Last Updated: April 18, 20:32
Thursday, April 18, 2024
ޚަބަރު

އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބުނު ނަވާލް ނިޔާވެއްޖެ

އިއްޔެ ހެނދުނު ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބުނު ހިތަދޫ ޓިނުޖެހިގޭ ނަވާލް މުހައްމަދު (17އ) ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ މެންމަދު ނިޔާވެއްޖެ އެވެ.

ނަވާލް މުހައްމަދު ނިޔާވީ ރޭ މެންދަމު 2:30 ހާކަށް އިރު އެވެ.

ބޮލުގެ ނާށިގަނޑުގައި ރެނދުލައި ސީރިއަސް އަނިޔާ ލިބިފައި ވުމާއި ގުޅިގެން ޑޮކްޓަރުން އުއްމީދު ކަނޑާލާފައި އޮތް ނަވާލް ނޭވާ ލައްވަމުން ގެންދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ.

ނަވާލް މާލެ ގެންދިއުމަށް ހޮސްޕިޓަލުން މަސައްކަތް ކުރި ނަމަވެސް އޭނާގެ ހާލު ސީރިއަސް ކަމުން ވަނީ ގެންދެވޭ ގޮތް ނުވެފައެވެ.

އެ ހާދިސާ ހިނގި އިރު ނަވާލް ދުއްވި ސައިކަލްގެ ފަހަތުގައި އިން 14 އަހަރުގެ ކުއްޖާ އަށް ވެސް ކުދިކުދި ޒަހަމްތައް ލިބުނެވެ. އެކަމަކު ސީރިއަސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ރޭ ވެސް ހިތަދޫގައި ވަނީ އިތުރު އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް ސީރިއަސް އަނިޔާ ލިބިފައެވެ.