Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

ރޯމާގެ ކޮޅަށް 6 ލަނޑުޖަހައި ބާސާ ދެވަނަ ބުރަށް ކޮލިފައި ވެއްޖެ

ޔުއެފާ ޗެޕްމިއަންސް ލީގުގައި ގްރޫޕް އީ ގެ ބާސެލޯނާ އަދި ރޯމާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ބާސާ ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނައިގައި އޮވެ ދެވަނަ ބުރަށް ކޮލިފައި ވެއްޖެއެވެ.

މިސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ބާސެލޯނާއިން ރޭގައިވެސް މެޗުގެ ކުރީކޮޅުގައި ލަނޑުޖެހިއެވެ. 15 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ ލުއިސް ސުއަރެޒް އެވެ. ދެވަނަ ގޯލު ފެނުނީ އޭގެ 3 މިނެޓު ފަހުން އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރެފައި ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ބައިވެރިވި ލިއޮނަލް މެސީ އެވެ.

44 ވަނަ މިނެޓުގައި ސުއަރޭޒްގެ ދެވަނަ ގޯލު ކާމިޔާބު ކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާ އިން ލީޑު ފުޅާ ކުރިއެވެ.
ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ވަނީ މެސީ ދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ނަތީޖާ 0-4 އަށް ހަދާފައެވެ. އޭގެ 3 މިނެޓު ފަހުން މެސީ ވަނީ 5 ވަނަ ގޯލު ޖަހާ ރޯމާގެ ސަޕޯޓަރުން މާޔޫސް ކޮށްފައެވެ. 76 ވަނަ މިނެޓުގައި ބާސާ އަށް ލިބުނު ޕެނަލްޓީ މެސީ ވަނީ ނޭމާއަށް ދީފައެވެ. ނަމަވެސް ނަސީބު ކަންދިމާ ކުރި ގޮތުން ނޭމާ ޖެހި ޕެނަލްޓީ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. ރީބައުންޑުގައި އައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ނަތީޖާ 0-6 އަށް ހެދީ އެޑްރިއާނޯ އެވެ. ރޯމާ އިން ޖެހި ހަމަ އެކަނި ގޯލު 90 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ޒެކޯ އެވެ. މެޗުގެ 82 ވަނަ މިނެޓުގައި ޒެކޯ އަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

މިމެޗުގައި މޮޅު ކުޅުމެއްް ދެއްކި ބާސާ އިން ވަނީ %66 ބޯޅަ ޕޮސެޝަން ހާސިލު ކޮށްފައެވެ. 15 ޝޮޓު ގޯލަށް ފޮނުވިއިރު ބާސާ އިން ވަނީ 11 ޝޮޓު ގޯލާ އަމާޒު ކޮށްފައެވެ. ރޯމާ އިނ ފޮނުވި 5 ޝޮޓުގެ ތެރެއިން 4 ޝޮޓު ގޯލާ އަމާޒު ކޮށްފައި ވެއެވެ.
ގްރޫޕް ސްޓޭޖުގައި ބާސާ ކުޅުން 5 މެޗުން 13 ޕޮއިންޓު ހާސިލުކޮށް އެއްވަނައިގައި އޮވެ ދެވަނަ ބުރަށް ދަތުރުކޮށްފައި ވާ އިރު ގްރޫޕުގައި ބާކީ އޮތް 3 ޓީމަށްވެސް ކޮލިފައި ވުމުގެ ފުރުސަތު އެބައޮތެެވެ.