Last Updated: April 16, 14:57
Tuesday, April 16, 2024
ކޮލަމް

ރައްޔިތުން ހާލުގައި ޖެހުމުން މެންބަރުންގެ ޒިންމާއަކީ، ޓްވިޓާ އާއި ފޭސްބުކްގައި މޮޅެތި ވާހަކަ ދެއްކުން؟

މީދޫ ދާއިރާގެ މެންބަރ ރޮޒެއިނާ އާދަމް އާދި ފޭދޫ ދާއިރާގެ މެންބަރ އިބްރާހިމް ދީދީއަށް ވެދުންސަލާމަށް ފަހު ދަންނަވަމެވެ.

އައްޑޫ ސިޓީގެ ރަށްތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުން ތިބީ މާޔޫސް ކަމުގައެވެ. އުމުރު ދުވަހު ކުރި މަސައްކަތުން ބިނާކުރި ގޭގެ ތެރެއަށް ވަދެފައިވާ ފެންގަނޑު ހިއްކާނެ ގޮތެއް ނުފެނިގެން އެމީހުން ތިބީ ގޮތް ހުސްވެފައެވެ. ފުލުހުންނާއި ސިފައިން އަދި އެމްއާރްޑީސީގެ ބޭފުޅުން ގެންދަވަނީ ގެތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެބޭފުޅުންގެ އަތުގައި ހުރި ފެން ހިއްކާ ޕަންޕުތަކުގައި މައްސަލަ ޖެހިފައި ހުރުމުގެ ސަބަބުން އެކަށީގެންވާ ސްޕީޑެއްގައި ފެން ހިއްކުމުގެ މަސައްކަތް ކުރެވެމުން ނުދާތީ ރައްޔިތުން ތިބީ ކަންބޮޑުވެފައެވެ.

މާޔޫސްވެފައި ތިބި ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ އެއްބަޔަކީ، ހަމަ ގައިމުވެސް އެ ރައްޔިތުންގެ ދާއިރާތަކަށް ނިސްބަތްވާ ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުން ކަން ޔަޤީނެވެ. އަޅުގަނޑުމެންގެ އިޙްސާސްތަކާއި ވިންދު އެންމެ ރަގަޅަށް އެނގޭ ކަމަށް ވަކާލާތު ކުރެއްވީ ވެސް ހަމަ ތިބޭފުޅުންނެވެ.

ޢިއްޒަތްތެރި މެންބަރު ރޮޒެއިނާ އާދަމްއެވެ. ވިއްސާރައިގެ ސަބަބުން މަރަދޫފޭދޫގެ ބައެއް ގެތަކަށް ގެއްލުން ވެފައިވާއިރު އަދިވެސް ގިނަ ގެތަކުގެ ތެރޭގައި ފެންގަނޑު ވަނީ ހެދިފައެވެ. އެހީތެރިކަަމަށް އެދި ގުޅުމުން ފުލުހުން ދެއްވި ޖަވާބަކީ، ފެން ޕަންޕުތަކުގައި މައްސަލަ ޖެހިފައިވާ ކަމަށާއި، އެހާ "އަވަސް ނުވާނެ" ކަމަށެވެ. އަޅުގަނޑުމެންގެ ރަށަކީ ނަރުދަމާގެ ނިޒާމެއް ޤާއިމްކުރެވިފައިވާ ރަށެއް ނޫނެވެ. އެހެންވެ ނަރުދަމާގެ ނިޒާމަށް މައްސަލަ ޖެހި އަޅުގަނޑުމެންގެ ގެތަކުގެ ތެރޭގައި ހެދިފައިވާ ފެންގަނޑުތަކުގައި ވެސް ހުރީ އެ ނަޖިހެވެ.

ކްލޮރިން ކުރަން ވެސް ބޭނުމެވެ. އެހެން ނަމަވެސް ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގައި ވެސް އެކަށީގެންވާ ވަރަކަށް ކްލޮރިން ނެތް ކަމަށް ވެއެވެ. އަޅުގަނޑުމެން މިތިބީ ގޮތް ހުސްވެފައެވެ. ނަރުދަމާގެ ނަޖިހާއި އެކުވެފައިވާ ފެންގަނޑުތަކުގެ ތެރޭގައި އަޅުގަނޑުމެންނާއި އެންމެ ލޯބިވާ ދަރިން ބައިތިއްބައިގެން ތިބޭ އިރު ހިތުގައި އަޅާ ވޭނެއް ތި ޢިއްޒަތްތެރި މެންބަރުންނަކަށް އިޙްސާސެއް ނުކުރެވޭނެއެވެ. ބައްޔެއް ޖެހުނަސް އެކަށީގެންވާ ސިއްޙީ ޚިދުމަތްތަކެއް އައްޑޫ އަކުން ލިބެން ނެތެވެ.

އަޅުގަނޑުމެން ރޮޒެއިނާ އާއި ގުޅަން ވަރަށް މަސައްކަތް ކުރީމެވެ. ފޯނަށް ޖަވާބު ނުދެއްވަމެއް ނޫންތޯއެވެ. ގުޅާ ކޮންމެ ފަހަރަކު އަޅުގަނޑުމެން ފައިސާ ހޯދަން ބުނެފާނެ ކަމަށް ޖެހިލުންވެވަޑައިގަންނަވަނީ ތޯއެވެ؟ މިތަނަށް މުޒާހަރާ ކުރަން މީހުން އެއްކުރަން ދޮރުން ދޮރަށް ހިނގާލެވޭއިރު، އަޅުގަނޑުމެން ހާލުގައި ޖެހިފައިވާއިރު ކަމަނާއަށް ވަޑައިނުގެންނެވުމަކީ ރައްޔިތުންގެ އިޙްސާސް ކަމަނާއަށް އެނގިލައްވާ ވަރުގެ ލާމަސީލު ނަމޫނާއެކެވެ. ފޭސްބުކްގައި މޮޅެތި ވާހަކަ ލިޔުއްވައިގެން އަޅުގަނޑުމެން ރައްޔިތުން މޮޔަ ހެއްދޭނެ ކަމަށް ހީފުޅު ނުކުރައްވާށެވެ.

ރައްޔިތުންގެ ފައިސާ ހަވާލުކޮށްފައި އޮތް ސަރުކާރުން އެހީތެރިވުމަށް ނުކުޅެދިފައިވާއިރު އެވާހަކަ ދެއްކުމުގެ ބަދަލުގައި ރައްޔިތުންގެ ފައިސާއިން ކޮންމެ މަހަކު ވެސް ބޮޑު މުސާރަ ނަންގަވާ ބޭފުޅާ ދާއިރާގެ ރައްޔިތުންގެ ހާލު ބައްލަވާލެއްވުމަށް ވަޑައިގަންނަވާ ކަމީ ވެސް ލަދުވެތިވާން ޖެހޭނެ ކަމެކެވެ.

ފޭދޫ ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމް ދީދީ (އައިބީ) އެވެ. ދާއިރާގެ ރައްޔިތުންގެ ތެރެއިން ހާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން ނުކުޅެދޭ މީހުން ތިބި ގޭގެއަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ނުލިބިގެން އެ ރައްޔިތުން ޝަކުވާ ކުރައްވަމުން ގެންދަވާއިރު ތިބޭފުޅާ ކޮބައިތޯއެވެ؟

ނޫސްތަކަށް އިންޓަވިއު ދެއްވައި ފާއިތުވި 50 އަހަރު ނެވެހޭ ވަރަށް ވާރޭ ވެހުނު ކަމަށް ވިދާޅުވާއިރު، ފާއިތުވި 50 އަހަރު ހާލުގައި ނުޖެހޭ ވަރަށް ފޭދޫގެ ރައްޔިތުން މިވަނީ ހާލުގައި ޖެހިފައެވެ.މަނިކުފާނު އަކީ ރަށަށް އެންމެ ގިނައިން ވަޑައިގަންނަވާ އެއް މެންބަރަށް ވެދާނެއެވެ. އަޅުގަނޑުމެން ހީކުރީ މަނިކުފާނަށް މިތަނުގައި ފެންބޮޑުވުމުން ހާލުގައި ޖެހޭނެ މިންވަރު ވަރަށް ރަގަޅަށް ވަޒަންކުރެވޭނެ ކަމަށެވެ. އެކަމަކު އެކަން އެހެނެއް ނުވިއެވެ.

އެންމެ ގިނައިން ރައްޔިތުންގެ ފޯނުކޯލުތަކަށް ޖަވާބު ދެއްވާ ބޭފުޅާ ކަމަށް ތިބޭފުޅާ ވަކާލާތު ކުރެއްވިއަސް އެއީ ދޮގެއްކަން މިވަނީ ސާބިތުވެފައެވެ. ސ.ފޭދޫ އޯކިޑްމަންޒިލްގައި ދިރިއުޅޭ ޙާއްސަ އެހީއަށް ބޭނުންވާ 2 މީހަކު، ފެންބޮޑުވުމުގެ ސަބަބުން އެމީހުން ނިދާ އެނދުން ފައިބައިގެން ފާޚާނާއަށް ނުދެވި 24 ގަޑިއިރު ވެގެން ދިޔައީ އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް ނުލިބިއެވެ. އެވާހަކަ ތިބޭފުޅާގެ ސަމާލުމަށް ގެނައުމަށް އެކި ނަންބަރުން ހަމަގައިމުވެސް އައިބީއަށް ގުޅާފައި ނުވޭތޯއެވެ؟ މެސެޖް ވެސް ފޮނުވާފައި ނުވޭތޯއެވެ ؟ ޖަވާބެއް ނުދެއްވައެވެ.

ޢިއްޒަތްތެރި މެންބަރުން މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު ވިދާޅުވީ އިޙްސާސްތަކާއި ވިންދު އެނގޭ ކަމަށެވެ. އޭރު ވެސް އަޅުގަނޑުމެން ބުނި ވާހަކައަކީ ތިބޭފުޅުންނަށް ނޭނގޭ ކަމަށާއި އެނގެން ބޭނުން ވެސް ނުވާ ކަމަށެވެ. މިއަދު ތިބޭފުޅުން ސާބިތުކޮށްދެއްވަމުން ތިގެންދަވަނީ އެކަމެވެ. ތިބޭފުޅުންގެ ޒިންމާއަކީ، ސިޔާސީ ގޮތުން ފައިދާ ނެގުމަށް އަޅުގަނޑުމެން ހާލުގައި ޖެހިފައިވާ ވާހަކަ ޓްވިޓާ އާއި ފޭސްބުކްގައި އަދި ނޫސްތަކަށް ދޭ އިންޓަވިއުތަކުގައި މޮޅެތި ގޮތްގޮތަށް ދެއްކުން ހެއްޔެވެ؟

ދަންނަވަންތޯއެވެ. ރައްޔިތުންނަށް މިއަދު މަލާމާތްކުރުމުގައި ތިބޭފުޅުންނަށް ތިބެވިދާނެއެވެ އެހެންނަމަވސް ﷲ އިރާދަކުރެއްވިއްޔާ 2019 ވަނަ އަހަރުގެ އިންތިޙާބުގައި އަޅުގަނޑުމެން ތިޔަ ދެ މެންބަރުންގެ ކިބައިން މިންޖުވާނަމެވެ.