރ ޒާނިމް ވަގުތުން ރައީސް މާޔީން އަށް ގުޅުއްވައި ކަންތައް ކުރަންވީ ގޮތަކާއި މެދު އެމަނިކުފާނުގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް، އެތައް ފަހަރަކު މަސައްކަތްކޮށްގެން ވެސް ރައީސް މާޔީން އާއި ނުގުޅުމުން ޒާނިމް ގަސްތުކުރީ އަމިއްލަފުޅަށް ޓާސްކް ފޯހެއް އެކުލަވާލުމަށެވެ.

އެގޮތުން ޒާނިމް އިސްވެހުންނަވައި ޓާސްކް ފޯހެއް އެކުލަވާލުމަށް ފަހު މީޑިޔާ އާއި ބައްދަލުކޮށް ރައްޔިތުންނަށް މައުލޫމާތު ދޭން ކުރިއަށް ނިކުމެވަޑައިގެންނެވިއެވެ. އެދުވަހު މީޑިޔާތަކާއި ބައްދަލުކުރައްވައި ޒާނިމް ދެއްކެވި ވާހަކަފުޅުގައި، ރައީސް މާޔީންގެ އިރުޝާދުގެ ދަށުން ޓާސްކް ފޯހެއް އެކުލަވާލެވުނު ކަމަށް ބުނި ނަމަވެސް އޭރު އެ ޓާސްކް ފޯހެއް އެކުލަވާލުމުގެ ހުއްދައެއް ރައީސް މާޔީން ނުދެއްވައެވެ. މިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލިޔެކިޔުންތައް ބަލާލުމުން ވަރަށް ރަގަޅަށް ހާމަވެގެން ދާނެއެވެ.

ފެނުގެ ކާރިސާގެ މައްސަލަ ހައްލުކުރުމަށް ނާޒިމް ކުރެއްވި މަސައްކަތުގެ ސަބަބުން އެމަނިކުފާނުގެ މަޤުބޫލުކަން ރައްޔިތުންގެ މެދުގައި އަނެއްކާވެސް އިތުރުވެގެން ދިޔައެވެ. މިކަން ވެގެން ދިޔައީ ފެނުގެ ކާރިސާގެ ކަންތައް ދިމާވިއިރު ރާއްޖެއިން ބޭރުގައި ހުންނެވި ބަދީޢުއަށް ވަރަށް އަސަރުކުރުވި ކަމަކަށެވެ. އެހެންވެ ބަދީޢުގެ ހިތުގައި ޒާނިމާއި މެދު އުފެދިފައި އޮތް ހަސަދަވެރިކަން އަނެއްކާވެސް އިތުރުވެގެން ދިޔައެވެ. ބަދީޢުއަށް ވިސްނިގެން ދިޔައީ، އެހާ ފަސޭހައިން ޒާނިމްގެ އަގުވައްޓާނުލެވޭނެ ކަމަށެވެ.

ޕީއީއެމްގެ ތެރޭގައި ތިއްބެވި އިސްބޭފުޅުންގެ މެދުގައި ޒާނިމްގެ މަޤްބޫލްކަން ބޮޑުކަމުން ބަދީޢު ބޭނުން ގޮތަކަށް އެކަން ނުކުރެވޭނެކަން އޭނާއަށް ޤަބޫލުކުރެވުނެވެ.

އެހިސާބުން ބަދީޢުއަށް ވިސްނުނީ އެކަމުގައި ކާމިޔާބު ލިބެން އޮތީ ހަމައެކަނި، ރައީސް މާޔީންގެ އަނބިކަނބަލުން މާތިފަތްގެ އެހީތެރިކަން ހޯއްދަވައިގެން ކަމަށެވެ. އެހެންވެ މާތިފަތްގެ ރުހުން ހޯދުމުގެ މަސައްކަތް ބަދީޢު ފެއްޓެވިއެވެ. އެގޮތުން ޒާނިމް އުޅުއްވަނީ ވެރިކަމަށް ވަޑައިގަތުމަށް ކަމަށާއި އެކަން ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ޒާނިމް ސަރުކާރުގެ ތެރެއިން ބޭރުކުރުން ކަމަށް މާތިފަތަށް ބަދީޢު ވިސްނައިދިނެވެ.

ވެރިކަމުގައި ދެމިތިބުމަށް ރައީސް މާޔީން އާއި އަނބިކަނބަލުން މާތިފަތު ބޭނުންފުޅުވެފައި ތިބި ވަރުން ބަދީޢުގެ ބަހަށް ހެއްލި، ކާނަލް ޒާނިމް ނިޒާމުން ގެއްލުވާލުމަކީ އެންމެ މުހިއްމުވެފައިވާ ކަން ކަމުގައި ޤަބޫލުކުރިއެވެ. އަދި ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެކަން ކޮށްދިނުމަށް ބަދީޢު އާއި ރައީސް މާޔީން މަޝްވަރާކުރެއްވިއެވެ. އެގޮތަކީ، ރައީސް މާޔީން އަވަހާރަކޮށްލުމުގެ ތުހުމަތުކޮށް ޖަލަށް ލުން ކަމަށް ދެބޭފުޅުންގެ މަޝްވަރާއިން ނިންމިއެވެ. ރައީސް މާޔީން އާއި ބަދީޢު މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ، ނޫވެހި ކިޔާ ގެއެއްގައެވެ.

ރައީސް މާޔީން ބޭނުންފުޅު ވަނީ އެމަނިކުފާނު އަވަހާރަކޮށްލަން ޒާނިމް ރޭވި ކަމަށް އަޑުއަރުވާލުން ކަމުގައިވި ނަމަވެސް، ޒާނިމްގެ ބޮލުގައި އެ ބަދުނާމު އެޅުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނީ ބަދީޢު ކަމަށް ނިންމިއެވެ. މިކަން ކުރާނެ ގޮތަކާއި ބެހޭގޮތުން ބަދީޢު ދެން ބައްދަލު ކުރީ ކޮމިޝަނަރ އޮފް ޓޮލިޝް ކުސެން ހަދީވު އާއި އެވެ.

(ނުނިމޭ)