Last Updated: March 29, 10:16
Friday, March 29, 2024

ފެންބޮޑުވި ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީވުމަށް އައްޑޫ ކައުންސިލުން ފަންޑެއް ހުޅުވައިފި

މިދިޔަ އަންގާރަ ދުވަހު އައްޑު އަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ފަންޑެއް ހުޅުވައިފިއެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އައްޑޫއަށް ކުރި ވިއްސާރައިގައި ފޭދޫ، އަދި މަރަދޫފޭދޫގެ 300 އެއްހާ ގެއަށް ގެއްލުން ލިބި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ އެފަރަތްތަކަށް އެހީތެރިވުމުގެ ގޮތުން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ފަންޑެއް ހުޅުވުމަށް ނިންމައި އެފަންޑަށް ކައުންސިލްގެ އާމްދަނީ ބަޖެޓުން 200،000ރ. ހަދިޔާކޮށްފައިވާ ކަމަށެވެ.

ސޯބެ ވިދާޅުވީ ފާއިތުވި 3 ދުވަހުވެސް ކައުންސިލްގެ މުވައްޒަފުންނާއި، ޑިޒާސްޓަރ މެނޭޖްމަންޓް އަދި އެހެނިހެން މުވައްސަސާތައް ގުޅިގެން ގެއްލުން ގެތަކަށް ގޮސް މައުލޫމާތު އެއްކުރަމުންދާކަމަށެވެ.

އެގޮތުން މިހާތަނަށް އެއްކުރެވުނު މައުލޫމާތުން 8 ގޭގެ ހުރިހާ ސާމާނެއް ހަލާކުވެފައިވާ އިރު މިއަދަދު އިތުރުވެދާނެ ކަމަށް ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ފަންޑަށް ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެކަން ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމުގެ ގޮތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ކައުންސިލް އިދާރާގައި ފަންޑް ފޮއްޓެއް ވެސް ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

"ފަންޑު ފޮށި ބަހައްޓާތަންތަން އާދީއްތަ ދުވަހު މުޅިން އެގިގެންދާނެ، މީގެ ބޭނުމަކީ ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ފަރާތްތަކަށް މަގު ފަހިކޮށްދިނުން. ކައުންސިލް ރޭގައި ނިންމާފައިވަނީ ފަންޑަށް ލިބޭ ފައިސާ ބެލެހެއްޓުމަށް މިނިވަން ކޮމެޓީއެއް ނަގާ އެކޮމެޓީން އެކަންކަން ބެލެހެއްޓުން"

ސޯބެ ވިދާޅުވީ ކައުންސިލުން ނިންމައިފައި ވަނީ ފަންޑަށް ފައިސާ ހަދިޔާ ކުރުން ދެ ހަފުތާއެއްހާ ދުވަހަށް ކުރިއަށް ގެންދިއުމަށެވެ.

އަންގާރަ ދުވަހު ކުރި ވިއްސާރާގައި ފޭދު އާއި މަރަދޫފޭދޫގައި ބޮޑުވި ފެން ގަނޑު ހިންދާލެވިފައިވާ އިރު ދެ އަވަށުގެ އާންމު ހާލަތު ވެސް ވަނީ ހަމައަކަށް އެޅިފަ އެވެ.