Last Updated: March 29, 02:52
Thursday, March 28, 2024
ރިޕޯޓް

ޖުނެއިދުގެ ބެލުމުގެ ދަށުން ދަތުރުފަތުރުގެ ނިޒާމް ބޮޑު އިންގިލާބަކަށް!

ދާދި ފަހުން އައްޑޫ ސިޓީގައި 3 ލައްކަ ރުފިޔާގެ އަގުހުރި މުބާރާތެއް ބާއްވާނެ ކަން މަޝްހޫރު ވިޔަފާރިވެރިޔާ، މުހައްމަދު ޖުނެއިދު އިއުލާން ކުރުމާއި އެކު ބައެއް ފަރާތްތަކުން ފާޑުކިޔަން ފެށީ، ދެކުނުގެ ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކުރަން ޖުނައިދު އިސްކަން ނުދެއްވާ ކަމަށް ބުނެއެވެ.

"ޖުނާ ފުޓްބޯޅަ މުބާރާތަކީ"، މީގެ ހަތަރު އަހަރު ކުރިން ފެށިގެން ޖުނައިދުގެ އިސްނެންގެވުމަކަށް ބާއްވަމުން އަންނަ މުބާރާތަކެވެ. ދެން އޮތީ، ދެކުނުގެ ދަތުރު ފަތުރުގެ ނިޒާމުގެ ވާހަކަ އެވެ. ޖުނައިދުގެ ވަޒީފާ ކަމުގައިވާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ކަމުގައި ހުންނަވައިގެން އަދާކުރައްވަން ޖެހޭ ޒިންމާއެކެވެ.

ދާދި ފަހަކާއި ޖެހެން ދެން ޖުނައިދު ހުންނެވީ، އެމްޕީއެލްގެ ޗެއާމަން ކަމުގައެވެ. ކުންފުނީގެ ސީއީއޯ ކަމަށް އޭނާ އައްޔަން ކުރެއްވީ ފާއިތުވި އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހުއެވެ. އެއަށް ފަހު ފާއިތުވި، މަހެއް ހާ ދުވަހުގެ ތެރޭގައި ހަމަ ޔަގީނުން ވެސް ޖުނައިދު ވަނީ އައްޑޫ އާއި ފުވައްމުލަކުގެ ރައްޔިތުން ހެއްވާލާފައެވެ. އުއްމީދެއް ގެނެސްދީފައެވެ. ފާޑު ކިޔަމުން ދިޔަ ފަރާތްތަކަށް އޭނާގެ ހިންގުންތެރިކަން ސާބިތުކޮށްދީފައެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ދާދި ފަހުން މަޤާމުން ވަކިކުރެވުނު ކުރީގެ ނައިބު ރައީސްގެ އަދީބުގެ ނުފޫޒުގެ ސަބަބުން ޖުނެއިދު ހުންނެވީ، "އެކަހެރިކޮށްފަ" އެވެ. ނަމަވެސް، މިހާރު އެމްޕީއެލްގެ ސީއީއޯ ކަމުގައި ޖުނެއިދު އެހުންނެވީ، މިނިވަން ކަމާއި އެކު މަސައްކަތް ކުރުމުގެ އިޚްތިޔާރު ދެއްވުމަށް ފަހުއެވެ. އޭނާ އެގެންދަވަނީ، ނަތީޖާ ނެރުއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އާންމުކޮށް ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ ފަރާތުން އަބަދުވެސް ފެންނަމުން ދަނީ، ނޫސް ކޮންފަރެންސްތައް ބާއްވައި، މިވެނި ކަމެއް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމުގެ ޔަޤީންކަން ދެއްވާ ތަނެވެ. ގިނަ ފަހަރަށް ޢަމަލީ ގޮތުން އެ ވިދާޅުވާ ކަމެއް ފެށިގެން ދާތަނެއް ނުފެނެއެވެ. އެކަން އެންމެ ރަގަޅަށް ތަޖުރިބާކޮށްފައިވާ އެއް ބަޔަކީ އައްޑޫގެ ރައްޔިތުން ކަން ޖުނެއިދު އަށް ވަރަށް ރަގަޅަށް އެނގިވަޑައިގަންނަވާނެއެވެ.

ފާއިތުވި 4 އަހަރެއްހާ ދުވަހުގެ ތެރޭގައި ޖުނެއިދު ވަނީ އިޖްތިމާޢީ ގޮތުން އައްޑޫގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށް ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވާފައެވެ. ޖުނެއިދު އަކީ، އެންމެންގެ އެކުވެރި އެކެވެ. ޕީޕީއެމް އެކަންޏެއް ނޫނެވެ. އޭނާ އަކީ އައްޑޫގައި ތިބި، އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ވެސް ގާތް ރަހުމަތްތެރިއެކެވެ.

އެމްޕީއެލްގެ ހުންގާނުގައި ހުންނެވި ޖުނެއިދުގެ އަމާޒަކީ އަންނަ މަހުގެ 10 ހިސާބުގައި ފޭދު އާއި ހުޅުމީދޫ އަދި ފުވައްމުލަކުގައި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ފެށުމެވެ. އެކަމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އެކުންފުނީގެ ފަރާތުން މިހާރު އަންނަނީ ވަމުންނެވެ. އެ ކުންފުނިން ވަނީ 30 ފަސިންޖަރުންގެ ތިން ލޯންޗާއި 22 މީހުންގެ ޖާގައިގެ ލޯންޗެއްގެ އިތުރުން 105 މީހުންގެ ޖާގައިގެ ފައިބަރު ދޯންޏެއް ވެސް ގަނެފައެވެ.

އެމްޕީއެލް އާއި އެއްކޮށް އައްޑޫ އާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށް ބެލެވޭ އިރު، އެކަމަށް އެންމެ ބުރަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައި އައްޑޫ އާއި ފުވައްމުލަކުގެ ރައްޔިތުން އެންމެ ބޮޑަށް ބަލައިގަންނާނީ ޖުނައިދު ކަން ކަށަވަރެވެ.

ނަމަވެސް، ދަތުރުފަތުރުގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތަކަށް އެކަން އިންތިޒާމްކުރުމަކީ، އައްޑޫގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމެވެ. އެމްވީކޭ އާއި އެކު އައްޑޫ އަދި ފުވައްމުލަކުގެ ރައްޔިތުން ވަނީ ހިތި ތަޖުރިބާތަކެއް ކޮށްފައެވެ. އެކަން އަލުން ތަކުރާރުވާން އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެއެވެ.