Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ސީރިއަސް ހާލަތުގައި!

މިއަދު ހެނދުނު ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލް ޖެހި ހިނިގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާ ލިބި އައިސީޔޫގައި ފަރުވާ ދެމުން އެބަގެންދެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިގާފައިވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ ނާސްތާ ހޮޓަލުގެ ކުރިމަތިންނެވެ.

މި ހާދިސާގައި ބޮލަށް ސީރިއަސް ގެއްލުން ލިބި ފަރުވާ ދެމުން ދަނީ ހިތަދޫ ޓިނުޖެހިގޭ، ނަވާލް މުހައްމަދު (17)އެވެ.

ހޮސްޕިޓަލްގެ އޮފިޝަލަކު ބުނީ އެކްސިޑެންޓްވި ނަވާލް ބޮލަށް ލިބިފައިވާ ސީރިއަސް އަނިޔާ އާއި ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާގައި ދެވަނަ ސައިކަލް ދުއްވި ހިތަދޫ ހަވާސާ، ޒައިދު އަންވަރަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވެއެވެ.

ނަވާލް މާލެ ގެންދިއުމަށް އާސަންދަ ހަމަޖެހި އެކަމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މިމައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހްގީގު ކުރަމުން އަންނަ އިރު ފުލުހުން ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓް ހިނގައި އެތައް ބަޔަކު މަރުވަމުންދާތީ އެކަމަށް ހޭލުންތެރި ކުރުމުގެ ގޮތުން ފުލުހުން މިމަހުގެ 21އިން 26 ހާއްސަ ހަރަކާތެއް ހިންގުމަށް މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.