Last Updated: April 24, 23:11
Wednesday, April 24, 2024
ރިޕޯޓް

އައްޑޫގެ ތަޢުލީމީ ދަރިން: އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛް އަލީ ޙަމީދް މުޙައްމަދު. ފޮޓޯ: ރައީސް އޮފީސް

އައްޑޫގެ ހުރިހާ ރައްޔިތުން ވެސް ފަޚުރުވެރިކަމާއި އެކު ބުނަމުން ގެންދާ އެއް ވާހަކައަކީ، އެންމެ ގިނަ ތަޢުލީމީ ދަރީން އެރަށަކަށް ނުވަތަ އެ އަތޮޅަކަށް ނިސްބަތްވަނީ އައްޑޫ އަށް ކަމަށެވެ. އެއްބަޔަކު ބުނާގޮތުގައި މިއީ ފަޚުރުވެރި ލަޤަބެއް ގޮތުގައި އެމީހުން ބަލައެއް ނުގަނެއެވެ. އެހެން ނަމަވެސް އަނެއް ބަޔަކު ބުނަނީ އެއީ އެމީހުން ފަޚުރުވެރިވާ ކަމެއް ކަމަށެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ.

'އައްޑޫލައިވް'ގެ ފަރާތުން، ކޮންމެ ހަފްތާއަކު އެއްފަހަރު، އައްޑޫއަށް ނިސްބަތްވާ ތައުލީމީ ބޭފުޅުންނާއި ބެހޭ މަޢުލޫމާތު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ ފުރަތަމަ ގެނެސްދޭ ފަރާތަކީ، ސ.ހުޅުދޫ އަށް އުފަން އަލްއުސްތާޛް އަލީ ޙަމީދެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ، އަލްއުސްތާޛް އަލީ ޙަމީދް އުފަންވެވަޑައިގަތީ 25 ސެޕްޓެމްބަރ 1964 ގައި ސ. ހުޅުދޫއަށެވެ. އެމަނިކުފާނު ޤާނޫނީ ދާއިރާއިން ފުރަތަމް ޑިގްރީ ހާޞިލުކުރެއްވީ މައްކާގައި ހުންނަ އުއްމުލް- ޤުރާ ޔުނިވަރސިޓީއިންނެވެ. އެއަށްފަހު ކެނެޑާގެ ކޮމަންވެލްތް ޖުޑީޝަލް އެޑިއުކޭޝަން އިންސްޓިޓިއުޓް އިން ފެލޯޝިޕް ހާސިލްކުރެއްވިއެވެ.

އިނގިރޭސި، އުރުދޫ އަދި އަރަބި ބަސް ދެނެވަޑައިގަންނަވާ، އަލްއުސްތާޛް އަލީ ޙަމީދަކީ، ޖުޖުޑީޝަލް ސާރވިސް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގައި ހިމެނި ވަޑައިގަންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި އެޓާނީ ޖެނެރަލްގެ އޮފީހުގައި ވެސް މަސައްކަތް ކުރެއްވުމަށް ފަހު، އަލީ ޙަމީދު އެންމެ ފުރަތަމަ ގާޒީއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވަނީ، މިނިސްޓްރީ އޮފް ޖަސްޓިސް ގައެވެ.

އޭގެ އިތުރުން އެމަނިކުފާނު ވަނީ، ޖަސްޓިސް މިނިސްޓްރީގެ ކޯޓު ނަންބަރު، 2،1 އަދި 4 ގެ ސިޓިންގ ޖަޖްގެ މަޤާމާއި ޤާނޫނު މުރާޖަޢާ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

ޝަރުޢީ ދާއިރާގެ އިތުރުން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގައި ވެސް އަލީ ޙަމީދު ވަނީ މަސައްކަތް ކުރައްވާފައެވެ. އަދި ލޯ ކޮމިޝަނުގެ މެންބަރު ކަމާއި ޖުޑީޝިއަލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމުގެ އިތުރުން ނޭޝަނަލް ޕެރޯލް ބޯޑުގައި ވެސް މަސައްކަތް ކުރެއްވިއެވެ.

އަލްުސްތާޛް އަލީ ޙަމީދު ހައި ކޯޓުގެ ފަނޑިޔާރު ކަމާއި ހަވާލުވެވަޑައިގަތީ 1996 ވަނަ އަހަރުއެވެ. ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނަވަނިކޮށް އެމަނިކުފާނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެވިގެން ދިޔައީ 2010 ވަނަ އަހަރުގައެވެ.

ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދް އަކީ އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް އެއްވެސް ތަފާތުކުރުމެއްނެތި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ކޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ބުނެއެވެ.