Last Updated: April 20, 14:49
Saturday, April 20, 2024
ރިޕޯޓް

އަދީބްގެ ރިކޯޑް މުގުރާލެވޭނެތަ ؟

ރާއްޖޭގެ ނައިބް ރައީސް ކަމުގެ ހުވާ އަހްމަދު އަދީބް ކުރުން ވެގެން ދިޔައީ ވަރަށް ތާރީހީ ކަމަކަށެވެ. ނައިބް ރައީސް ކަމަށް އަދީބް ގެނައުމަށް ގާނޫނު އަސާސީއަށް ބަދަލުގެނެސް، އެމަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހްމަދު މަޖްލިސް މެދުވެރިކޮށް ބޭރު ކުރުންވެސް ވީ އަމުދުން ތާރީޙީ ކަމަކަށެވެ.

އުމުރުން 33 އަހަރުގައި ރާއްޖޭގެ ނައިބް ރައީސް ކަމަށް އަދީބް ހުވާ ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ރާއްޖޭގެ އިތުރުން ދުނިޔެއަށް ބަލާއިރު ވެސް ރިކޯޑެކެވެ. ޔަޤީނާއި ގާތަށް ކަށަވަރުވާ އެއްކަމަކީ، އަދީބުގެ ކިބައިގައި ކޮންމެވެސް ހުނަރުވެރިކަމެއް ހުރި ކަމެވެ. ރާއްޖޭގެ ސިޔާސީ މަސްރަޚުގައި ތިއްބެވި ބައެއް ބޭފުޅުން ޕާޓީ އަށް ޓަކައި ޤުރުބާންވެގެން ދާއިރު ވެސް ނުލިބޭ ފަދަ ބާރުތަކާއި މަޤާމްތައް އަދީބު ހޯއްދަވަމުން ދިއުމަކީ ވެސް ހަމަ ރިކޯޑެކެވެ.

ނައިބު ރައީސް ކަމަށް އައުމުގެ ކުރިން އަދީބު ވަނީ މުޅި ޤައުމު އޭނާގެ މުށުތެރެއަށް ލައްވާފައެވެ. އެއީ ވެސް ރިކޯޑެއް ތާއެވެ. މީގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ އެއް ރިކޯޑަކީ، އަދީބު ހިންގަވަމުން ގެންދަވާ ޖަރީމާތަކުގެ ވާހަކަ ދައްކަން ސިޔާސީ ފަރާތްތަކުން ޖެހިލުން ވުމެވެ. އަދީބާއި ދެކޮޅަށް ވާހަކަ ދައްކާ ބަޔަކު ނަމަ ނިޒާމުން ވެސް ގެއްލުވާލަނީ އެވެ. އެއީ ސިޔާސީ މީހެއް، ނޫސްވެރިޔެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ އިސްވެރިޔެއް ކަމަށް ވިޔަސް މެއެވެ. ހައްތަހާ ވެސް ރިކޯޑެވެ.

އަދީބްގެ ވާހަކަ އެންމެ ފުރަތަމަ ހާމަކަން ބޮޑު ގޮތެއްގައި ދެއްކެވީ ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމްއެވެ. ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ވުޖޫދަށް ގެނައި އެމްއެމްޕާއާރްސީ ތެރޭން އަދީބްގެ ނުފޯޒު ފޯރުވައިގެން 77 މިލިއަން ޑޮލަރު ނަގާފައިވާ ކަމުގެ ވާހަކަ ފެންމަތި ކުރުމާއި އެކު ގިނަ ބަޔަކަށް ޤަބޫލުކުރެވުނީ، އެހިސާބުން އަދީބުގެ ދުވަސް ދިޔައީ ކަމަށެވެ. ނަމަވެސް އަދީބު އަނެއްކާ ވެސް ހެއްދެވީ ރިކޯޑެކެވެ.

ރައްޔިތުންގެ މަޖްލިސްގެ ތެރޭގައި އަދީބުގެ ނުފޫޒާއި ބާރުގެ ކުރިމަތީގައި ކުޑަކަކޫ ޖެހުމަށްފަހު އޮޑިޓަރ ޖެނެރަލް ނިޔާޒް ޖެހުނީ ވަޒީފާއިން ވަކިވެގެންދާށެވެ. ނިޔާޒުގެ މަޤާމު ގެއްލުވާލީ ގާނޫނުގައި އޮތް ޖުމްލައެއް ބަދަލުކޮށްގެންނެވެ. އެއީ ވެސް އަދީބު ބޭނުންވި ގޮތަށެވެ. އެފެންވަރުގެ ސިޔާސީ މީހެއް އަދި ރާއްޖެއަކު ނެތެވެ. އެހެން ވެއްޖެއްޔާ އެއީ ވެސް ރިކޯޑެކެވެ.

ގައުމުގައި ހިނގާ ކޮންމެ ބޮޑު "ޖަރީމާއެއް" ގޮސް ކެޑެނީ އަދީބްގެ ބޮލަށެވެ. ހުދު އަދީބްވެސް ފަހްރުވެރިކަމާއި އެކު އެވާހަކަ އެކި ފޯރަމްތަކުގައި ދައްކާވައި ވެއެވެ. ބޭރުން ފަރަންޖީން ގެނެސްގެން ބާއްވާ ޝޯވ ތަކުގައި ވެސް އެމީހުން ލައްވާ ވެސް އެވާހަކަ ދައްކުވަނީ އެވެ. މިހިސާބަށް ކަންތައް ދިޔައިރު، އަދީބަކީ ހުރިހާ ޒުވާނުންގެ 'ބްރޯ' އެވެ. އުމުރުން 33 އަހަރުގައި އެންމެ ގިނަ ބައެއްގެ 'ބްރޯ' އަކަށް ވުމަކީ ރާއްޖޭގެ ތާރީޚަށް ބަލާއިރު އަނެއްކާ ވެސް ރިކޯޑެކެވެ.

ކާނަލް ނާޒިމް ފްރޭމް ކުރެވި ދިގު މުއްދަތަކަށް ޖަލަށް ލުމާއި، ކުރީގެ މަޖްލިސް މެމްބަރު އަހްމަދު ނާޒިމް 25 އަހަރަށް ޖަލަށް ދިއުމުގެ ފަހަތުގައި ހުރީވެސް އަދީބްކަމަށް މިހާރު ބުނެވިދާނެއެވެ. ޑިފެންސް މިނިސްޓަރަކު ނިދާފައި އޮތްވާ އެނދުގެ ބާލިސް ދަށުން ފިސްތޯލައެއް ދައްކާ އަދި ރައްޔިތުންގެ މަޖްލިސް މެމްބަރަކު އޭނާގެ ބާރުގައި މަޖްލިސްގައި ވަކާލާތު ކުރަމުން ދަނިކޮށް "އަވަސް ޝަރީއަތެއްގައި" ޖަލު ގޮޅިއަށް ފޮނުވާލުމުގެ ރިކޯޑްވެސް އަދީބްއަށެވެ.

މީގެ އިތުރުން 'މިނިވަން' ނޫހުގެ ނޫސްވެރިޔާ ރިލްވާން އަށް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލާގައި ވެސް ސިޔާސީ ފަރާތްތަކުން އެންމެ ބޮޑު ތުހުމަތެއް ކުރި އެއް ފަރާތަކީ އަދީބެވެ. ރާއްޖެ ޓީވީ ރޯކޮށްލުމާއި، ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަސްވާޑަށް ދިން ޙަމަލާ އާއި އޭގެ އިތުރުން ވެސް ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގި ހުރިހާ ބޮޑެތި ޖަރީމާތަކެއްގެ ތުހުމަތު އަދީބަށް ކުރެވިގެން ދިއުމަކީ ވެސް ރިކޯޑެއް ތާއެވެ.

އާދަޔާ ހިލާފް ބާރު މިނެއްގައި "ސިޔާސީ މައިދާނުގައި" ރިކޯޑްތައް ހައްދަވަމުން ދިޔަ ބޭފުޅާ ވަނީ އާދަޔާ ޚިލާފު ރިކޯޑެއް ހެއްދެވުމަށް ފަހު ކުޑަގޮޅީގައި ބަންދުކުރެވިފައެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ރޭވި ކަމުގެ ތުހުމަތުގައެވެ. އަދީބު ފުލުހުންގެ ބަންދަށް ގެންދެވިފައިވަނީ ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެންނެވި ވަގުތު އެއާޕޯޓުންނެވެ.

15000 ޑޮލަރުގެ އަގުހުރި ދާނެއްގައި ނިދިކުރެއްވުމަށް ފަހު ކުއްލިގޮތަކަށް، 6 ފޫޓުގެ ގޮޅިއަކަށް ދާން ޖެހުމަކީ ވެސް ހަމަ ރިކޯޑެކެވެ. އެއަށް ފަހު އަދީބުގެ ބަންދުގެ މުއްދަތު އިތުރުކުރެވިގެން ދިޔައީ ވެސް، ދޫނިދޫގައި ކޯޓް ރޫމެއް ޤާއިމްކުރުމަށް ފަހު އެ ކޯޓުގައެވެ. އެއީ ވެސް ރިކޯޑެކެވެ.

ސަރުކާރުގައި އަދީބު ހުންނެވި އިރު އިދިކޮޅު ފަރާތްތަކުން ގޮވަމުން ދިޔައީ، އަދީބަކީ އެންމެ ބޮޑު އަނިޔާވެރިޔާ ކަމަށެވެ. އެވާހަކަތައް އެންމެ ހަރު އަޑުން ގޮވަމުންދިޔަ އެއް ބަޔަކީ އިދިކޮޅު އެމްޑީޕީގެ އިސްވެރިންނެވެ. ނަމަވެސް މަންޒަރު ބަދަލުވެ މިއަދު އެމްޑީޕީ އިން އަދީބަށް 'ސިޔާސީ ލޯބީގެ ސިޓީ" ފޮނުވަން ފެށުމަކީ ވެސް ރިކޯޑެކެވެ.

ރިކޯޑަކަށް ފަހު ރިކޯޑެކެވެ. އަދީބަކީ ރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ބޭފުޅެކެވެ. ސިޔާސީ ޖާދޫގަރެކޭ ވެސް ބުނެވިދާނެއެވެ. ކުޑަގޮޅީގައި ބަންދު ކުރުމުން ވެސް އަދީބު ހައްދަވަމުން ގެންދަވާ ރިކޯޑުތަކަށް ނިމުމެއް އައިސްފައި ނުވުމަކީ އެންމެ ފާހަގަކޮށްލެވޭ ރިކޯޑެވެ.

އަދީބުގެ ރިކޯޑުތައް މުގުރާލެވޭނެ ފަރާތެއް ރާއްޖޭގެ ސިޔާސީ މައިދާނަށް އަތުވެދާނެ ހެއްޔެވެ ؟ އަތުވެއްޖެ ނަމަ އެއީ ވެސް ރިކޯޑެކެވެ.