Last Updated: April 24, 21:40
Wednesday, April 24, 2024
ޚަބަރު

ފޭދޫ އާއި މަރަދޫފޭދޫއަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅައިފި

އައްޑޫ ސިޓީއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެ ސިޓީގެ ފޭދޫ އާއި މަރަދޫފޭދޫގެ ރައްޔިތުންނަށް ލިބެމުންގެންދާ ގެއްލުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މިއަދު މެންދުރު ފަހު ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވާފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. ޖަލްސާއަށް ހާޒިރުވި 48 މެމްބަރުންގެ އިއްތިފާގުން އެ މައްސަލަ ބަލައިގެންފައި ވާއިރު މައްސަލަ ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވީ ފޭދޫ އާއި މަރަދޫފޭދޫގައި ފެން ނުހިނދޭ ގިނަ ގެތައް އަދިވެސް އެބަހުރި ކަމަށާއި ހަމައެހެންމެ ބައެއް ގޭގޭގެ ފާޚާނާތައް ވެސް މިހާރު ބޭނުން ނުކުރެވޭ ކަމަށެވެ.

އެ ގަރާރަށް ބަހުސްކުރައްވަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ސަރުކާރުން އެކަމަށް އެކަށީގެންވާ ސަމާލުކަމެއްދީފައިނުވާ ކަމަށެވެ. އަދި ރައީސް ޔާމީން އެކަމާ ގުޅޭގޮތުން މިހާތަނަށް ބަސްފުޅެއް ވިދާޅުވެފައިނުވާ ކަމަށް ނިޒާރު ވިދާޅުވި އެވެ. ފޭދޫ އާއި މަރަދޫފޭދުގެ ރައްޔިތުން މިހާރު ތިބީ ވަރަށް ދަތި ހާލުގައި ކަމަށާއި ފާޚާނާގައި ފެން ބޭނުން ކުރެވޭނެ ގޮތެއްނެތި އަދި ނިދޭނެ ގޮތެއް ނެތް ރައްޔިތުން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ. ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި ފޭދޫ އާއި މަރަދޫފޭދޫގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލެއްވި އެވެ.

ސަރުކާރުން އައްޑޫއަށް އިހުމާލުވެފައި ނުވާކަން ދޭހަވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ޕީޕީއެމްގައި ތިއްބެވި އައްޑޫ ސިޓީއަށް ނިސްބަތްވާ ދެ މެމްބަރުން ކަމުގައިވާ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވެސް ތިއްބެވީ އައްޑޫ ސިޓީގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެންދަވަނީ އެކަން ގާތުން ބައްލަވަމުން ކަމަށާއި ފޭދޫ އާއި މަރަދޫފޭދޫގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނުގެ އިރުޝާދުގެދަށުން ސްޓިއަރިން ކޮމެޓީއެއް އެކުލަވާލައްވާފައިވާން ވެސް ނިހާން ފާހަގަކުރެއްވި އެވެ.