Last Updated: April 25, 10:16
Thursday, April 25, 2024
ޚަބަރު

ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ އާގަލާ މާޓް ކައިރިންނެވެ. އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ، އާގަލާ މާޓާއި ދިމާލުން މަގު ހުރަސް ކުރި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ޒުވާނާގެ ބުރިކައްޓަށް އަނިޔާވެފައިވާ ކަމަށާއި އިތުރު ތަފްސީލް ލިބޭނީ އެކްސްރޭ ނެގުމުން ކަމަށެވެ. އަދި އެކްސިޑެންޓްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާގެ މޫނު މަތިން ވަރަށް ބޮޑަށް މަށައިގެން ގޮސްފައިވާއިރު، އޭނާގެ މޫނުގެ އެއްފަޅި ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އެހެން ނަމަވެސް އުމުރުން ދުވަސްވީ މީހާގެ ހާލު މިވަގުތަށް ބަލާއިރު ސްޓޭބްލް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެކްސިޑެންޓްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާ އަކީ، ހިތަދޫ ގޮބުގޭ މޫސާ ކަލޯ 68 އެވެ. އަދި ސައިކަލް ދުއްވަން އިނީ އައްޑޫ ހައި ސްކޫލްގައި ކިޔަވަމުންދާ ދަރިވަރެއް ކަމުގައިވާ އިފްހާމް ފަހުމީ، 18 އެވެ.

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އިތުރުވެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ.

އެކްސިޑެންޓާއި ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވާލުމަށް ގުޅާލުމުން، ފުލުހުންގެ މީޑިޔާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.