Last Updated: April 20, 19:35
Saturday, April 20, 2024
ރިޕޯޓް

ކާނަލް ނާޒިމްގެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި އަލުން ފަށާއިރު ސުވާލުތަކެއް!

ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނުކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލުޙުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުޙައްމަދު ނާޡިމް އެ މައްސަލަ ހައިކޯޓުގައި އިސްތިޢުނާފްކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ދުވަސްތަކަކަށްފަހު އަންނަ އާދީއްތަ ދުވަހު އަލުން ފަށާއިރު އިސްތިޢުނާފް ފޯމުގައި ނާޒިމްގެ ފަރާތުން ބޮޑެތި މައްސަލަތައް ފާހަގަކޮށް ވަރަށް ބޮޑެތި ތުޙުމަތުތައް ކްރިމިނަލް ކޯޓުގައި މައްސަލަބެއްލެވި ޤާޟީންނަށްވެސް ކުރައްވާފައިވެއެވެ.

މިގޮތުން ޤާޟީން ވަކިފަރާތަކަށް ޖެހިގެން މަސައްކަތްކުރެއްވިކަމާއި ކުރިއާލައި ވަކިގޮތަކަށް ޙުކުމް ކުރައްވަން ނިންމަވައިގެން ޝަރީޢަތްކުރެއްވިކަމަށާއި އަދި ޕްރޮސިކިއުޝަންގެ ދައުރުވެސް ފަނޑިޔާރުން އަދާކުރެއްވިކަމަށްވަނީ ތުހުމަތުކުރެވިފައެވެ. އަދި މިކަންކަމާގުޅިގެން ކްރިމިނަލް ކޯޓުގައި ފަނޑިޔާރުން ދެއްކެވި ވާހަކަތަކާއި ޢަމަލުކުރެއްވި ގޮތްތައްވެސް އިސްތިޢުނާފްގައި ވަނީ ފާހަކޮށްފައެވެ.

ނާޒިމްގެ ފަރާތުން ހައިކޯޓުގައި އިސްތިޢުނާފްކުރި މައްސަލައާގުޅިގެން ބޭއްވުނު 2 ވަނަ އަޑުއެހުމުގައި ޕްރޮސިކިއުޓާރ ޖެނެރަލްގެ ފަރާތުން ޖަވާބުދާރީވީއިރު ފާހަގަކުރިބައެއް ނުކުތާތަކަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް ބައެއް ފަރާތްތަކުންނާއި ކްރިމިނަލް ކޯޓަށް ޙާޟިރުވި ބައެއް ނޫސްވެރިންވެސް ދަނީ ބުނަމުންނެވެ. މިކަމުގެ ޙަޤީޤަތަކީކޮބައިތޯ ބެލުމަށް ބައެއް ނުކުތާތައް 'އައްޑޫލައިވް' އިން ބަލާފައިވާނެއެވެ.

މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޖަވާބުދާރީވަމުން ޕަބްލިކް ޕްރޮސިކިއުޓާރ ވަނީ ދައުލަތުގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވާފައިވާކަމަށް ނާޒިމްގެ ފަރާތުންވެސް ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފައިނުވާ ކަމަށް ބުނެފައެވެ. ނަމަވެސް ދައުލަތުން ހެކިންނަށް ނުފޫޒު ފޯރުވާކަމަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކިންނާ ސުވާލުކުރުމުގެ ތެރޭގައިވެސް ނާޒިމްގެ ވަކީލު މައުމޫނު ޙަމީދު ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެކަން ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކަށް ޙާޟިރުވި ނޫސްވެރިންވެސް ރިޕޯޓް ކޮށްފައިވެއެވެ. އަދި 'އައްޑޫލައިވް' އަށް ލިބިފައިވާ ކްރިމިނަލް ކޯޓުގެ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭގޮތުގައި ނާޒިމްގެ ފަރާތުން އިއްވި ޚުލާސާ ބަޔާނުގައި ދައުލަތުން ހެކިންނަށް ނުފޫޒު ފޯރުވާފައިވާކަމަށް އޭރު ނާޒިމްގެ ދިފާޢީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލާ އައިޝަތު ޝިފާލާ ވެސް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ކަނޑައެޅިގެން ފެންނަން ހުރި ޙަޤީޤަތަކާ އިދިކޮޅަށް ދައުލަތުން ވަކާލާތުކުރީ ކީއްވެގެންތޯ މިއީ އުފެދޭ ސުވާލެކެވެ. މިކަމާ ގުޅިގެން ސުވާލުކުރުމުން ނޫހުގައި ނަން ނުޖަހަން ޝަރުޠުކޮށް ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގައި ކުރިން މަސައްކަތްކުރި ވަކީލަކު ބުނީ އެއީ ޕްރޮސިކިއުޓަރުން 'ގަސްދުގައި ހަނދާންނައްތާލި' ވާހަކައަކަށް ވެދާނެކަމަށެވެ.

"މީގަ ވާގޮތަކީ ނާޒިމްގެވަކީލުން ކްރިމިނަލް ކޯޓުގައި ބުނިކަމަށް ނޫހުގައި އޮތީ ޕްރޮސިކިއުޓަރުން ދައުލަތުގެ ހުރިހާ ހެކިން ކޯޓަށް އައުމުގެ ކުރިން އެއްފަހަރާ ޕީޖީ އޮފީހަށް ގެންގޮސް ބަޔާނާ ގުޅިގެން ވާހަކަދައްކާ ހެދިކަމަށް. އެހެންވީމަ ހެކިންނަށް ނުފޫޒު ފޯރުވިއްޔާ އެކަން ކޮށްފައިވާނީ ހަމަ އެ ޕްރޮސިކިއުޓަރުންކަމަށްވެދާނެ. ދެން އަމިއްލައަށް ކުށްވެރިވާގޮތަށް ޕްރޮސިކިއުޓަރުންވެސް ވާހަކައެއް ނުދައްކާނެތާ. އެކަމަކު ޙަޤީޤަތުގައި ޕްރޮސިކިއުޓަރު ހައިކޯޓުގައި އެހެން ބުނިކަމަށް ވަންޏާ އެއީ ދޮގެއް. އެކަމާމެދު ފިޔަވަޅުވެސް އަޅަންޖެހޭނެ."

ދެން ދައުލަތުން ހައިކޯޓުގައި ފާހަގަކުރި އަނެއް ނުކުތާ އަކީ ނާޒިމްގެ ގެއިން ފެނުނު ތަކެތިން ފިންގާ ޕްރިންޓެއް ނުފެންނަ ކަމަށްބުނެ ދައުލަތުން ދެއްކި ވާހަކައެވެ. 'އައްޑޫލައިވް' އަށް ލިބިފައިވާ ކްރިމިނަލް ކޯޓުގެ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓްގައި ވާ "ފިންގާރޕްރިންޓް ދިމާނުވާކަމުގެ" ލިޔުމުގައި ގ.އެނިފް ގޭގެ 8 ވަނަ ފަންގިފިލާގައި ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ގެންގުޅޭކަމަށް ތުޙުމަތުކުރެވޭ މައްސަލައާއި ގުޅިގެން ގެނެވުނު އެވިޑެންސްތަކުން ފިންގާރޕްރިންޓް ލިފްޓްކުރެވުނު (ނެގުނު) ކަމަށް ބަޔާންކޮށްފައިވެއެވެ. ނާޒިމްގެ ވަކީލުން ދަށުކޯޓުގައިވެސް ވަކާލާތުކުރީ އެ ފިންގާރޕްރިންޓް ނެގުނުކަމަށް ބުނާއިރު އެ ފިންގާޕްރިންޓާ ނާޒިމްއާ ދިމާނުވާއިރު އެ ޕްރިންޓް ދިމާވާމީހަކު ހޯދަންޖެހޭނެކަމަށެވެ.

އެހެންކަމުން ސުވާލަކީ ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓްގެ ރިޕޯޓަށް ޕްރޮސިކިއުޓަރުން އެއްބަސްނުވަނީތޯ ސުވާލުއުފެދެއެވެ. ނާޒިމްގެ ގެއިން ފެނުނުކަމަށް ފުލުހުން ބުނާ ތަކެތިން ފެނުނު ފިންގާ ޕްރިންޓަކީ ކާކުގެ އެއްޗެއްތޯ ތަކުރާރުކޮށް ނާޒިމްގެ ޢާއިލާއިން ދަނީ ސުވާލު އުފައްދަމުންނެވެ.

ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ދަޢުވާއަށް ޖަވާބުދާރީވަމުން ފުލުހުން ކޮރަޕްޓް ވެފައިވާކަމަށާއި މިއީ އޭނާ ފްރޭމްކުރުމަށް އޭރުގެ ޓުއަރިޒަމް މިނިސްޓްރ އަދި މިހާރު ފުލުހުންގެ ބަންދުގައިވާ އަޙްމަދު އަދީބު އަބްދުލްޣަފޫރު އަޑީގައި ހުރެގެން ފުލުހުންގެ އިސްބަޔަކާއި އެސްއޯ ފުލުހުން ގުޅިގެން ހިންގިކަމެއްކަމަށްބުނެ ދެއްކި ގިނަވާހަކަތަކަކީ ބަލައިގަނެވޭ ވާހަކަތަކެއް ނޫންކަމާއި ސާބިތު ނުހިފޭ ވާހަކަތަކެއްކަމަށް ޕްރޮސިކިއުޓަރުން ބުނަމުން ދިޔައިރު ކުރީގެ ނައިބު ރައީސް ހައްޔަރުކުރުމާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މީޑިއާގައި ދައްކަވާފައިވާ ވާހަކަތަކުން ނާޒިމް އޭރު ދެއްކެވި ވާހަކަކީ ޙަޤީޤަތެއްކަން މިހާރު ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެގޮތުން ފުލުހުންގެ މައްޗަށް އަދީބު ނުފޫޒު ނުހަނު ބޮޑަށް އޮތްކަމަށާއި ފުލުހުންނަށް ރިޝްވަތު ދީގެން އަދީބު ބޭނުންވާގޮތަކަށް ރިޕޯޓްތައް ތައްޔާރުކުރުވާކަން މިހާރުވަނީ އެނގިފައެވެ.

ނާޒިމްގެ އިސްތިޢުނާފް ފޯމުގައި ގިނަ ނުކުތާތަކެއް ހިމަނާފައިވާއިރު ދައުލަތުން އިސްތިޢުނާފްގެ ޖަވާބުގެ ގޮތުގައި ޖުމްލަކޮށް ހުށަހަޅާފައިވަނީ ވަރަށް ކުރު ޖަވާބުތަކެއްކަން ފާހަގަކުރެވެއެވެ. ނާޒިމްގެ މައްސަލަ ދަށު ކޯޓުގައި ހިންގިހެން ފަޓާސްބަރިއެއްހެން ހައިކޯޓުގައި ހިންގަން އަމާޒު ހިފާފައިވަނިކޮށް ކުއްލިއަކަށް ހައިކޯޓުގައި އެމައްސަލަ ބަލާ ބެންޗުގައި ތިއްބެވި 2 ފަނޑިޔާރަކު ހައިކޯޓުގެ ދެކުނު ބްރާންޗަށް ބަދަލުކުރުމުން މައްސަލައި އަޑުއެހުންތައް ހުއްޓި އޭގެ ފަހުން އެ ބެންޗުގައި ރިޔާސަތު ބެއްލެވި ފަނޑިޔާރުވެސް ދެކުނު ބްރާންޗަށް ބަދަލުކުރުމުން މިހާރު ހައިކޯޓުގެ ބާލޭ ބްރާންޗްގައި ތިބި 5 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރުންނަކީ ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ދެ ފަނޑިޔާރުންކަން ފާހަގަކުރެވެއެވެ.

އެ ބޭފުޅުން ނުހިމަނާ ބެންޗް އެކުލަވާލައިގެން އަލުން ޝަރީޢަތް ކުރިއަށްގެންދަވާނަމަ މިހާރު މައްސަލަ ބައްލަވަން ތިއްބަވާނީ 3 ފަނޑިޔާރުންނެވެ. އާ ބެންޗަކާ އާ ޕްރޮސިކިއުޓާރ ޖެނެރަލް އަކާއެކު ކާނަލް ނާޒިމްގެ މައްސަލައިގެ މިސްރާބު ބަދަލުވެގެންދާނެގޮތެއް ބެލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. ނަމަވެސް އުފެދޭ ސުވާލަކީ ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިހާތަނަށް ދިފާޢުކުރަމުން އައި ޙުކުމަކުން ނާޒިމަށް ސަލާމަތްވެވިދާނެތޯއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެކަންވެސް އެނގިގެންދާނެކަމަށް ފެނެއެވެ.