Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އިތުރު ފެން ހިއްކާ ޕަންޕުތަކެއް ފޮނުވުމުގެ މަސައްކަތް މިދަނީ ކުރަމުން: ޑިޒާސްޓާ މެނޭޖްމެންޓް

އައްޑޫ ސިޓީގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމަށް ބޭނުން ކުރަމުންދާ ބައެއް ފެންޕަންޕުތަކަށް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ފެން ހިއްކުމުގެ މަސައްކަތް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުދާތީ، އައްޑޫ އަށް އިތުރު ފެން ހިއްކާ ޕަންޕުތަކެއް ފޮނުވުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އައްޑޫއަށް އިތުރު ފެން ހިއްކާ ޕަންޕުތަކެއް ވީ އެންމެ އަވަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ފޮނުވުމަށް ގަސްތުކޮށްފައިވަނީ ކިތައް ޕަންޕުކަމެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ވީ އެންމެ އަވަހަކަށް ޕަންޕުތަކެއް ފޮނުވޭތޯ. ހަމަ މެގްޒިމަމް އަދަދެއް ފޮނުވޭތޯ މި ބަލަނީ." އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މިހާތަނަށް އެ ސެންޓަރަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިފައިވަނީ ގާތް ގަނޑަކަށް 50 ނުވަތަ 60 ވަރަކަށް ގެއަށް ކަމަށް ބެލެވޭ ކަމަށެވެ. އެމްއެންޑީއެފް، ޕޮލިސް އަދި ކައުންސިލްގެ ފަރާތުން ވެސް އަދަދުތަކެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް، އެ އަދަދު ތަކުގައި ތަފާތު ތަކެއް ހުރުމުން ސީދާ ގެއްލުން ލިބުނީ ކިތައް ގެއަށް ކަމެއް މިވަގުތު ދަންނަވަން ނޭނގޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.