Last Updated: March 29, 14:00
Friday, March 29, 2024
ކޮލަމް

އައްޑޫގެ ރައްޔިތުންގެ ފަރާތުން ރައީސް ޔާމީނަށް: މަނިކުފާނުގެ އަޑެއް ނީވެއެވެ!

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް،

ވިއްސާރަވުމުގެ ސަބަބުން އައްޑޫގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ އެތައް ބަޔަކު ހާލުގައި ޖެހި، މިވަނީ ނަޖިސް ފެނުގެ ތެރޭގައި އުޅެން މަޖުބޫރުވެފައެވެ. މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑޫގެ ރައްޔިތުން ތިބީ މާޔޫސްވެފައެވެ. ޚާއްސަގޮތެއްގައި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުންތަކެއް ލިބުނު މަރަދޫފޭދޫ އާއި ފޭދޫގެ ރައްޔިތުންނެވެ. އަޅުގަނޑުމެން އައްޑޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ފާޚާނާ ކުރެވޭނެ ގޮތެއް ވެސް ނެތިފައެވެ. މުޅި ގޭތެރޭގައި އޮތީ ނަރުދަމާގެ ނިޒާމުތަކަށް މައްސަލަޖެހިގެން ބޭރުވި ނަޖިހެވެ. ކައްކާނެ ގޮތެއް ނެތެވެ. އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް ވެސް ހަމަ ނިދި ނުލިބޭތާ 48 ގަޑިއިރު ވަނީއެވެ. އެކަށީގެންވާ ސިއްޙީ ނިޒާމެއް ނެތް އިރު، ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރުވެރިކަން އަޅުގަނޑުމެންނަށް މިވަނީ ކުރިމަތިވެފައެވެ.

2013 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ފަހު ތިމަން މަނިކުފާނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރައީސް ކަމުގައި މަނިކުފާނު ވިދާޅުވި ހަނދާން އަޅުގަނޑުމެން ވަރަށް ރަގަޅަށް އެބަހުއްޓެވެ. މަނިކުފާނުގެ ވެރިކަމަށް 2 އަހަރު ފުރިފައިވާއިރު، މަނިކުފާނަކީ، ހުރިހާ ރައްޔިތުންގެ ރައީސް ތޯ އަޅުގަނޑުމެންގެ ހިތްތަކުގައި ސުވާލު އުފެދެއެވެ. ނަޖިސް ފެނުގެ ތެރޭގައި އައްޑޫގެ ރައްޔިތުން ތިބޭތާ މިވަނީ 48 ގަޑިއިރު ވެފައެވެ. މަރަދޫފޭދޫ އާއި ފޭދޫގެ ރައްޔިތުންނަށް އެހީތެރިވުމަށް މަނިކުފާނުގެ މަޝްވަރާގެ މަތިން ކޮމިޓީއެއް އެކުލަވާލީތީ ޝުކުރު އަދާކުރަމެވެ. އެހެން ނަމަވެސް މަނިކުފާނު، މި ނިކަމެތި ރައްޔިތުންނަށް އެންމެ ކުޑަމިނުން ހަމްދަރުދީގެ މެސެޖެއް ވެސް ނުފޮނުއްވައެވެ. އަޅުގަނޑުމެންގެ ޙާލާއި މެދު މަނިކުފާނުގެ ކަންބޮޑުވެވަޑައިނުގަންނަވަނީ ތޯއެވެ؟ މަނިކުފާނުގެ އެއްވެސް އަޑެއް އަޅުގަނޑުމެންނަކަށް ނީވެއެވެ.

އެކި މުނާސަބަތުގައި ތަހުނިޔާގެ މެސެޖްތައް މަނިކުފާނު އަޅުގަނޑުމެންނަށް ފޮނުއްވައެވެ. އަޅުގަނޑުމެން އެކަން އުފަލާއި އެކު ބަލައިގަންނަމަވެ. މަނިކުފާނުގެ ފަރާތްޕުޅުން ސްޕޯކްސްޕާސަން މުއާޒުވެސް ހަމްދަރުދީގެ ޓްވީޓްތައް ކުރައްވައެވެ. ނަމަވެސް މިފަހަރު އައްޑޫގެ ރައްޔިތުންގެ ހާލާއި ބެހޭ ގޮތުން ޓްވީޓެއް ވެސް ނުކުރައްވައެވެ. މަނިކުފާނަކީ، ރިސޯޓްތަކުގެ ޕްރޮޖެކްޓްތައް އިފްތިތާޙް ކުރެއްވުމުގެ ޖަލްސާތަކުގެ ތެރެއިން ވެސް ސިޔާސީ 'ރޮކެޓްތައް' ފޮނުވާލުމުގެ ޤާބިލްކަން ހުންނެވި ބޭފުޅެކެވެ. އެހެންވެ އަޅުގަނޑުމެން އުއްމީދުކޮށްގެން ތިބީ، ރޭ ބޭއްވި "އިކޮނޮމިކް ޑައިލޮގް ވިތު ދަ ޕްރެޒިޑެންޓް" ގެ ނަމުގައި ރޭ ބޭއްވި ފޯރަމުގެ ތެރެއިން މަނިކުފާނު އަޅުގަނޑުމެން ތިބި ހާލުގެ ވާހަކަ ދައްކަވާނެ ކަމަށެވެ. ކަންތައް ވެގެން ދިޔައީ އަޅުގަނޑުމެން ހީކުރި ގޮތާއި ޚިލާފަށެވެ.

މަނިކުފާނެވެ! ދަންނަވަންތޯއެވެ. ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ ރައްޔިތުންގެ ހާލު ބައްލަވަމުން ގެންދެވުމަކީ މަނިކުފާނުގެ ޒިންމާ އަދާކުރެވުނީ ކަމަށް ހީފުޅުކުރައްވަނީ ހެއްޔެވެ؟ އައިބީ އަދާކުރައްވަމުން ގެންދަވަނީ ހަގީގަތުގައި މަޖިލީހުގެ މެންބަރެއްގެ ވަޒީފާއެއް ވެސް ނޫނެވެ. އެއީ އެބޭފުޅާގެ ފަރުދީ ޒިންމާއެވެ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި އައިބީ ވަނީ މަނިކުފާނުގެ ސަމާލުކަމަށް އައްޑޫގެ ހާލަތުގެ ވާހަކަ ގެނެސްފައެވެ. ރިޔާސީ އިންތިޙާބުގެ ތެރޭގައި މަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތަކުގެ މަތިން ހަނދުމަފުޅު ނެތިވަޑައިގެންނެވި ގޮތަށް، ހާލުގައި ޖެހިފައި ތިބި ރައްޔިތުންގެ މަތިން ވެސް މަނިކުފާނު ހަނދުމަފުޅުނެތިވަޑައިގަތީ ތޯއެވެ؟

މަނިކުފާނު ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގަތްގޮތާއި އެކަމުގައި މަނިކުފާނަށް މަދަދުވެރިވެ ޖާނާއި މާލުން ޤުރުބާންވި އެއް ބަޔަކީ، އައްޑޫ ސިޓީ ފޭދޫގެ ރައްޔިތުންނެވެ. އައްޑޫގައި ޕީޕީއެމްގެ ހަރަކާތްތަކަށް 'މަރުދޭ" މީހުން ތިބީ ފޭދޫގައެވެ. މަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް، ޕީޕީއެމްގެ މެންބަރަކު މަޖިލީހަށް އިންތިޙާބުކޮށްދިނީ ފޭދޫގެ ރައްޔިތުންނެވެ. މަނިކުފާނަށް މަދަދުވެރިވެ ޖާނާއި މާލުން ޤުރުބާންވި މީހުންނަށް މަނިކުފާނު 'ތެޔޮހަމެއް' ނުދެއްވާ ވާހަކައެއް ނޫނެވެ. ރައްޔިތުން ހާލުގައި ޖެހުނު ދުވަހު އެވާހަކަ ދައްކަވަން މަނިކުފާނުގެ "ގަޓެއް" ނެތީތޯއެވެ؟

މަނިކުފާނަކީ، އަޅުގަނޑުމެން ހުރިހާ ރައްޔިތުންގެ ރައީސުލްޖުމްހޫރިއްޔާއެވެ. މި ހިތްދަތި ކަމުގައި އަޅުގަނޑުމެން ތިބި ވަގުތު، މިކަމާއި ބެހޭ ގޮތުން މަނިކުފާނު އެއްޗެއް ވިދާޅުނުވެ ހަނު ހުންނަވަނީ ކީއްވެގެންތޯއެވެ؟ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މަނިކުފާނުގެ ޕާޓީގެ މެންބަރުން ދައްކަވާ ވާހަކަ ޤަބޫލުކުރަން އަޅުގަނޑުމެންނަށް ވަރަށް ދަތިއެވެ. އެބޭފުޅުން މިއަދު މަނިކުފާނުގެ ދިފާޢުގައި ވާހަކަ ދެއްކެވިއްޔާ އަނެއް ދުވަހު ތިއްބަވަނީ ފުރޯ ހިފައިގެން މަނިކުފާނާއި ދެކޮޅަށް ހަނގުރާމައަށް ނިކުންނަ ހިސާބުގައެވެ.

މިއީ ވޯޓުގެ ދުވަސްވަރު ނަމަ މަނިކުފާނު އަޅުގަނޑުމެންނާއި ފެނުއަޑިން ވެސް ބައްދަލު ކުރާނެއެވެ. މިއަދު މަނިކުފާނަށް އަޅުގަނޑުމެން މުހިއްމެއް ނޫނެވެ. އަޅުގަނޑުމެންގެ ޝަކުވާތައް ވަރަށް ގިނައެވެ. މަނިކުފާނާއި ބައްދަލުކުރަން އައްޑޫގެ ރައްޔިތުން ބޭނުންވަނީ، އައްޑޫގައި ތިއްބަވާ ސަރުކާރުގެ ވެރިންގެ ކިބައިގައި އިޚްލާސްތެރިކަމެއް ނެތީމައެވެ. ފެންބޮޑުވެގެން 1 ދުވަސް ވީއިރު ވެސް ބަލިމަޑުކަމެއް ފެތުރިދާނެތީ ރައްކާތެރިވުމަށް ގޮވާލާނެ ވެރިއެއް ހޮސްޕިޓަލުގައެއް ނެތެވެ. މުޅި އައްޑޫގައި ވެސް ހުރީ، މުއްދަތު ހަމަވެފައިވާ 5 ކިލޯ ކްލޮރިން އެވެ. ހިތަދޫ ހޮސްޕިޓަލުގެ ބޭފުޅުން ގެންދެވީ އަހަރީ ދުވަހު ޕާޓީ ބާއްވައި އުފާ ފާޅުކުރައްވަމުންނެވެ. އެބޭފުޅުންގެ މަސައްކަތަކީ ރައްޔިތުންނަށް ޖެއްސުން ކުރުން ކަމަށް އަޅުގަނޑުމެންނަށް ސިފަކުރެވެއެވެ. ފެނަކަ ކޯޕަރޭޝަނާއި އެމްއާރްޑީސީ ތޯއްޗެވެ. އެތަންތަނުގައި ތިއްބަވަނީ ބޭފުޅުންނެވެ. ރައްޔިތުންގެ ތެރެއިން ވަކި ބަޔަކާއި ވާހަކަ ދެއްކުން އެމީހުންނަށް މަނާކޮށްފައި އޮންނަ ކަހަލައެވެ. ދެން ހުރީ ހައުސިން މިނިސްޓްރީގެ ގޮތްޕެކެވެ. ދައްކަވަނީ މޮޅެތި ވާހަކަ ތަކެވެ. އަމަލާއި ބަހާއި ދިމަލެއް ނުވެއެވެ.

މި ނިކަމެތި ރައްޔިތުންގެ ޝަކުވާތައް އަޑު އަހާލަން ނަމަވެސް މަނިކުފާނު ހާލުގައި ޖެހިފައިވާ ރައްޔިތުންގެ ހާލު ބައްލަވަން ވަޑައިގަންނަވާނެ ނަމަ ހާދަހާވާ ރަގަޅެވެ. އޭރުން މަނިކުފާނަކީ 21 ވަނަ ގަރުނުގެ ގަޓު ހުރި ރައީސް އޭ އަޅުގަނޑުމެން ބުނާނަމެވެ.

އަދި ދަންނަވަމެވެ. އައްޑޫގެ ރައްޔިތުންނަށް އިހާނެތިކޮށް ހިތާ މީހުންނާއި، އައްޑޫގެ ރައްޔިތުންގެ ތަރައްޤީގައި ކޮޅުފައިން ޖެހި ފަރާތްތަކާއި، އައްޑޫގައި ހުޅުޖެހި ސިޔާސީ ބޭފުޅުންނަށް އިންތިހާބުތަކުގައި އައްޑޫގެ ރައްޔިތުން ދޭނީ ވޯޓެއް ނޫނެވެ. ފޭދޫ އިން ދޭނީ ގަބުޅިއެވެ. މަރަދޫ އިން ދޭނީ ރޮނޑެވެ. ހުޅުދޫ ސިންގާ އާއި މީދޫ ސިންގާގެ ބާރު ފެނިފައި އެބޭފުޅުންގެ އަރު ތެރޭގައި ނާކާމިޔާބީގެ ހިތަރަހަ އިންތިހާބުގެ ނަތީޖާގެ ކުރިން ވެސް ލައްވާލާނެއެވެ. އައްޑޫއިން ފައިބައިގެން ދާން ޖެހޭނީ ހިތަދޫ މީހުން، އެބޭފުޅުންގެ ބޮލުގައި އެޅުވި ގޯނި ވެސް ހަދިޔާގެ ގޮތުގައި ހިއްޕަވައިގެންނެވެ. ޢިއްޒަތްތެރި މަނިކުފާނު ވެސް އަޅުގަނޑުމެން މަތިން ހަނދުމަފުޅު ނެތިއްޖެ ނަމަ، އައްޑޫ ރައްޔިތުންގެ ފަރާތުން 2018 ގައި ލިބޭނީ މިފަދަ މެހުމާންދާރީ އެކެވެ.

ޝުކުރިއްޔާ !

ނޯޓް: މިއީ ކިޔުންތެރިއަކު 'އައްޑޫލައިވް' އަށް ފޮނުވި ސިޓީއެކެވެ. 'އައްޑޫލައިވް' ގެ ފަރާތުން މި ސިޓީއަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާނެއެވެ.