Last Updated: April 16, 23:13
Tuesday, April 16, 2024
ރިޕޯޓް

އައްޑޫގެ ޙަޤީޤީ ތަސްވީރު އޮޅުވާނުލައްވާ!

އައްޑޫ ނުވަތަ މިހާރުގެ ބަހުރުވައިންނަމަ 'އައްޑޫ ސިޓީ' އާ ގުޅިގެން ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ މީހުންގެ ވަރަށް އާއްމު ވާހަކައެއް އޮވެއެވެ. "އައްޑޫ އަކީ މާލެފިޔަވައި ރާއްޖޭގެ އެންމެ ތަރައްޤީވެފައިވާ ސަރަޙައްދެވެ. އައްޑޫގައި ރާއްޖޭގެ ވެރިކަން ނުކުރާހާކަމެވެ." މިއީ ތެދެއް ހެއްޔެވެ؟ ޙަޤީޤަތުގައިވެސް އައްޑޫއަކީ ވަރަށް ތަރައްޤީ ތަނެއް ހެއްޔެވެ؟
އައްޑޫ އަކީ ތަރައްޤީވެފައި އޮތްތަނެއް؟

އައްޑޫއޭ ބުނެފިނަމަ މިފަހަކަށް އައިސް އެންމެ ގިނަ ބަޔަކަށް އައްޑޫ ސިފަކުރެވެނީ 2011 ވަނަ އަހަރުގެ ސާކް ސަމިޓަށް ބިނާކުރި ހިތްގައިމު ކޮންވެންޝަން ސެންޓަރާއި ނުރައްކާތެރިކަމުން 'މަރުގެ މަގު' ގެ ގޮތުގައި މަޝްހޫރުވެފައިވާ އައްޑޫ ލިންކް ރޯޑްގެ ހިތްގައިމު ތަސްވީރުތަކުންނެވެ. އަދި އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ތާރު އަޅައިގެން ހަދާފައިވާ މަގުތަކުގެ ތަސްވީރުތަކުންނެވެ.

އައްޑޫ ލިންކް ރޯޑް.
އައްޑޫ ލިންކް ރޯޑް.

އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ (އީސީސީ)
އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ (އީސީސީ)
ލަންކާ ސަރުކާރުގެ އެހީގައި ތާރުއަޅައިގެން ހަދާފައިވާ މަގު. ފޮޓޯ: އަޒީމް ނަޖްމީ
ލަންކާ ސަރުކާރުގެ އެހީގައި ތާރުއަޅައިގެން ހަދާފައިވާ މަގު. ފޮޓޯ: އަޒީމް ނަޖްމީ

އައްޑޫ އަކީ ތަރައްޤީ ރައްޔިތެއް ދިރިއުޅޭ ތަނެއްކަމާމެދު ދެބަސްވެވޭކަށް ނެތެވެ. ރާއްޖޭގެ ބައެއް ރަށްރަށާއި ސަރަޙައްދުތަކަށްވުރެ ބައެއް ވަޞީލަތްތައްވެސް ފުރިހަމަކަމުގައި ޤަބޫލުކުރަންޖެހެއެވެ. އެހެނަސް ސިޔާސީ މީހުންނާއި ބައެއް ޢާއްމުން ނަންކުރާ "އައްޑޫ ސިޓީ" އަކީ ޙަޤީޤަތުގައިވެސް ތަރައްޤީވެފައިވާ ތަނެއްތޯ ސުވާލުއުފެދެއެވެ. 'އައްޑޫލައިވް' އިން މި ރިޕޯޓްގައި އައްޑޫގެ ބައެއް ދާއިރާތަކުގެ ޙާލަތު ކުރުގޮތަކަށް ގެނެސްދެވޭތޯ މި ބަލަނީ ތަސްވީރުންވެސް ކިޔައިދިން ވާހަކައާއެކުގައެވެ.

ދުއްވާލެވޭވަރުގެ ދެތިންމަގު! ދެން ހުރީ "ވަޅުގަނޑުތައް"

އައްޑޫ ސިޓީ ހިތަދޫގެ މަގެއް. ފޮޓޯ: އަޒީމް ނަޖްމީ
އައްޑޫ ސިޓީ ހިތަދޫގެ މަގެއް. ފޮޓޯ: އަޒީމް ނަޖްމީ

އައްޑޫ މަޝްހޫރުވެފައިވަނީ ރާއްޖޭގެ އެހެން އެއްވެސް ރަށެއް ނުވަތަ ސަރަޙައްދެއްގައިވެސް ނެތްފެންވަރަށް މަގުތައް ހަދާފައިވާ އަތޮޅަކަށެވެ. ތެދެކެވެ. އައްޑޫގައި 13 ކިލޯމީޓަރަށް ތާރުއަޅައިގެން ހަދާފައިވާ ދިގު ލިންކްރޯޑް 2001 ގައި ހުޅުވުމަކީ ގިނަ ރައްޔިތުންތަކަކަށް ލިބުނު ފަސޭހައެކެވެ. އެހެނަސް އެ މަގު ޑިޒައިންކުރުމާއި މަގު ހެދުމުގެ ކަންކަން ދިޔަ އުޞޫލާއި ސަރުކާރުގެ މަތީ ފަޑިއަށް ބައެއް އެޅުމަށްފަހު މަގު ހެދުމުގެ ކަންކަން ކުރިއަށް ގެންދިޔަކަމަށް ދެކެވޭ ވާހަކަތަކާއެކު އެ މަގު މިހާތަނަށްވެސް ލޯ މައްޗަށް ފެންނަން އޮތުމަކީވެސް ނަސީބެކޭ ބުނަންޖެހެއެވެ. ލިންކް ރޯޑުގެ ބައެއް ހިސާބުތަކުގެ ތާރު ގަނޑުގެ ބޯމިނުގައި އެއް އިންޗިވެސް ނެތްއިރު މަގުގައި ހެދޭ ވަޅުގަނޑުތައް މަރާމާތުކުރުން އެއީ ނުނިމުނު މަސައްކަތެކެވެ.

2011 ގެ ސާކް ސަމިޓަށް ޓަކައި ސަދަން ޔޫޓިލިޓީސް ކުންފުންޏާއި ޙަވާލުކޮށްގެން އަދި ފަހުވަގުތު ދިވެހި ސިފައިން ނެރެގެން ތެޅިފޮޅިގެން ނިންމި ހިތަދޫ ބޮޑުމަގު (އެޅެދީދީމަގު) އަދި ކޮންވެންޝަން ސެންޓަރަށް ދެވެން އޮތް މަގުގައި ތާރު އަޅާފައިހުރި ފެންވަރު އެމަގުން ދުއްވާ މީހަކަށް ނޯޅޭނެއެވެ. އެ މަގުގައި ފެން ނުހެދޭ ހިސާބެއް ނެތެވެ. އެހެނަސް ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އެ މަގު ތާރުއަޅައިގެން ހެދުމުން ގިނަ ބަޔަކު އެކަން ޝުކުރުވެރިކަމާއެކު ބަލައިގަތެވެ. އޭރު ވާހަކަ ދެކެވިފައި އޮތީ އެ ފެށި ގޮތަށް އައްޑޫގެ އެހެން ރަށްތަކުގެ މަގުތައްވެސް ނިންމާލާގޮތަށެވެ. ނަރުދަމާ ހޮޅިތައްވެސް ވަޅުލުމެއްނެތި މަގުގައި ތާރު އަޅައި ނިންމާލުން އެއީ މުޅިން އެހެންކަމެކެވެ.

ދެން އައްޑޫގައި ރަގަޅު ފެންވަރަކަށް ހަދާފައިވަނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑުމަގެވެ. ލަންކާ ސަރުކާރުން ހަދާދީފައިވާ އެމަގުގައި ތާރުއަޅާފައިވަނީ ހިތަދޫ މަގުތަކާއި ލިންކްރޯޑަށްވުރެ ފެންވަރު ރަގަޅުކޮށްކަމަށްވިޔަސް އެ މަގުތަކުގައި ވެސް ފެންބޮޑުވާ މައްސަލަ ބޮޑެވެ. ހުޅުމީދޫގެ ބޮޑުމަގުގެ ބައެއްގައި ނަމަކަށް ގާއަތުރާފައިވިޔަސް އެމަގަކީވެސް ގިނަ ރައްޔިތުންނަށް ތަކުލީފަކަށް ނޫނީނުވެއެވެ.

(ވީޑިއޯ: އިބްރާހިމް ނައީމް)

އައްޑޫއަކީ ބޮޑު އާބާދީއެއް އޮތް ބިމުގެ ގޮތުން ބޮޑު ސަރަޙައްދެއްކަމަށްވެފައި ދަތުރުފަތުރުކުރުމަށް ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދު ދުއްވަމުން އަންނައިރު ތާރުއެޅި ދެ ތިން މަގެއް ފިޔަވައި ދެންހުރި މަގުތަކުގެ ވާހަކަ ދެއްކުމަކީ ދަތިކަމެކެވެ. އެއިން މަގެއްގެ ޙާލަތު ވަޒަން ކުރެވޭނީ ދަތުރުކުރާމީހަކަށެވެ. ބައެއް ފަހަރު ފަރުބަދަމަތިން ދަތުރުކުރާކަމުގެ އިޙުސާސެވެ. މަގުތަކުގެ އަޑިގުޑަންކަމާއިއެކު ވާރޭ ވެހިއްޖެނަމަ ދެން ދުއްވާ އެއްޗަކަށް ހިނގާ ބިނގާވެ އުޅޭމީހަކަށްވެސް ސަލާމަތެއްނެތެވެ. އައްޑޫގެ މަގުތައް ހެދުމަށް ދޭތެރެ ދޭތެރެއިން އެމްއާރުޑީސީ އިން މަސައްކަތްކުރެއެވެ. އެހެނަސް ވަސީލަތްތަކުގެ މަދުކަމާއި އަދި މަގުތަކުގެ ޙާލަތަށްބަލާއިރު ވެލިމަގުތައް މަރާމާތުކުރުން އެއީ އެމްއާރުޑީސީއަށްވެސް ކުޅަދާނަކަމަކަށްނުވެއެވެ.

ރަށުން ވަޒީފާގެ ފުރުސަތެއް ނެތް! އެންމެ ވަޒީފާއަކަށް އެތައް ސަތޭކަ ކުދިން

އައްޑޫގައި ސާނަވީ ތަޢުލީމު މާލެއާ އެއްފެންވަރަށް ނުވަތަ ބައެއްފަހަރު އެއަށްވުރެ ރަގަޅަށްވެސް ދެވޭކަމަށް އައްޑޫގެ ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެކަން ސާނަވީ އިމްތިޙާނުތަކުގެ ނަތީޖާތައްވެސް ހެކިދެއެވެ. އައްޑޫގެ ސްކޫލްތަކުން ރަންވަނަތައް ހޯދުމަކީ ޢާއްމުކަމެކެވެ. ނަމަވެސް އެ ކުދިންނަށްވެސް މައްސަލަތަކާ ދިމާވަނީ ސްކޫލް ނިންމާ ވަޒީފާގެ މައިދާނަށް ނިކުންނަންޖެހުމުންނެވެ. ނުރަސްމީ ތަފާސް ހިސާބުތަކުން ދައްކާގޮތުން އައްޑޫގައި ވަޒީފާ އަދާކުރާމީހުންގެ 80 އިން ސައްތައަށްވުރެ ގިނަ މީހުންނަކީ ސަރުކާރުގެ ނުވަތަ ދައުލަތުގެ ކޮންމެވެސް ވަޒީފާއެއް އަދާކުރާ މީހުންނެވެ. އެހެންގޮތަކުން ބުނާނަމަ އޮފީސް މުވައްޒަފުންނެވެ.ކޮންމެ އަހަރަކު އައްޑޫގެ އެތައް ސަތޭކަ ކުދިން ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނު ނިންމާއިރު އެކުދިން އަދާކުރާނެ ވަޒީފާއެއް އައްޑުގައި ނެތެވެ. އައްޑޫގައި ދާދިފަހުން ސަރުކާރުގެ ވަޒީފާއަކަށް ހުޅުވާލުމުން 500 އަށްވުރެ ގިނަ މީހުން ކުރިމަތިލުމުން ދައްކުވައިދެނީ ވަޒީފާގެ ދަތިކަން އޮތް މިންވަރެވެ.

ހަންކެޑެ ސަރަހައްދުގައި ދަތުރުދިޔަ ޒުވާނުންތަކެއް. އައްޑޫގައި ވަޒީފާގެ ފުރުސަތުތަކެއް ނެތުމަކީ އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުން
ހަންކެޑެ ސަރަހައްދުގައި ދަތުރުދިޔަ ޒުވާނުންތަކެއް. އައްޑޫގައި ވަޒީފާގެ ފުރުސަތުތަކެއް ނެތުމަކީ އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުން

އައްޑޫގައި ދެ ރިސޯޓެއް ހިންގާއިރު އެއިން ރިސޯޓަކުންވެސް ވަޒީފާ ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ގިނަ ރައްޔިތުން ދެކޭގޮތުގައި އެއީ ވަޒީފާގެ ފުރުސަތުތައް އަބަދުވެސް "ފުލް" ބޯޑުއަޅުވައި ހިންގަމުންދާ ތަންތަންކަމަށެވެ.

އައްޑޫގައި ވަޒީފާގެ ފުރުސަތުތައް ނެތުމުން ސްކޫލް ނިންމާ ކުދިން މަގުމަތިވާން ބޭނުންނުވާނަމަ ދެން އޮންނަ ހަމައެކަނި ފުރުސަތަކީ ރަށުން ބޭރަށް ވަޒީފާ ހޯދަން ހިޖުރަކުރުމެވެ. ގިނަ ޒުވާނުން މިސްރާބު ޖަހަނީ ޓުއަރިޒަމް އިންޑަސްޓްރީއަށެވެ. އެހެންނަމަވެސް އެއީވެސް މިހާރު ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން ކޮންމެ އަހަރަކު އެތަކެއް ޒުވާނުން ވަޒީފާއެއް ނެތި 'މަގުމަތި' ވެއެވެ. އެކަން ޙައްލުކުރުމަށް އާ ސިނާޢަތެއް ނެތެވެ. ކޮންމެ ޕާޓީއެއްގެ ކެމްޕެއިންގައި ކޮންމެ ރައްޔިތަކަށް ވަޒީފާއެއްގެ ހުވަފެން ދެއްކިޔަސް އައްޑޫގެ ވަޒީފާގެ މައްސަލައަށް އެއްވެސް ޙައްލެއް ނާދެއެވެ. ވަޒީފާއެއްނުލިބެއެވެ. ހަމައެކަނި ހުވަފެންތަކެވެ.

ނަރުދަމާގެ 'ނިމުމެއް ނެތް' ވަޢުދުތައް، 30 ހާސް މީހުން އަދިވެސް ނަޖިސްފެނުގައި

timthumb-2
އައްޑޫގެ ނަރުދަމާގެ ނިޒާމެއްގެ ވާހަކައަކީ ކުރީގެ ރައީސް މައުމޫނުގެ ދައުރުންފެށިގެން ދެކެވެމުންއަންނަ ފަލްސަފާ ވާހަކައެކެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫގެ ފެނާއި ނަރުދަމާގެ ކަންކަން އިނގިރޭސިވިލާތުގެ ބައިވޯޓާ ނަމަކަށްކިޔާ ކުންފުންޏަކާ ޙަވާލުކުރެވުނެވެ. ފެނުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރެވި ބައެއް ގޭގެއަށް ފެން ހޮޅިވެސް ގުޅާފައިވެއެވެ. އެހެނަސް އެ ޚިދުމަތް ވެސް އެއީ ކިހިނެއް ދޭ އެއްޗެއްކަން އިނގޭ ރައްޔިތަކު މަދެވެ. ސާކް ސަމިޓަށް އައްޑޫގެ މަގުތައް ހެދިއިރުވެސް ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވީ ނަރުދަމާ ހޮޅިތައް ވަޅުލުމެއްނެތި ތާރު އަޅައިގެން މަގުތައް ހެދުމެވެ. ރައްޔިތުންގެ ކަންބޮޑުވުން ކޮންމެ ގޮތަކަށް އޮތްނަމަވެސް އެ މަގުތައް ހެދީ ނަރުދަމާ ހޮޅީގެ އެއްވެސް ކަމެއް ކުރުމެއް ނެތިއެވެ. ހަމައެކަނި ފެން ހޮޅިތައް ވަޅުލީކަމެވެ.

މާލެ ފިޔަވައި ރާއްޖޭގެ އާބާދީ އެންމެ ބޮޑު ސަރަޙައްދަކީ އައްޑޫކަމަށްވާއިރު އައްޑޫގެ އެންމެ ރަށެއްގައިވެސް ނަރުދަމާގެ ޚިދުމަތް ޤާއިމުވެފައިނެތުމަކީ ގިނަ ސަރުކާރުތަކުން އައްޑޫއާމެދު އިޙުމާލުވިކަމުގެ ހެއްކެކެވެ. އައްޑޫގެ ނަރުދަމާ ޤާއިމުކުރުމުގެ ކަންކަން މިދިޔަ 3 ސަރުކާރުންވެސް ދެންމެ ދެންމެ ނިންމާލަފާނެހެން ހީވީ ދުވަސްތަކެއްވެސް ދިޔައެވެ. އެހެނަސް 'ނަން ބޯޑު' ނުވަތަ އެމްއޯޔޫ ފިޔަވައި ރައްޔިތުންނަށް ދެއްކުނު އެއްޗެއް ނެތެވެ. އެންމެފަހުން އައްޑޫގެ ނަރުދަމާގެ ބައެއް މަސައްކަތް އެމްޑަބްލިޔުއެސްސީ އަދި ފެނަކަ ކޯޕަރޭޝަނާ ޙަވާލުކުރިކަމަށްވެސް ޚަބަރުތަކުން އިވުނެއެވެ. އެހެނަސް ރައްޔިތުންނަށް ނަރުދަމާގެ ޚިދުމަތެއް ނުލިބެއެވެ. ނަޖިސް ފެން ނޫން އެއްޗެއް ރައްޔިތުންނަކަށް ނުލިބެއެވެ. އެކަމަށް ނިމުމެއް އަންނާނެ ދުވަހެއްވެސް ނޭނގެއެވެ.

ނަމެއްގައި ހުރި ހޮސްޕިޓަލެއް، އާ ހޮސްޕިޓަލަކީ ބިލާހެއް

އައްޑޫގެ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
އައްޑޫގެ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

އައްޑޫގެ ހޮސްޕިޓަލުގައި ހުރި މައްސަލަތަކުގެ ވާހަކައަކީ ދައްކައި ހުސްނުވާނެ ވާހަކައެކެވެ. ދެ ދުވަހު ހަމައަށް ޑޮކްޓަރަކު ނުހުންނައިރު ހޮސްޕިޓަލްގެ ހުރިހާ މެޝިންތައް މަސައްކަތްކުރާ ޙާލަތެއްގައި ހުރެއްޖެނަމަ އެއީ 'ހަވާއަރުވަން' ޖެހޭވަރުގެ ކަމެކެވެ. ކިތަންމެ ކުޑަ އެކްސިޑެންޓެއްވިޔަސް 'އިތުރު ފަރުވާ' އަށް މާލެއަށެވެ. ހޮސްޕިޓަލުން ސްކޭނެއް ނުކުރެވޭއިރު އެކްސްރޭ މެޝިން ގިނަފަހަރު ހުންނަނީ ހަލާކުވެފައެވެ. މެޑިކަލް ނެގްލިޖެންސްގެ ޙާދިސާތައް ތަކުރާރުކޮށް ކުރިމަތިވެ ހޮސްޕިޓަލަކީ ފަރުވާ ހޯދަންދާ ބައެއް މީހުންނަށް 'ނުރައްކާތެރި ތަނެއް' ގެ ގޮތުގައި ސިފަކުރެވޭއިރުވެސް އެކަންކަން އިސްލާޙުކުރެވޭތަނެއް ނާދެއެވެ. ހޮސްޕިޓަލްގައި މަލްޓިސްޕެޝަލިސްޓުންގެ ޚިދުމަތް ލިބުމަކީ ނާދިރުކަމެކެވެ. އަންހެނުންގެ ޑޮކްޓަރެއްނެތި ފޫޅުމައިން ގެނެސްގެން ވިއްސަންޖެހިފައިވަނީ މަދެއްކޮށެއްނޫނެވެ. ކުޑަކުދިންގެ ޑޮކްޓަރެއްނެތި ޒަމާންތަކެއް ފާއިތުވެދާނެއެވެ. ގިނަ ޓެސްޓުތައް ލެބޯޓަރީއަކުން ނުހެދެއެވެ. ޢާއްމު ރައްޔިތުންގެ ޝަކުވާތައް ފުނިފުންޏަށް ހުއްޓެއްކަމަކު ޢާއްމު ރައްޔިތުންނާ ބައްދަލުކުރަންތިބޭ އާދައިގެ މުވައްޒަފުން އެމީހުންނަށް ކުރެވުނުވަރަކުން ޚިދުމަތްތައް ދެވޭތޯ މަސައްކަތްކުރެއެވެ. އެހެނަސް އެކަންކަން ފާހަގަކުރާނެ ބަޔަކު މެނޭޖްމެންޓުގައި ނުތިބޭކަމުގެ ޝަކުވާތައް މުވައްޒަފުންގެ މެދުގައިވެސް ބޮޑެވެ.

އައްޑޫގެ ހޮސްޕިޓަލް ފެންވަރު ރަގަޅުކޮށް މުޅިން އާ ހޮސްޕިޓަލެއް އެޅުމަކީ 2002 ވަނަ އަހަރުން ފެށިގެން ކޮންމެ ސަރުކާރަކުންވެސް އައްޑޫ ރައްޔިތުންނަށް ދައްކަމުންދާ ހުވަފެނެކެވެ. ޙަޤީޤަތަކަށް ނުވި ހުވަފެނެކެވެ. އާ ހޮސްޕިޓަލަށް ފައިސާ ހަމަޖެހުނުކަމަށް އެކި ފަހަރުމަތީން އިޢުލާނުކުރި ޢަދަދެއްވެސް ނޭނގެއެވެ. ހޮސްޕިޓަލް ހުޅުވާނެ ދުވަހާއި ޑިޒައިނާއި އެތަނުގައި ހުންނާނެ އެނދުތަކާއި ލިބޭނެ މޮޅެތި ޚިދުމަތުގެ ވާހަކަ އަޑުއަހައި ފޫހިވެއްޖެއެވެ. ހޮސްޕިޓަލްގެ ވާހަކައަކީ ގިނަ ރައްޔިތުންގެ ނަޒަރުގައި ޙަޤީޤަތަކަށް ނުވި ހުވަފެނެކެވެ.

ސިޔާސީ ކޯޅުން އިންތިހާއަށް. ތަރައްޤީއަށް މަސައްކަތްކުރާނެ ބަޔަކު ނެތް

ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން އައްޑޫގެ ރައްޔިތުންނަކީވެސް ތަރައްޤީ އަށް އެދިއެދި ތިބި ބައެކެވެ. އެހެނަސް ސިޔާސީ ކޯޅުމާއި ސިޔާސީ ވާދަވެރިކަމުގެ ގެއްލުން އެންމެ ބޮޑަށް ތަޙައްމަލުކުރަން ޖެހޭ އެއްބަޔަކީ އައްޑޫގެ ރައްޔިތުންނެވެ. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވާހަކަދެއްކިކަމަށްވިޔަސް 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅިގެން ޖެހިގެން އައި ފެބްރުއަރީ 8 ވަނަ ދުވަހު މުޅި އައްޑޫ އަންދާ އަޅިއަށް ހަދާލިއިރު އެކަމުގެ ފަހަތުގައި ސިޔާސީ ދެކޮޅުވެރިކަން ނެތްކަމަށް ބުނެވޭނެ އެއްވެސް ޙުއްޖަތެއްނެތެވެ. އެކަން ކުރި މީހުން މިއަދުވެސް މޭގައި އަތް ޖަހާލާފައި އެވާހަކަތައް އެތިބެ ދައްކަނީއެވެ. އެދުވަހު އަންދާލި ޢިމާރާތްތަކުގައި މަސައްކަތްކުރި އެތައް މުވައްޒަފުންގެ ވަޒީފާ ގެއްލި ދިޔައީއެވެ. ކޯޓުތަކުގައި ހުރި އެތައް ލިޔުންތައް ގެއްލި ދިޔައީއެވެ.

ފެބްރުއަރީ 8 ވަނަ ދުވަހު އަންދާލާފައިވާ ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތެއް .
ފެބްރުއަރީ 8 ވަނަ ދުވަހު އަންދާލާފައިވާ ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތެއް .
ހިތަދޫގައި ހުންނަ އެމްޑީޕީ އޮފީހުގައި ރޯކޮށްލުން. އައްޑޫލައިވް ފައިލް ފޮޓޯ.
ހިތަދޫގައި ހުންނަ އެމްޑީޕީ އޮފީހުގައި ރޯކޮށްލުން. އައްޑޫލައިވް ފައިލް ފޮޓޯ.

8 ފެބްރުއަރީގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން.
8 ފެބްރުއަރީގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން.

ސިޔާސީ ދެކޮޅުވެރިކަން އޮތް މިންވަރަކީ އެއްޕާޓީން ވެރިކަމުގައި އޮންނައިރު އަނެއް ޕާޓީއަށް ރަގަޅަށް ކުރެވޭ އެއްކަމެއްވެސް ނެތުމެވެ. ސިޔާސީ ދެކޮޅުވެރިކަން އޮތް މިންވަރަކީ އައްޑޫގެ ތަރައްޤީއާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް އިދިކޮޅު މެމްބަރަކު ހުށަހެޅުއްވުމުން ސަރުކާރަށް ނިސްބަތްވާ އައްޑޫގެ މަޖިލިސް މެމްބަރުންވެސް އެކަމަށް ދެކޮޅު ހެއްދެވުމެވެ. ސިޓީ ކައުންސިލްވެސް ހަމަ އެފަދައެވެ. ސަރުކާރުގެ މެޖޯރިޓީ ނެތުމުން ކައުންސިލުން ކުރާ އެއްވެސް ކަމެއް ސަރުކާރަކަށް ބަލައެއްނުގަނެވެއެވެ. އެހެންމެ ފަހުން ކައުންސިލްގެ ބާރުތައްވެސް ކޮށާ ކުދިކޮށްލީއެވެ. އެހެންގޮތަކަށް ދަންނަވާނަމަ ކައުންސިލް ސައިޒްކޮށްލީއެވެ. ސިޔާސީ ކޯޅުމުގައި ކައުންސިލްވެސް ވަކި ދެރައެއް ނޫނެވެ. ކައުންސިލުން ހިތްހަމަޖެހޭގޮތަކަށް ސަރުކާރަކަށް ކަމެއް ކުރެވޭތަނެއް ނާދެއެވެ. ސަރުކާރުގެ ކޮންމެ ޕްރޮޖެކްޓަކަށް ކައުންސިލަރުން ފާޑުވިދާޅުވެއެވެ. ސަރުކާރާ ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުމެއް ކައުންސިލަރުންގެވެސް ނެތެވެ. އަމިއްލަ ޕާޓީގެ ސަރުކާރަކަށް ނުވީމައެވެ. ބައެއް ކައުންސިލަރުން ދެކޭގޮތުގައި ސަރުކާރާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް ތަންފީޛުކުރަން މަސައްކަތްކުރުމަކީ އަމިއްލަ ޕާޓީއަށް ޣައްދާރުވުމެވެ. މި ފަދަ ޙާލަތެއްގައި އޮތް ތަނެއް ތަރައްޤީކުރަން މަސައްކަތްކުރެވޭނެކަމަށް ގިނަ ރައްޔިތުން ޤަބޫލެއް ނުކުރެއެވެ. އެހެންވިޔަސް ޕާޓީއަށްޓަކައި ދެންވެސް ވޯޓު ދޭން ތައްޔާރެވެ.

އައްޑޫގެ ޙާލަތު ކިތަންމެ ނާޒުކުކޮށް ފެންނަން އޮތް ނަމަވެސް ބައެއް މީހުން ދައްކަން ބޭނުންވަނީ ވަކި ތަސައްވުރެކެވެ. ސިޔާސީ ކޮންމެ ބައެއްވެސް ދައްކަން ބޭނުންވަނީ އެ ބައެއްގެ ބިލްބޯޑެވެ. އެކި ތަސްވީރުތަކާއެކުގައެވެ. އެހެނަސް އެންމެންވެސް ކިޔަން ބޭނުންވަނީ 'އައްޑޫ ސިޓީ' އެވެ. ވިލެޖެއްގެ ފެންވަރުގެ ބައެއް ޚިދުމަތްތައްވެސް ލިބެންނެތީހެވެ. އެހެންވިޔަސް އައްޑޫގެ ހަޤީޤީ ތަސްވީރު އޮޅުވައެއް ނުލެވޭނެއެވެ.

އައްޑޫއަކީ އައްޑޫ ސިޓީ ކައުންސިލުން އިޝްތިހާރުކުރާގޮތަށް 'ދަ ފައިނެސްޓް' ސިޓީއެއް ނޫނެވެ. އަސާސީ ގިނަ ޚިދުމަތްތަކެއްވެސް ނެތް ލިބެންނެތް ނާއުއްމީދުވެފައިވާ އަތޮޅެކެވެ.